އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރުވެސް މުސްތަފާއާ ބައްދަލުކުރައްވައިފި

އިސްލާމިކު ޔުނިވާސިޓީގެ ޗަންސެލާ، މުސްތަފާ އަދި އޭނާގެ އާއިލާއާއެކު މިއަދު ބޭއްވި ބައްދަލު ކުރެއްވުމުގެ ތެރެއިން — ފޮޓޯ: އިސްލާމިކް ޔުނިވާސިޓީ

އެންމެ އެގާރަ އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކޮށް، މިދިޔަ ރޯދަމަހު އިމާމުވެ ތަރާވީޙް ނަމާދުކޮށްގެން އެތައް ބައެއްގެ ސަމާލުކަން ހޯދި، ބ. އޭދަފުއްޓަށް އުފަން އަލްހާފިޒު މުހައްމަދު މުސްތަފާއާ، ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މިހާރު އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުވެސް، ބައްދަލުކުރައްވައިފި އެވެ.

އިސްލާމިކް ޔުނިވަސިޓީގައި މިއަދު ބޭއްވި އެ ބައްދަލުވުމުގައި ޑރ. ޝަހީމު، މުސްޠަފާ މިފަދަ ހަގު އުމުރެއްގައި ކީރިތި ގުރުއާން ހިތުދަސްކުރެއްވީތީ، އެކަމަށް ތައުރީފު ކުރައްވައި ސާބަސް ދެއްވި އެވެ. އަދި މުސްތަފާގެ މައިން ބަފައިންނަށް ވަރަށްބޮޑަށް މަރުހަބާ ވިދާޅުވެ، ގުރުއާން ކިޔެވުމުގެ ފަންނުގައި މުސްތަފާގެ ކުރިއެރުމަށް ބޭނުންވާ ކޮންމެ އެހީއެއް ދެއްވުމަށް އިސްލާމިކް ޔުނިވަސިޓީން ތައްޔާރަށް އޮތް ކަމަށް ޑރ. ޝަހީމު ވިދާޅުވި އެވެ.

އިސްލާމިކު ޔުނިވާސިޓީގެ ޗަންސެލާ، މުސްތަފާ އަދި އޭނާގެ އާއިލާއާއެކު މިއަދު ބޭއްވި ބައްދަލު ކުރެއްވުމުގެ ތެރެއިން — ފޮޓޯ: އިސްލާމިކް ޔުނިވާސިޓީ

ޑރ. ޝަހީމު މިއަދު މުސްތަފާ އާ ބައްދަލުކުރެއްވި އިރު، އޭނާ ވަނީ ރޯދަމަހު މުސްތަފާ އިމާމުގެ އޭދަފުށީ ބޮޑު މިސްކިތުގައި ތަރާވީސް ނަމާދުކުރި ލައިވް ވީޑިއޯ ޝެއާ ކުރައްވަމުން “މިއީ ވަރަށް އުފާވެރި މަންޒަރެއް” ކަމަށް ވިދާޅުވެ މުސްތަފާއާ ބައްދަލުކޮށްލައްވަން ވަރަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވެ ފައެވެ.

“އެހާ ކުޑަ ކުއްޖަކު ހިފްޒުކޮށް ރާއްޖޭގައި އިމާމްވެ ނަމާދުކުރުމަކީ މުޅި ރާއްޖެއަށްވެސް ލިބޭ ޝަރަފެއް،” ޝަހީމްގެ އަމިއްލަފުޅު ފޭސްބުކް ޕޭޖުގައި ވީޑިއޯ ޝެއާ ކުރައްވަމުން އޭރު ލިޔުއްވާފައިވެ އެވެ.

މުސްތަފާ އާއި އޭނާގެ އާއިލާގެ ބޭފުޅުންނާ އިއްޔެ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދުވެސް ވަނީ ބައްދަލުކުރައްވާފަ އެވެ.

ދާދި ފަހުން އިންޑިޔާގައި ޤުރުއާން އެއްކޮށް ހިތުދަސްކުރުމަށްފަހު ރާއްޖެއައި މުސްތަފާއަކީ އެގިފައިވާގޮތުގައި މިހާތަނަށް ރާއްޖޭގައި ހިފްޒްކޮށް ތަރާވީހްނަމާދެއް އިމާމްވެކުރި އެންމެ ހަގު ކުއްޖާއެވެ. އޭދަފުށީގެ ބައްޕައަކާއި އިންޑޔާގެ މަންމައަކަށް ލިބިފައިހުރި މި ކުޑަކުއްޖާ ތަރާވީހް ނަމާދު އިމާމްވެ ނަމާދުކުރި މަންޒަރު ރާއްޖޭގެ ބައެއް މީޑިޔާތަކުން ވަގުތުން ގެނެސްދިނެވެ. މުސްތަފާގެ އެއްބަޑު އެއްބަފާ ދައްތައަކު ވެސް މިހާރު އަންނަނީ ގުރުއާން ހިތުދަސްކުރަމުންނެވެ.

އިސްލާމިކު ޔުނިވާސިޓީގެ ޗަންސެލާ، މުސްތަފާ އަދި އޭނާގެ އާއިލާއާއެކު މިއަދު ބޭއްވި ބައްދަލު ކުރެއްވުމުގެ ތެރެއިން — ފޮޓޯ: އިސްލާމިކް ޔުނިވާސިޓީ

ކީރިތި ގުރުއާން ކިޔެވުމާއި އުނގަންނައިދިނުމުގެ ދާއިރާއިން ދެވެން އޮތް އެންމެ މައްޗަކަށް ދިއުމުގެ އަޒުމުގައި މި ހަފްތާތެރޭ މުސްތަފާ އެނބުރި އިންޑިޔާއަށް ފުރާނެ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.