
ރޭ ފަތިހު މާލޭގައި ޓްރެފިކް ޗެކް ކުރަން އުޅެނިކޮށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖައްސާ ޒަޚަމްކޮށްލި ފުލުސް މީހާ މަރުވެއްޖެ ކަމަށް ފުލުސް އޮފީހުން ބުނެފި އެވެ.
ފުލުހުން ބުނީ ފަތިހު ހަތަރެއް ޖަހާކަން ހާއިރު ރަސްމީ ފާލަމާ ދިމާލުން ބޮޑުތަކުރުފާނު މަގުގައި ވީސީޕީ ޖަހައިގެން ސައިކަލްތައް ޗެކްކުރަން ހުރި ބ. ހިތާދޫ ނަސީމީ ވިލާ ކޮންސްޓަބަލް މިސްބާހު އަބްދުﷲ، 22، ގެ ގައިގައި ސައިކަލަކުން ޖެއްސުމުން އޭނާ ވިއްސައިގެން ގޮސް ގާތްގަނޑަކަށް 80 ވަރަކަށް ފޫޓު ދުރުގައި ޖެހުނު ކަމަށެވެ. އޭނާ މަރުވީ އޭޑީކޭގައި ފަރުވާދެމުން ދަނިކޮށެވެ.
ފުލުހުން ބުނީ މިސްބާހު ވިއްސައިގެން ގޮސް ޖެހުމުން އޭނާގެ ކަނދުރާ އާއި ފައި ބިނދި ބޮޑެތި ޒަޚަމްތަކެއް ހަށިގަނޑަށް ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ސިކުނޑި މަސައްކަތް ނުކުރާ ކަމަށް އޭޑީކޭ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ސައިކަލުން ފުލުސް އޮފިސަރުގެ ގައިގައި ޖެއްސި ދެ މީހުންނަށް ފަރުވާދިނުމަށް ފަހު މިވަގުތު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.