މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރުގައި ވާދަކުރާ އޭދަފުށި ޓީމަށް ރައްޔިތުންގެ މާލިއްޔަތުން ކުރަންޖެހޭ ހަރަދު މިފަހަރު ވަރަށްބޮޑުތަން ކުޑަވާނެކަމަށް އޭދަފުށި ކައުންސިލުން ބުނެފިއެވެ.
އޭދަފުށި ފުޓްބޯޅަ ޓީމުގެ ކަންކަން ބެލެހެއްޓުމުގައި ކައުންސިލްގެ ފަރާތުން އެންމެ އިސްކޮށް މިއަހަރު ހަރަކާތްތެރިވެވަޑައިގަންނަވާ ކައުންސިލް މެންބަރު ޒައިދު ޢަލީ މިއަދު “އީޓީ” އާ ވާހަކަދައްކަވަމުން ވިދާޅުވީ ޓީމަށްކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމަށް އެކި ފަރާތްތަކުން ގިނަ އެހީތަކެއް ލިބެމުންއަންނަ ކަމަށެވެ. “އެހެން އަހަރުތަކާ އަޅާ ބަލާއިރު މިއަހަރު ހެޔޮއެދޭ ފަރާތްތަކުން ލިބެމުންއަންނަ އެހީތެރިކަން އިތުރުކަމަށް ފާހަގަކުރެވޭ. އެހީގެ ގޮތުގައި ލިބެމުންއަންނަ ފައިސާއިން ޚަރަދުގެ ބޮޑު ބައެއް ކަވަރކުރެވޭނެކަމަށަް މިބަލަނީ، އަމާޒަކީ ވީހާވެސް ކުޑަ އެއްޗެއް ރައްޔިތުންގެ ފައިސާއިން މިކަމަށް ޚަރަދުކުރުން” ޒައިދު ވިދާޅުވިއެވެ.
ޒައިދު އިތުރަށް ވިދާޅުވިގޮތުގައި ޓީމު މިއަދު ކުޅުދުއްފުށްޓަށް ފުރިކަމުގައިވިޔަސް ޓީމަށް އެހީދޭން ބޭނުންވާ ފަރާތްތަކަށް އަދިވެސް އެފުރުސަތު ހުޅުވިފައިވާ ކަމަށާއި، ޓީމަށް އެކިފަރާތްތަކުން ލިބެމުންއަންނަ އެހީތެރިކަމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.
އަންނަ ބުރާސްފަތި ދުވަހު ކުޅުދުއްފުށީގައި ފަށަން ހަމަޖެހިފައިވާ މުބާރާތުގައި ބައިވެރިވުމަށް މިއަދު ހެނދުނު ޓީމް ވަނީ އޭދަފުށިން ފުރާފައެވެ. ދަރަވަންދޫ މަގުން ހަނިމާދޫއަށް ދިއުމަށް މިއަދު ޓީމު ފުރިއިރު މުހިއްމު ބައެއް ކުޅުންތެރިން ޓީމާއެކު ނުދިޔަ ނަމަވެސް ބުރާސްފަތި ދުވަހު ކުޅުދުއްފުށްޓާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އެކުޅުންތެރިންވެސް ޓީމާ ގުޅޭނެކަމަށް ކައުންސިލް މެންބަރު ޒައިދު ވިދާޅުވެފައިވެއެވެ. ” ޓީމުގެ ކުޅުންތެރިންނާއި، އޮފިޝަލުންނަށް ރިލީޒް ދިނުމުގައިވެސް ވަރަށް ބޮޑު އެހީތެރިކަމެއް އޮފީސްތަކުންނާއި، ރިސޯޓްތަކުން ލިބިފައިވޭ، އެހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން.” ޒައިދު ވިދާޅުވިއެވެ.
އުތުރުގެ ހަތަރު ޒޯނުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ފައިނަލް ބުރުގައި އޭދަފުށްޓާއި،، ކުޅުދުއްފުށީގެ އިތުރުން ވާދަކުރާނީ މިލަންދޫ އާއި، އއ. މާޅޮހެވެ. މި ބުރުން އެންމެ ރަގަޅު ނަތީޖާ ހޯދާ ހަތަރު ޓީމަށް މިއަހަރު މާލޭގައި އޮންނަ ދިވެހި ޕްރިމިއަރ ލީގުން ޖާގަދޭގޮތަށް އެފްއޭއެމުންވަނީ ހަމަޖައްސާފައެވެ.