ފުޓްބޯޅަ ޓީމަށް އެހީގެ ގޮތުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރުގައި ވާދަކުރާ އޭދަފުށީ ފުޓްބޯޅަ ޓީމަށް އެހީގެ ގޮތުގައި މިހާތަނަށް ބައިލައްކައަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.

އޭދަފުށީ ކައުންސިލުގެ މެންބަރު ޒައިދު އަލީ ވިދާޅުވި ގޮތުގައި ފައިސާގެ ހިލޭ އެހީގެ ގޮތުގައި އެކަނިވެސް 69255ރުފިޔާ ވަނީ ލިބިފަ އެވެ. އެއީ ހިލޭ އެހީގެ ގޮތުގަިއ ހެޔޮއެދޭ ފަރާތްތަކުން ލިބުނު34255 ރުފިޔާ އާއި އެފްއޭއެމު އިން ލިބުނު 35000 ރުފިޔާ އެވެ.

ޒައިދު ވިދާޅުވީ ފުޓްބޯޅަ ޓީމަށް އެހީވުމަށް އެކި ކެމްޕެއިންތައް މިހާރުވެސް ހިންގަމުން އަންނާތީ އެހީގެ އަދަދު އެއަށްވުރެ މައްޗަށްދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ޒައިދު ވިދާޅުވީ ފައިސާގެ އެހީގެ އިތުރުން ތަކެތީގެ ގޮތުގައިވެސް ބައެއް ފަރާތްތަކުން ބޮޑެތި އެހީތަކެއް ފޯރުކޮށްދީފައިވާ ކަމަށެވެ.

އޭދަފުށީ ފުޓްބޯޅަ ޓީމަށް ލިބިފައިވާ ބައެއް އެހީތައް
ކްލަބް ދަ ބިގިނާސް -/5000ރ.
ސަލްސާ އިންވެސްޓްމަންޓް -/5000ރ.
ފޭލި ޖަމިއްޔާ -/5000ރ.
ފްރެންޑްމީ -/7500 ރުފިޔާގެ ޓްރެވެލިން ކިޓް
ސޮނެވާފުށީ ރިސޯޓް (ދިހަ ކުޅުންތެރިންގެ އެއްކޮޅު ޓިކެޓް)
ޔޫސުފް މޫސާ، ދޭދަރުގެ / ދޭދަރުގެ (ދިހަ ކުޅުންތެރިންގެ އެއްކޮޅު ޓިކެޓް)
މޯލްޑިވިއަން (ހަ ކުޅުންތެރިންގެ ދެކޮޅު ޓިކެޓް)
ފަސްމުގޫ ގްރޫޕް (ޓީމަށް ބޭނުންވާ ބައެއް ސާމާނު)

މީގެ އިތުރުންވެސް ހެޔޮއެދޭ ފަރާތްތަކުންނާނައި އާއްމު ފަރުދުންގެ ފަރާތުންވެސް އެހީތައް ލިބެމުން އަންނަކަމަށް ކައުންސިލުން ބުންޏެވެ.

ޒައިދު ވިދާޅުވި ގޮތުގައި ޓީމަށް ކުރަންޖެހޭ ޚަރަދުތައް ހަމަޖެއްސުމަށް އެކި ފަރާތްތަކުން ގިނަ އެހީތަކެއް ލިބެނުން އަންނައިރު، ރައްޔިތުންގެ މާލިއްޔަތުން ކުރަންޖެހޭ ހަރަދު މިފަހަރު ވަރަށްބޮޑުތަން ކުޑަވާނެ އެވެ.

“އަމާޒަކީ ވީހާވެސް ކުޑަ އެއްޗެއް ރައްޔިތުންގެ ފައިސާއިން މިކަމަށް ޚަރަދުކުރުން” ޒައިދު ވިދާޅުވި އެވެ.

މާދަމާ ކުޅުދުއްފުށީގައި ފަށަން ހަމަޖެހިފައިވާ މި މުބާރާތުގައި ވާދަކުރުމަށް އޭދަފުށީ ފުޓްބޯޅަ ޓީމު ކުޅުދުއްފުއްޓަށް ފުރީ އިއްޔެ ހެނދުނު އެވެ.
ފައިނަލް ބުރުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު އޭދަފުށި ނިކުންނާނީ ކުޅުދުއްފުއްޓާއި ދެކޮޅަށެވެ. ދެވަނަ މެޗުގައި ޖުލައި 10 ވަނަ ދުވަހު ށ. މިލަންދޫއާ ވާދަކުރާއިރު ގްރޫޕުގެ ފަހު މެޗުގައި ޖުލައި 12 ވަނަ ދުވަހު ވާދަކުރާނީ އއ. މާޅޮހާއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.