މިލަންދޫ އަތުން ބަލިވެ ޗެމްޕިއަން އޭދަފުށި އުނދަގޫ ހާލަތަކަށް

މިލަންދޫ ޓީމުގެ ކުޅުންތެރިއަކު ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ. ފޮޓޯ / ކުޅުދުއްފުށީ އޮންލައިން

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިލަންދޫ އަތުން ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެ ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައިވުމުގެ ފުރުސަތު އޭދަފުއްޓަށް ހަނިވެއްޖެއެވެ. ކުޅުދުއްފުށީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން އޭދަފުށި ބަލިވީ 4-1 އިންނެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަން އަދި މިފަހަރުވެސް ފޭވަރިޓުން ގޮތުގައި ބެލެވުނު އޭދަފުށީގެ މައްޗަށް މިލަންދޫން ވަނީ ފުރަތަމަ ހާފުގައި ތިން ގޯލު ކާމިޔާބުކޮށްފައެވެ. މެޗު ފެށިގެން މިލަންދޫ ޓީމުން މޮޅަށް ކުޅެ ލިބުނު ހިލޭ ޖެހުމަކުން ވަނީ ފުރަތަ ގޯލު ކާމިޔާބު ކޮށްފައެވެ. ނަމަވެސް އޭގެ ކުޑަ އިރުކޮޅެއްފަހުން އޭދަފުށީ ޓީމުގެ މުޙައްމަދު ފާސިރު (ފާއްޓެ) ވަނީ ގޯލެއް ޖަހާ އޭދަފުއްޓަށް އުއްމީދެއް ގެނެސްދީފައެވެ. ނަމަވެސް މިއަދުގެ މެޗުގައި އާދައިގެ ގޮތަކަށް ފެނުނު އޭދަފުށީ ޑިފެންސް ލައިނަށް ބާރުބޮޑުކޮށް މިލަންދޫން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ދެގޯލް ކާމިޔާބުކޮށް ނަތީޖާ 3-1 އަށް ބަދަލުކޮށްލާފައެވެ.

ދެވަނަ ހާފުގައި އޭދަފުށީގެ ކުޅުން ރަގަޅުކޮށް ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. މިއަދުގެ މެޗުގައިވެސް ލިބުނު ހުސް ފުރުސަތުތައް އޭދަފުށީ ޓީމަށް ނިންމާލެވިފައެއް ނުވެއެވެ. މިލަންދޫން އެޓީމުގެ ހަތަރު ވަނަ ލަނޑު ޖެހީ ކައުންޓަރ އެޓޭކުގައި ލިބުނު ފުރުޞަތެއްގައެވެ. މުޅި މެޗުގައި މިލަންދޫ ޓީމުން ވަނީ މޮޅަށްކުޅެ އޭދަފުށި ހުއްޓުވުމުގައި ކާމިޔާބު ހޯދާފައެވެ. މިއީ މިނިވަން ޗެމްޕިއަންޝިޕްގެ ތާރީހުގައި އޭދަފުށި އެންމެ ތަފާތު ބޮޑުކޮށް ބަލިވިމެޗެވެ.

މި ބައްޔާއެކު ސެމީ ފައިނަލަށް ދިއުމަށް އޭދަފުއްޓަށް ވަނީ ވަރަށް ބޮޑު ހުރަހަކާ ކުރިމަތިވެފައެވެ. އޭދަފުއްޓަށް ސެމީ ފައިނަލަށް ދެވޭނެ ހަމައެކަނި ގޮތަކީ ފަހު މެޗުގައި މާޅޮހާ ބައްދަލުކުރާ މެޗު ތިން ގޯލުގެ ތަފާތަކުން ކާމިޔާބު ކޮށްގެންނެވެ. އެނޫން ނަތީޖާއަކުން މޮޅުވިޔަސް އޭދަފުށި މުބާރާތުން ކަޓާނެއެވެ. ނަމަވެސް މެޗު އެއްވަރުކޮށްލައިގެންވެސް މާޅޮހަށް ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރު ވާނެއެވެ.

އޭދަފުއްޓާއި މިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން.. ފޮޓޯ/ކުޅުދުއްފުށީ އޮންލައިން

ކޮންމެ ޓީމެއްވެސް ދެމެޗު މިހާތަނަށް ކުޅުނުއިރު އެއްވަނައިގައި މާޅޮސް އޮތީ ހަތަރު ޕޮއިންޓާއި އެކުއެވެ. ދެވަނަ މިލަންދޫއަށް ލިބެނީ ތިން ޕޮއިންޓާއިއެކުއެވެ. ތިންވަނަގައި އޮތް ކުޅުދުއްފުށްޓަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ. ފުލުގައި އޭދަފުށީ އޮތީ ކުޅުނު ދެމެޗުން އެއް ޕޮއިންޓް ލިބިގެންނެވެ.

މި މުބާރާތުގެ ގްރޫޕް ދޭއްގައި ކުޑަހުވަދޫ ވަނީ މިއަދު ތިމަރަފުށީގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ. މި މޮޅާއެކު ކުޑަހުވަދޫ ވަނީ ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑުކޮށްފައެވެ. މި ގްރޫޕްގައި ތިނަދޫ އަދި ކުޑަހުވަދޫއަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު ފައިދާ ގޯލުގެ ތަފާތުން އެއްވަނަ ލިބެނީ ތިނަދޫ އަށެވެ. ދެވަނަ ކުޑަހުވަދޫއަށް ލިބޭއިރު ތިންވަނައިގައި އޮތީ ތިމަރަފުށްޓެވެ. ދެމެޗުން ލިބުނު އެއް ޕޮއިންޓާއެކު ފޭދޫ އޮތީ މި ގްރޫޕްގެ ފުލުގައެވެ.

މި މުބާރާތުގެ މެޗެއް ދެންކުޅެވޭނީ ޖުލައި 12 ވަނަ ދުވަހުއެވެ. ގްރޫޕް އެކެއްގައި އޭދަފުއްޓާއި މާޅޮސް ވާދަކުރާއިރު ގްރޫޕް ދޭއްގައި ވާދަކުރާނީ ކުޑަހުވަދޫ އަދި ފޭދޫ އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

  1. ޢަބްދުލްމުހައިމިން / އިނގުރައިދޫ

    އަޅުގަނޑަކީ ޢާންމުކޮށް މި ނޫސް ބަލައި ކިޔައި ހަދާ މީހެއް. މާޒީގެ ތަޖުރިބާއަށް ބަލާއިރު “ބައްޓޭ” ގެ ކޯޗް ކަމުގައި އޭދަފުށި ޓީމް ކުޅެފައިވާ މުބާރާތްތަކުގައި އެންމެ އުހަށް ވެސް ދަތުރުކޮށްފައިވަނީ ސެމީއަށްކަން ފާހަގަކުރެވޭ. ޓީމް ރޭވުމުގައި ކޯޗުގެ މައްސަލަތަކެއް އުޅޭކަމަށް ޤަބޫލުކުރެވޭ. މި ނަތީޖާ އަކީ އޭދަފުށީ ޓީމުގައި ތިބި ކުޅުންތެރީންނަށް ބަލާއިރު ޤަބޫލުކުރަން އުނދަގޫ ނަތީޖާއެއް. ޢަބްދުލްމަޖީދު ފަދަ ބޭފުޅުންގެ ފުރިހަމަ އިރުޝާދު ހޯއްދަވާ!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.