ގޮއިދޫ ސްކޫލުގެ ދަރިވަރަކު ޖަޕާނަށް

އެކްޗޭންޖް ޕްރޮގްރާމުގައި ރާއްޖޭން ބައިވެރިވާ ދަރިވަރުންގެ ޓީމް ޖަޕާނަށް ފުރުމުގެ ފުރިން ގްރޫޕް ފޮޓޯއަކަށް ހުއްޓިގެން. މި ދަރިވަރުން ޖަޕާނުގެ ޕުކޯކާގައި ދެ ހަފްތާ ހޭދަކުރާނެ

29 ވަނަ އޭޝިޔާ ޕެސިފިކް ޗިލްޑްރަންސް ކޮންވެންޝަން (އޭޕީސީސީ) ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމްގައި ބައިވެރިވުމަށް ބ. ގޮއިދޫ ސްކޫލުގެ ދަރިވަރަކު ޖަޕާނަށް ފުރައިފި އެވެ.

ޖަޕާނުގެ ތާރީހީ ރަށެއްކަމަށްވާ ފުކޯއާގައި މިމަހުގެ 27 ގެ ނިޔަލަށް ބާއްވާ މި ޕްރޮގްރާމުގައި ގޮއިދޫ ސްކޫލުން ބައިވެރިވަނީ އެ ސްކޫލުގެ ގްރޭޑް 5 ގައި ތައުލީމު ހާސިލުކުރަމުންދާ މުހައްމަދު އަހްސަނެވެ.

އަހްސަން

މި ޕްރޮގްރާމުގައި އަތޮޅު ތެރެއިން ދެން ބައިވެރިވަނީ ފ. ފީއަލީ ސްކޫލްގެ ދަރިވަރަކާއި، މ. މަޑުއްވަރީ ސްކޫލްގެ ދަރިވަރެކެވެ. މީގެ އިތުރުން މުހްޔިއްދީން ސްކޫލާއި ގާޒީ ސްކޫލްގެ އަދި އިމާދުއްދީން ސްކޫލުގެ ދަރިވަރަކުވެސް ބައިވެރިވެ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނިގޮތުގައި މި ޕްރޮގްރާމްގެ މަގްސަދަކީ ދިރިއުޅުމުގެ ސަގާފަތާއި އާދަކާދަ ހިއްސާކުރުމަށް އެއްބަޔަކު އަނެއްބަޔަކަށް އިހުތިރާމްކުރުމާއި އަދި ސުލްހަމަސަލަސްކަން ގާއިމުކުރުމުގެ ރޫހު ދަރިވަރުންގެ ކިބާގައި އުފެއްދުމެވެ.

މި ޕްރޮގްރާމަށް އަތޮޅުތެރެއިން ހޮވިފައިވާ ދަރިވަރުން ޖަޕާނަށް ފުރުމަށް މާލެ އައިސް މާލޭގައި ހޭދަވާ މުއްދަތުގައި އެ ދަރިވަރުންނަށް މާލޭގެ ސްކޫލަތަކަށް ކިޔަވަންދިއުމުގެ އިންތިޒާމް ހަމަޖައްސައިދީފައިވާ އިރު، ޖަޕާނަށް ފުރުމުގެ ކުރިން ދަރިވަރުންނަށް ވަނީ ޖަޕާން ބަސް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފަ އެވެ.

ޖަޕާނަށް ދިއުމަށްފަހު ފުރަތަމަ ހަފްތާ ދަރިވަރުންނާއި އޮފިޝަލުން ހޭދަކުރާނީ ކޭމްޕް ސައިޓްގައެވެ. އަދި ދެވަނަ ހަފްތާ ދަރިވަރުން ހޭދަކުރާނީ ޖަޕާނުގެ ފުކޯކާގެ އާއިލާއެއްގެ ކައިރީގަ އެވެ.

މީގެ އިތުރުން މި ޕްރޮގްރާމްގައި ދަރިވަރުން ފުކޯކާގެ ތަފާތު ތަންތަން ބަލާލުމަށް ޒިޔާރަތްކޮށް އަދި ސްކޫލްތަކަށް ޒިޔާރަތްކުރާނެ އެވެ.

“އަދި ލީޑަރޝިޕްގެ އެކި ކަހަލަ ސިފަތައް ކުދިންނަށް ދަސްކޮށްދިނުމުގެ ވޯކްޝޮޕްތައް ބޭއްވުމުގެ އިތުރުން، އެކި ޤައުމުތަކުގެ ސަގާފަތާއި އާދަކާދަ ދައްކައިދިނުމުގެ އައިޓަމްތައް ހުށައެޅުން އޮންނާނެ،” އެޑިޔުކޭޝަން މިނިސްޓްރީން ބުންޏެވެ.

މިއަހަރުގެ ޕްރޮގްރާމްގައި އޭޝިއަން-ޕެސިފިކް ސަރަޙައްދުގެ 40 ޤައުމަކުން ދަރިވަރުން ބައިވެރިވެރިވެ އެވެ.

މި ޕްރޮގްރާމަކީ ޖަޕާނުގެ ފުކޯކާއަށް 100 އަހަރު ފުރުމާއި ގުޅިގެން އެ ސިޓީގެ ފަރާތުން 1989 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރު ބާއްވާ ކޮންވެންޝަނެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.