ވިލާ އެއާ އިން އޮޕަރޭޓްކުރާ ފްލައިމީ އިން ބ. ދަރަވަންދޫއަށް އަގުހެޔޮ ފެއާއެއް މިއަދު ތައާރަފްކޮށްފި އެވެ.
އެގޮތުން ފްލައިމީން ކޮޅަކަށް އެވްރެޖްކޮށް ނަގާ އަގުން 100ރ. ވަނީ ހެޔޮކޮށްފަ އެވެ.
އެގޮތުން މާލެ އިން ދަރަވަންދޫ އަށް ދިއުމަށް ކޮޅަކަށް މާދަމާއިން ފެށިގެން ނަގާނީ 575ރ. އެވެ. ކުރިން ފްލައިމީއިން ދަރަވަންދޫއަށް ކުރާ ދަތުރުތަކުގެ އެއްކޮޅު ޓިކެޓްގެ އަގަކީ 675 ރުފިޔާ އެވެ.
މިއީ ފްލައިމީން މިހާތަނަށް ތައާރަފްކުރި އެންމެ އަގުހެޔޮ ފެއާ އެވެ.
އަލަށް ތައާރަފް ކުރި ފެއާގައި މާދަމާއިން ފެށިގެން ފްލައިމީގެ ޓިކެޓިން އޮފީސްތަކުން އަދި އޭޖެންޓުން މެދުވެރިކޮށް ވިއްކާނެ ކަމަށް ފްލައިމީން ބުންޏެވެ.
ތެލުގެ އިމްޕޯޓް ޑިއުޓީ ކުޑަކުރުމާ ގުޅިގެން މޯލްޑިވިއަނުންވެސް ވަނީ އެތެރޭގެ އުދުހުންތަކަށް ހާއްސަ އަގުހެޔޮ ފެއާތަކެއް މިދިޔަ ހަފްތާ ތައާރަފުކޮށްފަ އެވެ. ނަމަވެސް މޯލްޑިވިން ތައާރަފުކުރި ފެއާގައި މާލެއިން ދަރަވަންދުއަށް ދަތުރުކުރާނަމަ، ކޮޅަކަށް ނަގާނީ 599ރ. އެވެ.
ފްލައިމީގެ ތިން ފްލައިޓް ކޮންމެ ދުވަހަކުވެސް ދަރަވަންދޫއަށް ބާއްވަ އެވެ.