ފެހެންދޫ ކައުންސިލަރުންގެ ޚަރަދުގައި ކުދިންނަށް ގުރުއާން ކިޔަވައިދެނީ

ޤުރުޢާން ކިޔަވަންދާކުދިން ފޮޓޯ: ފާތިމަތު ޒުހުދާ

ބ. ފެހެންދޫ ކުދިންނަށް އެރަށު ކައުންސިލަރުންގެ ޚަރަދުގައި ގުރުއާން ކިޔަވައިދޭން ފަށައިފި އެވެ.

ތިން މެންބަރުން ތިއްބަވާ ފެހެންދޫ ކައުންސިލުގެ ރައީސް މޫސާ ނަސީމް ވިދާޅުވި ގޮތުގައި މި ފަދަ އެހީއެއް އެކުދިންނަށް ކައުންސިލަރުންގެ ފަރާތުން ދޭން ނިންމީ އެކުދިންގެ ހިތްތަކުގައި ދީނީ ތަޢުލީމާއި ކީރިތި ޤުރުޢާނަށް ލޯބިޖެހިފައިވާ ކުދިންތަކަކަށް ހެދުމަށެވެ.

“އަޅުގަނޑުމެން ބޭނުންވަނީ ދާޢިމީ ގޮތެއްގައި ޤުރުޢާން ކިޔަވައިދޭނެ ގޮތެއް ހޯދައި ދިނުން. އަދި މާލީ ގޮތުން ވެދެވެން އޮތް އެހީއެއް ވެދިނުން.”.

މޫސާ ނަސީމު ވިދާޅުވި ގޮތުގައި އެރަށޫގަިއ ކުޑަކުދިންނަށް ގުރުއާން ކިޔަވައިދެމުން އަންނަ އަމިއްލަ ފަރާތާ މިމަހުން ފެށިގެން ފައިސާ އަންނަނީ ހަވާލުކުރަމުންނެވެ. އެގޮތުން މީގެ ފަހުން ކޮންމެ މަހެއްގެވެސް ދަރިވަރުންގެ މަހުފީއަށްވާ ފައިސާ ދެމުން ގެންދާނީ ކައުންސިލަރުންގެ މުސާރައިން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޤުރުއާން މުދައްރިސް އައިމިނަތު އާސިފާ ބުނިގޮތުގައި ކިޔަވައިދިނުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަމަށާއި، އެހެން ނަމަވެސް ރަށުގައި ކުދިންނަށް ޤުރުއާން ކިޔަވައިދެވޭނެ ގޮތެއް ނެތުމުން ވަރަށް ގިނަ ފަރާތްތަކުން ތަކުރާރުކޮށް އެދެމުންދާތީ ކިޔަވައިދޭން ފެއްޓީ ކަމަށެވެ.

“އަޅުގަނޑު ވަރަށް އުފާވޭ ކުދިންނަށް ކިޔަވައި ދެވޭތީ. މިހާރު އެބަތިބި އަޅުގަނޑުގެ ގާތަށް ކިޔަވަން އަންނަ 21 ކުދިން. މިރަށުގައި ކުދިންނަށް ޤުރުޢާން ކިޔަވައިދޭނެ އެއްވެސް ފަރާތެއް ނެތުމުން ރައްޔިތުން ތިބީ ވަރަށް ދެރަވެފަ އަސްލު. އިރާދަކުރެއްވިއްޔާ މިކަން ހުއްޓާ ނުލާ ކުރިއަށް ގެންދެވޭތޯ ވަރަށް މަސައްކަތް ކުރާނަން” އާސިފާ ބުންޏެވެ.

އާބާދީގައި 298 މީހުން ތިބި ފެހެންދޫއަކީ ރަށުގައި ދިރިއުޅޭ މީހުން މަދު ރަށެއް ނަމަވެސް ރަށުގައި ދިރިއުޅޭ މީހުންގެ ނިސްބަތް ދުވަހުން ދުވަހަށް މިހާރު އަންނަނީ އިތުރުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.