ބ. އަތޮޅުގެ އިތުރު ދެ ރަށެއްގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ހިދުމަތް ދޭން ފަށައިފި އެވެ.
ބ. އަތޮޅު ކައުންސިލުން ބުނީ، މިއަތޮޅު ރައްޔިތުންގެ މާލިއްޔަތުން ޚަރަދުކޮށްގެން ފަށާފައިވާ މި މަޝްރޫއުގެ ދަށުން މިހާރު ކެންދޫ އާއި ގޮއިދޫން އައިޑީކާޑް ހަދައިދިނުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ. މި ދެރަށުގައި މި ޚިދުމަތް ދިނުމަށް ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ޚަރަދުވިކަމަށްވެސް އަތޮޅު ކައުންސިލުން ބުނެއެވެ.
އަތޮޅު ކައުންސިލުން ބުނީ ކުރިއަށްއޮތް ތަނުގައި ބަޖެޓް ތަންދޭވަރަކުން މި ހިދުމަތް އަތޮޅުގެ އެހެން ރަށްރަށުގައިވެސް ފެށޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަލަށް ޚިދުމަތްދޭން ފެށި މި ދެ ރަށުގެ އިތުރުން އޭދަފުއްޓާއި ތުޅާދޫގައި އައިޑީކާދު ހަދައިދިނުމުގެ ހިދުމަތް ދަނީ ދެމުންނެވެ.