
މާލެއިން ފުރައިގެން މުދާ ބަރުކޮށްގެން 30 މީހުންނާއިއެކު ބ. އަތޮޅަށް ދަތުރުކުރި ދަރަވަންދޫ “ކުރިމަގު” ބޯޓް މިއަދު ހެނދުނު ކ. ގާފަރު ފަރަށް އަރައި އެ ބޯޓަށް ބޮޑެތި ގެއްލުން ތަކެއް ލިބިއްޖެ އެވެ.
ކޯސްޓް ގާޑުން ބުނީ “ކުރިމަގު” ބޯޓް ފަރަށް އެރީ މިއަދު ހެނދުނު 10:35 ހާއިރު މޫސުން ގޯސްވުމުގެ ސަބަބުން ގާފަރަށް ވަންނަން އުޅުމުގެ ތެރޭގައި ކަމަށެވެ.
ކުރިމަގު ބޯޓު ގާފަރު ނެރުމައްޗަށް އެރުމާ ގުޅިގެން ދޯނީގެ ފަށަނުން ބަޔަކާއި ބަނޑުފިލައިން ބައެއް ވަނީ ހަލާކުވެފައެވެ. އަދި މިބޯޓަށް ދިޔަވަމުންދާތީ ގާފަރު ކައުންސިލުން ވަނީ އެހީތެރިކަން ފޯރުކޮށްދީ ދޯނީގައި ހުރި މުދާތައް އެރަށް ބާލާފަ އެވެ.
މި ދޯނީގައި ހުރި މުދަލުގެ ތެރޭގައި މައިގަޑު ގޮތެއްގައި ހިމެނެނީ އޭދަފުއްޓާއި ދަރަވަންދޫ ވިޔަފާރިވެރިންގެ މުދަލެވެ.
މޫސުމް ގޯސްވެ ރާއްޖޭގެ ކަނޑުތައް ގަދަވުމުގެ ސަބަބުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ވަނީ ހިނގައިފަ އެވެ.
މޫސުން ގޯސްވެ ވައިގަދަވުމާ ގުޅިގެން މީޓްރޮލޮޖީން މިއަދު ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ. މިއީ ދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމުގެ ގޮތުން ނެރޭ އިންޒާރުގެ މިންގަނޑެކެވެ.
ޔެލޯ އެލާޓްގައި ބުނެފައި ވަނީ އެވްރެޖްކޮށް 30 އާއި 40 މޭލު ބާރު މިނުގައި ވައިޖެހެމުންދާ ކަމަށެވެ. އަދި މެދު ރާއްޖެ ތެރޭގައި 50 މޭލަށް ވައި ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.