ފަސްމުގޫގެ އެންމެ ރަނގަޅު މުވައްޒަފަކަށް ފައުހާ

2016 ވަނަ އަހަރުގެ އެންމެ ހިދުމަތްތެރި މުވަައްޒަފުގެ މަގާމަށް ހޮވުނު ފައުހާ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ފަސްމުގޫ ގްރޫޕުގެ މިދިޔަ އަހަރުގެ އެންމެ ރަނގަޅު މުވައްޒަކަށް ފައުހާ ނަސީރު ރޭ ހޮވައިފި އެވެ.

ފައުހާ އަށް ބެސްޓް އެމްޕްލޯއީ އެވޯޑް އަދި އިނާމު ހަވާލުކޮށްދެއްވީ، ފަސްމުގޫ ރޯދަ ސޭލްގެ ނަސީބުވެރި ހޮވަން ރޭ ބޭއްވި ކުލަގަދަ ސްޓޭޖް ޝޯގައި، ފަސްމޫގޫ ގްރޫޕުގެ ޑިރެކްޓަރ އޮފް އޮޕަރޭޝަން އަބްދުﷲ ޝަހީމު އެވެ.

އަހަރުގެ އެންމެ ހިދުމަތްތެރި މުވައްޒަފަށް އެވޯޑުގެ އިތުރުން އިނާމެެއްގެ ގޮތުން ދެމީހަކަށް ބ. އަތޮޅު ރިސޯޓެއްގައި ދެ ރޭ ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތުދިނެވެ.

ކެޔޮޅު ސައްތާރަށް ފަސްމުގޫ ގްރޫޕުގެ ސީއީއޯ އިބްރާހިމް ޝަހީމު އުމުރު ދަތުރު ހަވާލުކުރަނީ—އީޓީ ފޮޓޯ/ ރައިފް ޔޫސުފް

އަހަރުގެ އެންމެ ހިދުމަތްތެރި މުވައްޒަފުގެ އިތުރުން ފަސްމުގޫ ގްރޫޕުން ވަނީ އެތަނަށް ވަރަށް ކުރިއްސުރެ ފެށިގެން ތަފާތު އެކިގޮތްގޮތަށް ހާއްސަ ހިދުމަތްތަކެއް ކޮށްދެއްވި ފަރާތެއް ހޮވައި، އަގުވަޒަން ކުރުމުގެ ގޮތުން ދެ މީހަކަށް އުމުރާ ދަތުރެއްވެސް ދީފަ އެވެ.
އުމުރާ ދަތުރު ލިބުނީ ފަސްމުގޫ ގްރޫޕުގައި ވަރަށް ކުރީއްސުރެ ފެށިގެން ކިޔޮޅެއްގެ ގޮތުން މަސައްކަތް ކުރެއްވި އަދި މިހާރުވެސް އެތަނުގެ ހިދުމަތުގައި ތިއްބެވި އޭދަފުށީ އޯޝަނިކްވިލާ، އަބްދުއްސައްތާރު ޔޫސުފް (ކެޔޮޅު ސައްތާރު) އަށާއި އަމާޒު، އިބްރާހިމް އަހްމަދު (އިބްރަ) އަށެވެ.

އިބްރާހިމް އަހްމަދު (އިބްރަ) އަށް ފަސްމުގޫ ގްރޫޕުގެ ސީއީއޯ އިބްރާހިމް ޝަހީމު އުމުރު ދަތުރު ހަވާލުކުރަނީ—އީޓީ ފޮޓޯ/ ރައިފް ޔޫސުފް

ފަސްމުގޫ ފިހާރައިގައި ސޭލްސް ގާލްސް އެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ފައުހާ “އީޓީ” އާ ވާހަކަދައްކަމުން ބުނީ އެވޯޑަށް ވަރަށްބޮޑަށް އުއްމީދު ކުރި ކަމަށާއި އެ ޝަރަފު ލިބުމުން ވަރަށް އުފާވެއްޖެ ކަމަށެވެ.

ފިހާރައިގެ މަސައްކަތުގައި އުޅޭއިރު ކިތަންމެ ބުރަކޮށް އުޅެން ޖެހުނު ނަމަވެސް، އަބަދުވެސް މަސައްކަތް ކުރަނީ ގަޑިއަށް ފަރުވާ ބަހައްޓައި ކަސްޓަމަރުނަށް ހިތްހަމަޖެހޭގޮތަށް ހިދުމަތް ފޯރުކޮށްދޭންކަމަށް، ފަސްމުގޫ ފިހާރައިގައި މަސައްކަތްކުރާތާ އަހަރަކަށްވުރެ ގިނަދުވަސް ވެފައިވާ ފައުހާ ބުންޏެވެ.

މިއީ ފަސްމުގޫ ގްރޫޕުން އަހަރުގެ އެންމެ ރަނގަޅު މުވައްޒަފުން ހޮވައި، އަދި އެތަނަށް ހިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން އިނާމު ދިން ފުރަތަމަ ފަހަރެވެ.

ފަސްމުގޫ ގްރޫޕުން ރޭ ވަނީ އެތަނުން މިދިޔަ ރޯދަމަހު ހިންގި ރޯދަ ސޭލް ޕްރޮމޯޝަންގެ ނަސީބުވެރި ވެސް ހޮވަައި އިނާމުދީފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.