އިސްލާމްދީނަކީ އިލާހީ ޝަރީޢަތެކެވެ. އިންސާނީ ޙަޔާތް ބޭނުންވާ ހުރިހާކަމެއް ހިމެނިފައިވާ ފުރިހަމަ ނިޒާމެކެވެ. އެނިޒާމުގައި އިންސާނުންގެ މަޤާމަކީ މިބިންމަތީގައި ﷲގެ ޚަލީފާއިންގެ މަތިވެރި މަޤާމެވެ. ބިންމަތީގައި ﷲއަށް އަޅުކަންކޮށް ހެޔޮގޮތުގައި ދުނިޔެ ތައުމީރު ކުރުމަށްޓަކައި ފޮނުއްވާފައިވާ ބައެކެވެ. އެހެންކަމުން ހެޔޮގޮތުގައި ދުނިޔެ ތައުމީރުކޮށް އިލާހީ މަންހަޖާއި އެއްގޮތަށް ދުނިޔެ ތަރައްޤީ ކުރުމަކީ އިންސާނުންގެ ވާޖިބެކެވެ. ޚިލާފަތުގެ ވާޖިބު ހެޔޮގޮތުގައި އަދާކުރެވޭނީ އިސްލާމީ ތަރުބިއްޔާއިން ތަރުބިއްޔަތުދެވިގެންނެވެ.
“އިސްލާމް” ބަހުގެ ގޮތުންބަލާއިރު:
“އަލްއިސްލާމް” މިއީ ޢަރަބި ބަހެކެވެ. މި ބަހުގެ މާނައަކީ، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންގަވާފައިވާ ގޮތްތަކުގެމަތިން، ﷲ އަށް ކިޔަމަންވެ، ބޯލަނބައި، އެ ކަލާނގެ އަމުރުފުޅުތަކާ އެއްގޮތްވާގޮތުގެ މަތިން ކަންތައްތައް ކުރުމެވެ.
އިޞްތިލާޙީގޮތުން:
އިސްލާމްދީނަކީ ކޮބައިކަން ބަޔާން ކޮށްދެމުން ޢިލްމުވެރިން ތަފާތު އިބާރާތް ތަކުން އެއްމާނައެއްދޭހަވާގޮތަށް ބަޔާން ކުރައްވާފައިވެ އެވެ.
އިސްލާމް ދީނަކީ މާތް ﷲއަށްބޯލަނބައި އެ ކަލާނގެ އަމުރުފުޅުތަކާ އެއްގޮތަށް ކަންތައް ކުރުމެވެ. އަދި ހަމައެއާއިއެކު މާތް ﷲއަށް އަޅުކަން ކޮށް، އެ ކަލާނގެ ފޮނުއްވި ހުރިހާ ނަބީން ތެދުކޮށް، އެކަލާނގެ ޝަރީޢަތަށް ތަބާވުމެވެ.
އާލްޢިމްރާން ސޫރަތުގެ 83 ވަނަ އާޔަތުގައި ﷲ ސުބުޙާނަހޫ ވަޔަޢާލާ ވަހީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވަނީ “އުޑުތަކާއި، ބިމުގައިވާހާ ބަޔަކު ރުހުމުގައްޔާއި، ނުރުހުމުގައި އެކަލާނގެޔަށް، ކިޔަމަންވެގެންވާއިރު، އެއުރެން (އެބަހީ: އެނބުރި ފުރަގަސްދިން މީހުން) އެ އެދެނީ ﷲގެ ދީން ފިޔަވައި އެހެން ދީނެއްް ހެއްޔެވެ؟ އަދި، އެއުރެން އެނބުރި ރުޖޫޢަ ކުރައްވާހުށީ، އެކަލާނގެ ހަޟްރަތަށެވެ.
ތަރުބިއްޔަތުގެ މާނަ:
ތަރުބިއްޔަތަކީ އަރަބި ބަހުގެ ކަލިމައެކެވެ. ބަހުގެ ގޮތުން ބަލާއިރު ތަރުބިއްޔަތު މި ބަސް 3 މާނައެއްގައި ބަހުގެ ޢިލްމުވެރިން ބޭނުން ކުރައްވާފައިވެއެވެ. އެއީ:
1- رَباَ يَرْبُوا މާނައީ؛ އިތުރުވުން ، ބޮޑުވުން
އައްރޫމް ސޫރަތުގެ 39ވަނަ އާޔަތުގެ މާނައިގައިވެ އެވެ. މާނައީ: އަދި މީސްތަކުންގެ މުދަލުން ރިބާ ގެ ގޮތުގައި އިތުރުވުމަށްޓަކައި ތިޔަބައިމީހުން ދިން އެއްޗެއް، ﷲގެ ހަޟްރަތު ގައި އިތުރުވެގެން ނުދާނެތެވެ. އަދި ﷲގެ ވަހީފުޅު އެދިގެން ޒަކާތުގެ ގޮތުން ތިޔަބައިމީހުން ދިން އެއްޗަކާމެދު (ދަންނާށެވެ!) އިތުރުކުރާ ބަޔަކީ ހަމަ އެއުރެންނެވެ.
2- رَبَا يُرْبيَ މާނައީ ތަރައްޤީވުން، ކުރިއެރުން
3- رَبُّ يُرَبُّ މާނައީ؛ އިސްލާހުކުރުން ، އޭނާގެ ކަންތައް ބެލެހެއްޓުމާއި ޙަވާލުވުން.
މިތާ ބަޔާން ކުރެވިފައިމިވާ ތަރުބިއްޔާގެ ލުޣަވީ އުޞޫލުތަކުގެ މައްޗަށް ބިނާކޮށް ތަރުބިއްޔާގެ އިސްޠިލާޙީ މާނައެއްވެސް ބައެއް އިސްލާމީ ތަރުބަވީ ޢިލްމުވެރިން ކަނޑައަޅުއްވާ ފައިވެއެވެ.
ބަޔާންވެދިޔަ ތަޢުރީފުގެ މައްޗަށް ބިނާކުރައްވާ އަލްއުސްތާޒު ޢަބްދުއްރަޙްމާނު އަައްނަޙްލާވީ ވިދާޅުވެފައިވެއެވެ. “ހަމަކަށަވަރުން ތަރުބިޔާ އެކުލެވިގެންވަނީ ގިނަ އުޞޫލުތަކެއްގެެ މައްޗަށެވެ.”
އޭގެތެރެއިން މުހިއްމު ބައެއް ކަންތައްތަކަކީ:
ހ. ފިޠުރީ ހެދި ބޮޑުވުން ރައްކާތެރިކޮށް،އިސްލާމީ ޝަރީޢަތަށް ބޯލެބުމަށް ތަރުބިއްޔަތުކުރުމާ،އަދި އިސްލާމީ ޝަރީޢަތުގެ އަލީގައި އިންސާނުންގެ ކިބައިގައިވާ ހުނަރު ތަރައްޤިކޮށް ކުރިއެރުވުން.
ށ. ކޮންމެ މުރައްބީއެއްވެސް އޭނާއަށް ﷲ ދެއްވާފައިވާ ޤާބިލުކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުން، މިމަސައްކަތް ފުރިހަމަ ވާނީ އިސްލާމީ މަންހަޖުގެ ޢަލީގައި ކަން ދެނެގަތުން.
ނ. ތަރުބިއްޔަތު ކުރުމުގެ މަސައްކަތް މަޑުމަޑުން މަރުޙަލާއަކަށްފަހު މަރުޙަލާއެއް ތަރައްޤީކުރަމުން ކުރިއަށް ގެންދިއުން
ރ. އިންސާނީ ފިޠުރަތާ އެއްގޮތަށް މީސްތަކުންނަށް މަގުދައްކާ މީސްތަކުންގެ ކިބައިގައިވާ ތަބީޢީ ހުނަރުތައް ބައްޓަންކޮށް ބިންމަތީގައި ޚަލީފާކަމުގެ ވާޖިބު ހެޔޮގޮތުގައި އަދާކުރުމަށް އިރުޝާދުދިނުން
އިސްވެދިޔަ ތަޢްރީފްތަކުގެ މައްޗަށްބިނާކޮށް ބުނަންޖެހެނީ، ތަރުބިއްޔާއަކީ ބިންމަތީގައި ﷲގެ ޚަލީފާކަމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށް އިންސާނުން ތައްޔާރުކުރުމަށް ކުރެވޭ މަސައްކަތެވެ. އެކަމުގެ ޤާބިލުކަން އިންސާނުންގެ ގައިގާ އުފެއްދުމަސް ކުރެވޭ މަސައްކަތެވެ.އެފަދަ ޤާބިލް ކަމެއް އުފެއްދޭނީ އިންސާނާއަށް ޢިލްމުލިބިގެންނެވެ. ބުއްދިއާ ހިތާ، އަދި މުޅި ހަށި ގަޑަށް، ޢިލްމުގެ އަސަރު ފޯރުކޮށްދެންޖެހޭނެއެވެ. ޢިލްމުގެ ސަބަބުން އިންސާނާގެ ދިރިއުޅުމަށް ރަގަޅު ބަދަލެއް އަންނަކަމުގައިނުވާނަމަ ފުރިހަމަ ތަރުބިއްޔަތެއް ނުލިބޭނެ އެވެ. އަދި ތިމާ ދިރިއުޅޭ މުޖްތަމަޢް އަކަށް ރަގަޅު ބަދަލެއް ނާންނާނެއެވެ.
އިސްލާމީ ތަރުބިއްޔަތަކީ އިސްލާމީ މުޖްތަމައުތަކަށް ކޮންމެހެން ބޭނުންތެރި، ޟޮރޫރީ ކަމެކެވެ. އިސްލާމީ ޝަރީޢަތް ބިންމަތީގައި ޤާއިމު ކުރުމުގެ ބޭނުންތަކުގެ ތެރޭގައި އިންސާނުން ބިނާ ކުރުމަކީ ވަރަށް ބޮޑަށް އަހައްމިއްޔަތުކަން ދީފައިވާ ކަމެކެވެ. އަޅުކަމާ، ޙައްދުތައް ޤާއިމު ކުރުމާ، މީސްތަކުންގެ ޙައްޤުތައް ރައްތެރި ކޮށް ހިމާތް ކުރުން ބިނާވެފައި އޮންނާނީ ޞާލިޙް އިންސާނުންގެ އަތް މަތީގައެވެ.އަމާނަތް ތެރިކަމާއެކު އިންސާނުން ބިނާކުރުމަކީ މިއަދު އޅުގަޑުމެން ކޮންމެހެންކުރަންޖެހިފައިވާ ޝަރްޢީ އަދި ޤައުމީ ވާޖިބެކެވެ.
އަލްއަޙްޒާބު ސޫރަތުގެ 72ވަނަ އާޔަތުގެ މާނައިގައިވެ އެވެ.” ހަމަކަށަވަރުން، އުޑުތަކަށާއި، ބިމަށާއި، ފަރުބަދަތަކަށް ތިމަންރަސްކަލާނގެ أمانة (އެބަހީ: تكليفތައް) ހުށަހެޅުއްވީމެވެ. ފަހެ، އެ ތަކެތި އެކަން އުފުލުމުން އެއްކިބާވެ މަނާވެގަތެވެ. އަދި އެކަމާމެދު އެތަކެތި ބިރުވެތިވިއެވެ. އަދިإنسانއާއެ أمانةއުފުލިއެވެ. ހަމަކަށަވަރުން، އެ إنسانއާވީ އަނިޔާވެރި، ތަންދޮރު ނުދަންނަ މީހަކު ކަމުގައެވެ.”
އިސްލާމްކަން ގެއްަލޭ ކަންތަކަށް އަލިއަޅުވާލެވިފައިވާ ލިޔުންތަށް އޭދަފުށީ މީހުނަށް ވަރަށް މުހިންމު