ސޫރަތުލް ޙުޖުރާތުގެ ތަފްސީރު

ޑރ. މުހައްމަދު އިޔާޒު އަބްދުﷲ ލަތީފް

(އިއްޔެގެ ބަޔާ ގުޅޭ)

އިމާމް އަބޫޙަނީފާ -ރަޙިމަހުﷲ- ގެ ރައުޔު:

އިމާމް އަބޫޙަނީފާ- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. “އެކަލޭގެފާނުގެ މަޛްހަބުގައި މަޝްހޫރު ގޮތަކީ އަނިޔާވެރި ޙާކިމަކާ ދެކޮޅަށް ނިކުމެ ހަނގުރާމަ ކުރުމަކީ ހުއްދަ ކަމެއް ކަމުގައެވެ. އަދި ކަނޑީގެ ބޭނުން ކޮށްގެން ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީ ކުރުމަކީ ކުރެވިދާނެ ކަމެއް ކަމުގައެވެ.

އިމާމް އަބޫޙަނީފާ- ރަޙިމަހުﷲ- ގެ ދުވަސްވަރުގައި އަނިޔާވެރި ވެރިންނާއި ދެކޮޅަށް ނިކުން ހުރިހާ އެންމެންނަށް އެކަލޭގެފާނު ތާއީދު ކުރައްވާފައިވެއެވެ. ޒައިދު ބިން ޢަލީ އޭ ކިޔުނު ބޭކަލަކު އުމަވީ ޚަލީފާ އަކާއި ދެކޮޅަށް ނިކުންނެވުމުން އަބޫޙަނީފާ- ރަޙިމަހުﷲ- އެކަމުގައި މާލީ ގޮތުން އެހީތެރިކަން ދެއްވިއެވެ. އަދި އެކަލޭގެފާނަށް ވާގިވެރި ވުމަށް މީސްތަކުންނަށް ގޮވާލައްވާ ނަޞޭޙަތްތެރިވެ ވަޑައިގަތެވެ.”

“އައްނަފްސުއް ޒަކިއްޔާ” ގެ ލަގަބު ލިބިވަޑައިގެންފައިވާ މުޙައްމަދު ބިން ޢަބްދިﷲ- އަށް އިމާމް އަބޫޙަނީފާގެ އެހީތެރިކަން ލިބިވަޑައިގަތެވެ. އަދި އެކަލޭގެފާނަށް ނަޞްރުދިނުމަށާއި އެކަލޭގެފާނަށް ބައިޢަތު ހިފުމަށް މިސްތަކުންނަށް ގޮވާލެއްވިއެވެ. އަދި ވިދާޅުވި ކަމުގައިވެއެވެ. “ކާފަރުންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށްވުރެ އެކަލޭގެފާނާއި އެކުގައި ނިކުތުން މާއައުލާ ކަން ބޮޑެވެ.”

ފަތާވާ އަލްބަޒާޒިއްޔާގެ މުއައްލިފް އިބްނުލް ބައްޒާޒާއި މުވައްފަގުލް މައްކީ(ޙަނަފީ މަޛްހަބުގެ ވަރުގަދަ ދެފަގީހުން) މިފަދައިން (އަނިޔާވެރި ވެރިޔަކާ ދެކޮޅަށް ނިކުމެވިދާނެ ކަމަށް) އިމާމް އަބޫޙަނީފާގެ ކިބައިން ރިވާ ކުރައްވައެވެ.

އެހެންކަމުން، އިމާމް އަބޫޙަނީފާގެ ރައުޔަކީ އަނިޔާވެރި ވެރިޔެއްގެ ކިބައިން ގައުމާއި އިސްލާމީ މުޖްތަމަޢު ސަލާމަތް ކުރުމަށްޓަކައި ޖިހާދު ކުރުމަކީ ކާފަރުންނާ ދެކޮޅަށް ހަނގުރާމަ ކުރުމަށްވުރެވެސް އައުލާކަން ބޮޑު ކަމެކެވެ.

އިމާމް އަލްޖައްޞާޞް-ރަޙިމަހުﷲ- ވިދާޅުވާ ގޮތުގައި ބޮޑެތި ތާބިޢީ ބޭކަލުން ޙައްޖާޖް ބިން ޔޫސުފާއި ދެކޮޅަށް ކަނޑިން ހަނގުރާމަ ކުރެއްވިއެވެ. އިމާމް ޖައްޞާޞް ވިދާޅުވެފައިވެއެވެ. “ޙަސަން އާއި ސަޢީދު ބިން ޖުބައިރު، އަދު ޝަޢްބީ އަދި އެނޫންވެސް ތާބިޢީން މިއަނިޔާވެރިންގެ އަތުން އެބައިމީހުންގެ ރިޒްގުތައް އަތުލައްވާ ކަމުގައިވެއެވެ. އެއީ އެބައިމީހުންގެ އިމާމާ ނޫންކަމަށް ދެކިގެންނެއް ނޫނެވެ. ނަމަވެސް، އެއީ އަނިޔާވެރިންގެ އަތުގައިވާ އެބޭކަލުންގެ ޙައްގުތަކެއް ކަމުގައި ދެކިގެންނެވެ. ތާބިޢީންގެ ތެރެއިން 4000 (ހަތަރުހާސް) ގާރީންނާއި ފިގްހުވެރިން، ޢަބްދުއްރަޙްމާން ބިން މުޙައްމަދު ބިން އަލްއަޝްޢަޘްގެ ފަހަތްޕުޅުގައި “އަހްވާޒް” ގައްޔާއި “ބަޞަރާ” ގައި އަދި ކޫފާގެ ގާތުގައި ފުރާތު ކޯރާއި ދިމާލުން އޮންނަ “ދީރުލް ޖަމްޖަމް” ގައި ޢަބްދުލް މަލިކު ބިން މަރްވާނަށް ލަޢްނަތްދީ އޭނާގެ ކިބައިން ސަލާމަތްވުމަށް އެދި އޭނާ އާއި ދެކޮޅަށް ހަނގުރާމަ ކުރެއްވިއެވެ.”

ހަމައެފަދައިން، އުމަވީ ދައުލަތާއި ދެކޮޅަށް ޢަބްދުއްރަޙްމާން ބިން އަލްއަޝްޢަޘް ތެދުވެ ވަޑައިގެން ހަނގުރާމަ ކުރެއްވި ހިނދުގައި ސަޢީދު ބިން ޖުބައިރާއި، ޝަޢްބީ، އިބްނު އަބީލައިލާ، އަބުލް ބުޚްތުރީ ފަދަ ބޭކަލުން އެކުގައި ތިއްބެވި ކަމަށްވެއެވެ.

ޢިލްމުވެރިންގެ ޢަސްކަރީ ލަޝްކަރެއް ޢަބްދުއްރަޙްމާން ބިން އަލްއަޝްޢަޘް ގެ އަރިހުގައި އުމަވީ ދައުލަތާއި ދެކޮޅަށް ތެދުވެ ވަޑައިގެން ކަމުގައި އިބްނު ކަޘީރު- ރަޙިމަހުﷲ- ޛިކްރު ކުރައްވާފައިވެއެވެ. އަދި މިކަމުގައި ބައިވެރިވެ ވަޑައި ނުގަންނަވާ އެއްވެސް ޢިލްމުވެރިޔަކު މިކަމާ ދެކޮޅު ހައްދަވާ އެއީ ހުއްދަ ނޫން ތެދުވުމެއް ކަމުގައި ވިދާޅުވެފައި ނުވެއެވެ. ލަޝްކަރުގެ ބައިވެރިންނާ މުޚާޠަބު ކުރައްވާ ޢިލްމުވެރިން ދެއްވާފައިވާ ޚިޠުބާތައް ވަނީ ވަރަށް އަމާނާތްތެރި ކަމާއި އެކު ތަރްޖަމާ ކުރެވިފައެވެ.

އިބްނު އަބިލައިލާ- ރަޙިމަހުﷲ- ވިދާޅުވި ކަމަށްވެއެވެ. “އެންމެހާ މުއިމިނުންނޭވެ. ތިޔަބައިމީހުން ކުރެ މީހަކަށް ޢުދްވާނެއް ނުވަތަ އަނިޔާވެރިކަމެއް ފެނި، ނުވަތަ މުންކަރާތަކަށް ގޮވާލެވޭ އަޑު އިވި، އެކަން ހިތުން މަނާކޮށްފިމީހާ ސަލާމަތްވެއްޖެއެވެ. އަދި އެމީހެއްގެ ޛިންމާ ބަރީއަވެއްޖެއެވެ. އަދި އެމީހެއްގެ ދުލުން އެކަން ބަޔާންކޮށްފިމީހާ އަށް ދަރުމަ ލިބިއްޖެއެވެ. އޭނާ އަކީ ހިތުން މަނާ ކުރި މީހާ އަށް ވުރެ ހެޔޮކަން ބޮޑު މީހެކެވެ. ﷲ ގެ ކަލިމަ މަތިވެރިކޮށް، އަނިޔާވެރިން ބަލިކުރުމަށް ޓަކައި ކަނޑިން އެމުންކަރާތެއް މަނާކޮށްފި މީހާ އަކީ ހިދާޔަތުގެ މަގު ލިބިގަންފި މީހެކެވެ. މީސްތަކުންނަށް އަނިޔާވެރިވެ، ޙައްގު ގޮތް އޮޅުވާލާފައިވާ ބިދްޢަވެރިންނާއި ދެކޮޅަށް ތިޔަބައިމީހުން ތެދުވެ ހަނގުރާމަ ކުރާ ހުށި ކަމެވެ.”

ޝަޢްބީ ރަޙިމަހުﷲ- ވިދާޅުވި ކަމަށްވެއެވެ. “އޭ އިސްލާމް ކަމުގެ އަހްލުވެރިންނޭވެ. އެބައިމީހުންނާއި ހަނގުރާމަ ކުރާ ހުށި ކަމެވެ. އަދި މިކަމުގައި ތިޔަބައިމީހުން ފަސްނުޖެހޭ ހުށި ކަމެވެ. މާތް ﷲ ގަންދީ ބުނަމެވެ. މިބިމުގައި އެބައިމީހުންނަށްވުރެ (އުމަވީންނަށްވުރެ) އަނިޔާވެރިކަން ބޮޑު ބަޔަކު ތިމަންކަލޭގެފާނު ދެކިވަޑައި ނުގަންނަވަމެވެ.”

ސަޢީދު ބިން ޖުބައިރު- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. “އެބައިމީހުންނާއި ހަނގުރާމަ ކުރާ ހުށި ކަމެވެ. ތިޔަބައިމީހުން އިޚްލާޞްތެރި ނިޔަތަކާއިގެން އެބައިމީހުންނާ ކުރިމަތި ލައިފިނަމަ ފާފަވެރި އެއް ނުވާނެއެވެ. އެބައިމީހުން ﷲ ގެ ދީނަށް ފުރައްސާރަކޮށް، މީސްތަކުންނަށް އަނިޔާވެރިވެ، ނިކަމެތީންގެ މުދާތަށް ފޭރިގަނެ ނަމާދުގެ ހައިބަތު ގެއްލުވާލާފައިވާތީވެ ހަނގުރާމަ އަށް ތެދުވާށެވެ.”

އިމާމް މާލިކް -ރަޙިމަހުﷲ- ގެ ރައުޔު:

ހިޖްރައިން 145 ވަނަ އަހަރުގައި ނިކުތް މުޙައްމަދު ބިން ޢަބްދިﷲ ބިން އަލްޙަސަން އޭ ކިޔުނު ބޭކަލަކާއި އެކު ނިކުތުމަށް އިމާމް މާލިކް- ރަޙިމަހުﷲ- ފަތްވާ ނެރުއްވި ކަމުގައި އިބްނު ޖަރީރުއް ޠަބަރީ- ރަޙިމަހުﷲ- ރިވާ ކުރައްވާފައިވެއެވެ. އެހިނދު އިމާމް މާލިކަށް ދެންނެވުނެވެ. “ތިމަންމެން މިތިބީ އަލްމަންޞޫރަށް ބައިޢަތު ހިފައިގެންނެވެ. އިމާމް މާލިކް ވިދާޅުވިއެވެ. އެއީ ތިޔަބައިމީހުންނަށް މަޖްބޫރު ވެގެން ހިފާފައިވާ ބައިޢަތެކެވެ. މަޖްބޫރު ކުރުވައިގެން ބައިޢަތު ހިފުމެއް ނެތެވެ. އިމާމް މާލިކްގެ ބަސް ގަބޫލު ކުރައްވާ، މުޙައްމަދު ބިން ޢަބްދިﷲ ބިން އަލްޙަސަނަށް މީސްތަކުން ބައިޢަތު ހިފިއެވެ.”

އިމާމް އަޙްމަދު –ރަޙިމަހުﷲ- ގެ ރައުޔު:

“ޛައިލު ޠަބަގާތިލް ޙަނާބިލާ” އޭ ކިޔުނު ފޮތުގައި އިބްނު އަބީ ޔަޢްލާ- ރަޙިމަހުﷲ- އިމާމް އަޙްމަދު- ރަޙިމަހުﷲ- ގެ ކިބައިން ނަގްލު ކުރައްވާފައިވެއެވެ. “ވެރިންގެ ތެރެއިން ބަޔަކު ބިދްޢަވެރި ކަމަކަށް ގޮވާލައިފިނަމަ އެކަމަށް އިޖާބަ ނުދޭހުށި ކަމެވެ. އެފަދަ ވެރިޔަކު ވެރިކަމުން ބޭލުމުގެ ކުޅަދާނަކަން ތިޔަބައިމީހުންނަށް ލިބިގެންވާނަމަ އެކަން ކުރާ ހުށި ކަމެވެ.”

އިމާމް އަޙްމަދުގެ މަޛްހަބުގެ މަޝްހޫރު ރައުޔަކީ އަނިޔާވެރި ވެރިޔަކާ ދެކޮޅަށް ނުނިކުތުމެވެ. ނަމަވެސް އިސްވެ ބަޔާން ކުރެވުނު ވާހަކަ އާއި އެކަލޭގެފާނުގެ މަޛްހަބުގެ މަޝްހޫރު ރައުޔާއި ގުޅުވާލައިފިނަމަ ބުނެވޭނީ އަނިޔާވެރި ވެރިޔަކާ ދެކޮޅަށް ނުނިކުތުމަށް އަމުރު ކުރައްވާފައިވަނީ އެކަމުގެ ކުޅަދާނަކަން ލިބިގެން ނުވާ މީހުންނަށެވެ. އެހެނީ ބާރެއްނެތި އެފަދަ ވެރިންނާ ދެކޮޅަށް ނިކުމެއްޖެނަމަ ގެއްލުން ބޮޑުވެ، އަނިޔާވެރިކަން އިތުރުވެގެން ހިނގައިދާނެތީވެއެވެ.”

އަނިޔާވެރި ވެރިޔަކާ ދެކޮޅަށް ނިކުމެ އޭނާގެ ވެރިކަން ބަދަލު ކުރަން މަސައްކަތް ކުރެވިދާނެ ކަމުގައި ވިދާޅުވެފައިވާ  ޙަންބަލީ މަޛްހަބުގެ މަޝްހޫރު ޢިލްމުވެރިންގެ ތެރޭގައި އިބްނު ރުޒައިން، އިބްނު ޢުގައިލް، އިބްނުލް ޖައުޒީ- ރަޙިމަހުމުﷲ- ހިމެނިވަޑައިގަންނަވައެވެ.

ގާޟީ ޢިޔާޟް- ރަޙިމަހުﷲ- ގެ ކިބައިން އަލްޢައްލާމާ މުޙައްމަދު ބިން އިބްރާހީމުލް ވަޒީރުލް ޔަމާނީ ނަގްލު ކުރައްވާފައިވެއެވެ. “ޙާކިމާގެ ކިބައިން ކުފުރުވެރިކަން ފާޅުވެއްޖެނަމަ، ނުވަތަ ބިދުޢަވެރި ކަމެއް ފާޅުވެއްޖެނަމަ، އެމީހަކު ވެރިކަމުން ބާލަން ޖެހޭނެއެވެ. އަދި އެމީހަކަށް ކިޔަމަން ގަތުން ކެނޑިގެން ދާނެއެވެ. އަދި އެފަދަ މީހަކާ ދެކޮޅަށް ތެދުވުން މުސްލިމުންގެ މައްޗަށް ވާޖިބުވާނެއެވެ. އަދި ކުޅަދާނަކަން ލިބިގެންވާނަމަ އެމީހަކު ވެރިކަމުން ބާލާ ޢަދުލުވެރި ވެރިޔަކު އިސްކުރަން ޖެހޭނެއެވެ.”

ޝާފިޢީ –ރަޙިމަހުﷲ- ގެ ރައުޔު:

ޝާފިޢީ މަޛްހަބުގެ މަޝްހޫރު ޢިލްމުވެރި އެއް ކަމުގައިވާ އިމާމް ޖުވައިނީ-ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. “ފާސިގަކަށް ވުމަކުން ޙާކިމާ ވެރިކަމުން ނުބޭލޭނެއެވެ. ނަމަވެސް، ޙާކިމާގެ ފަރާތުން ގޯސްކަންތައް އިތުރުވެ، އަނިޔާވެރިކަން އިތުރުވެއްޖެނަމަ، އަދި ފަސާދަ ޢާއްމުވެއްޖެނަމަ، އަދި މީސްތަކުންގެ ޙައްގުތައް ގެއްލިގެން ހިނގައްޖެނަމަ، އަދި ޚިޔާނާތްތެރިކަން އިތުރުވެގެން ހިނގައްޖެނަމަ، އެކަމާ ދެކޮޅަށް ނިކުމެ އެކަން ފިލުވާލަން މަސައްކަތް ކުރަންވާނެއެވެ. އެކަން ކުރެވެން އަންނަނީ ލޭ އޮހޮރުވާލައިގެން ކަމަށް ވަނީނަމަ، ޢާއްމުންގެ މަޞްލަޙަތު ބޮޑީ ކޮން ގޮތެއްގައިތޯ ބަލަން ޖެހޭނެއެވެ. އަދި އެގޮތަކަށް ކަންތައް ކުރަން ޖެހޭނެއެވެ.”

އިބްނު ޙަޖަރު- ރަޙިމަހުﷲ- އަލްޙަސަން ބިން ޞާލިޙް ބިން ޙައްޔުގެ ބަޔޮގްރަފި ލިޔުއްވަމުން ވިދާޅުވެފައިވެއެވެ. “އަނިޔާވެރި ވެރިންނާއި ދެކޮޅަށް ކަނޑި ހިފައިގެން ނިކުމެވިދާނެ ކަމުގައި އޭނާ ދެކެއެވެ. އެއީ ސަލަފުންގެ މަޛްހަބެވެ. ނަމަވެސް، އެކަން ނުކުރައްވާ ޢިލްމުވެރިން ދޫކޮށްލައްވާފައިވަނީ އެގޮތަށް ނިކުތުމުގެ ސަބަބުން މެދުވެރިވާ ފަސާދަ ބޮޑުވުމުގެ ސަބަބުންނެވެ.”

އައްޝައިޚް ޙާމިދުލް ޢަލީ- ޙަފިޡަހުﷲ- ވިދާޅުވެފައިވެއެވެ. “މުންކަރާތް މަނާކޮށް، އެކަން ނައްތާލުމަށް މާތް ﷲ އަމުރު ކުރައްވާފައިވެއެވެ. އެކަން ކުރަން އޮންނަނީ އަތުންނެވެ. އަޅުންނާއި ގައުމު ފަސާދަވުމުގެ ސަބަބަކީ އަނިޔާވެރިކަމެވެ. އަނިޔާވެރި ކަމާއި ދެކޮޅަށް ތެދުވުމަކީ، ޝަރީޢަތުގައި އަމުރު ކުރައްވާފައިވާ، ޢާއްމު މަޞްލަޙަތު ހިފެހެއްޓުމަށް ޓަކައި ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ.  ޝަރީޢަތުގެ ހުރިހާ ކަމެއްވެސް ބިނާވެގެންވަނީ މިއަސާސް (ޢާއްމު މަޞްލަޙަތު ހިފެހެއްޓުމުގެ) މައްޗަށެވެ.

އިސްލާމްދީނަށް އަނިޔާވެރި ވުމަކީ އެންމެ ބޮޑު އަނިޔާވެރިކަމެވެ. މީސްތަކުންގެ މުދަލާއި އަބުރާއި ލޭ އޮހޮރުވަމުންދާ ވަގުތެއްގައި އެފަދަ ކަންތައް މަނާ ނުކޮށް ތިބުމަކީ އެފަދަކަންތައް ކުރާ މީހުންނަށް އެހީތެރިވުން ކަމަށް މެނުވީ ނުވާނެއެވެ. އެހެންކަމުން، މިފަދަ ކަންތައްތައް ކުރާ މީހުންނާއި ދެކޮޅަށް ތެދުވެ، އެމީހުންގެ އަނިޔާވެރިކަމުން ރަޢްޔިތުން ސަލާމަތް ކުރުމަށް މަސައްކަތް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ.”

ބާޣީންނާއި މެދު ޙާކިމާ ކަންތައް ކުރަން ޖެހޭ ގޮތަކީ ކޮބައިބާ؟

ބަޔަކު މީހުން ޙާކިމާ އާއި ދެކޮޅަށް ނިކުމެއްޖެ ކަމަށް ވަނީނަމަ، ވެރިޔަކަށް ހުންނަ ފަރާތުގެ މައްޗަށް ވާޖިބުވެގެންވަނީ އޭނާ އާއި ދެކޮޅަށް ނިކުން މީހުންނާއި ސުވާލުކޮށް، އެމީހުން އެކަމެއް ކުރަނީ ކީއްވެގެންތޯ ބެލުމެވެ. ވެރިޔާގެ ފަރާތުން ގޯސް ކަމެއްގެ ވާހަކަ ބުނެފިނަމަ އެކަމެއް ރަގަޅު ކުރަން ޖެހޭނެއެވެ. އަދި އެމީހުން ތުހުމަތު ތަކެއް ކުރާނަމަ، ކަމުގެ ޙަގީގަތް ބުނެދޭން ޖެހޭނެއެވެ. ސަރުކާރާ ދެކޮޅަށް ނިކުމެގެން އުޅޭ މީހުން ދައްކަނީ ރަގަޅުވާހަކަ ތަކެއްނަމަ، އެކަމެއް ފުރިހަމަ ކޮށްދޭންވެސް ޖެހޭނެއެވެ.

އިސްލާމީ ޝަރީޢަތުގައި ބަޣާވާތަކީ ކޮބައިކަން ބަޔާން ކުރައްވަމުން އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ރާއްޖެއިސްލާމް ވެބްސައިޓް ގައި ލިޔުއްވާފައިވާ ލިޔުއްވުމެއް މިތަނުގައި ނަކަލު ކޮށްލާނަމެވެ. الحمد لله رب العالمين ولا عدوان إلا على الظالمين والصلاة والسلام على إمام المتقين وقائد الغر المحجلين وعلى آله وأصحابه والتابعين لهم بإحسان إلى يوم الدين. أما بعد!

މި ލިއުމުގައި އަޅުގަނޑު އަލިއަޅުވައިލާން ބޭނުންވަނީ ޝަރުޢީ އިޞްޠިލާޙްގައި ބަޣާވާތަކީ ކޮބައިކަން ދެނެގަތުމާއި ، ވަކި ކަމަކަށް ބަޣާވާތޭ ކިޔައި ނަންދެވޭ ހަމަތަކާއި ޞިފަތަކުގެ މައްޗަށެވެ. އާދެ! އަޅުގަނޑުމެން އެއްބަނޑުއެއްބަފައި އިސްލާމީ މުޖްތަމަޢު ގައި މިދުވަސްވަރު މިވަނީ ސިޔާސީ ވާދަވެރިކަމާހުރެ ވަރަށް އާދަޔާ ޚިލާފު،ތަފާތު އޮއިވަރެއް އުފެދި، މުޖްތަމަޢުގެ ހަމަޖެހުން ހައިޖާނުވެ، ނާމާންކަމެއްގެ ތެރޭގައި ޤަވުމު ޣަރަޤުވާން ތައްޔާރުވެފައެވެ. މުސްލިމުން އެއްބަޔަކު އަނެއް ބަޔެއްގެ އަބުރަށް އަރައި، އާޑަފުރައްސާރަ ކުރުމާއި، ނުބައިވެގެންވީ ލަޤަބު ތަކުން މުޚާޠަބުކޮށް އެއްބަޔަކު އަނެއްބަޔަކަށް ދުލާއި އަތުން އުދަގޫ ދޭން ފަށައިފައެވެ. އެއްބަޔަކު އަނެއްބައެއްގެ މުދަލުގެ ޙުރުމަތް ކަނޑާފައެވެ. ލޭގެ ޙުރުމަތްތެރިކަން ގެއްލުވާލައިފައެވެ.ގެދޮރުގެ ކަރާމާތް ނަގާލާން ތައްޔާރުވެފައެވެ. ގާތްތިމާގެ ކަމުގެ ގުޅުމަށްވުރެ ތިމާ ނިސްބަތްވާ ޕާޓީގެ ގުޅުން މުހިއްމުވެފައެވެ. ދީނަށް ވުރެ މާއްދިއްޔަތަށް އިސްކަން ދީފައެވެ. އަމާނާތްތެރީންނަށް ވުރެ ޚިޔާނާތް ތެރީންގެ އަގުއުފުލިފައެވެ. ތެދަށް ވުރެ ދޮގު ގެ ޤަދަރު އުފުލިފައެވެ. ރަޙްމާން ގެބަސްފުޅަށްވުރެ ޝައިޠާން ގެ ބަސް ބަލައިގަންނަން ދަސްވެފައެވެ. ތިމާ އަށް ޚާލިޤު ވަންތަ ﷲ އަންގަވާފައިވަނީ ކީކޭތޯ ބެލުމަށްވުރެ ތިމާގެ ސިޔާސީ ފިކުރު މަތިވެރިކޮށް ދަމަހައްޓައި، އެ ފިކުރަކާ ޚިލާފުވާ ތިމާގެ މުސްލިމް އަނެއް އަޚާ ނިކަމެތިކޮށް ގެއްލުންދެވޭން އޮތް ކޮންމެ މަގަކުން ގެއްލުންދިނުމަށް ފޫގަޅާފައި މަސައްކަތްކުރަމުންދާ ޙާލަތެއްގައެވެ. ޙަރަކާތަކަށް ނިކުންނަ އިރުވެސް އެ ޙަރަކާތަކީ ދީނީގޮތުން ހުއްދަ  ރަނގަޅު ޙަރަކާތެއްތޯ ބެލުން އެއްކިބާގައި ބާއްވާފައި އެކަމެއް ކޮށްގެން ނިކުންނަ ނަތީޖާ ނުބައިވެއްޖެ ނަމަ މަލާމާތް ރައްދު ކުރަނީވެސް ތިމާމެންގެ އަމިއްލަ ނަފްސު ނޫން ދެންތިބީންނަށް ކަމުގައި ފާހަގަ ކޮށްލަންޖެހެއެވެ. އާދެ! މާތް ﷲ އަށް އީމާންވެއްޖެ މީހަކަށް އޭނާގެ އާޚިރަތް ބަރުބާދު ވެގެން ދިއުމަށްވުރެ ދުނިޔެ ބަގްރޫޓް ވުމަކުން ކަންބޮޑުވުމެއް ނާންނާނެއެވެ.އަދި ބަޔަކު ކުރާ ނުބައި ކަމެއްގެ ސަބަބުން އެބަޔަކަށް ޝަރުޢީ ގޮތުން އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރުމަކަށް ވެސް ފަހެއް ނުޖެހޭނެ މެއެވެ. އަދި ތިމާގެ އަޚާ އަށް ކުރެވިފައިވާ ފާފަ އަކާ ވިއްދާ އޭނާގެ ދެންއެހެނިހެން ހެޔޮކަންކަން ބަލައި ނުގަނެ، އަދި ދާއިމަށް އޭނާއަކީ ދުޝްމަނެއްކަމުގައި ނުމެ ހަދާނެމެއެވެ. ސަބަބަކީ ތިމާ އަކީވެސް އަޚާ ފަދައިން ނުބަޔާއި ގޯސް ހެދޭނޭ މީހަކަށްވެފައިމެ، އެނުބައިތަކުން ސަލާމާތްވާން އެދޭނޭ މީހެއް ކަމުގައިވުމެވެ.

ސިޔާސީ މައިދާނަށް ބަލާލައިފިނަމަ ފެނިގެންދާނީ  ތަފާތު ނޭދެވޭ ލަޤަބުތަކާ، ނުބައި ނަންތަކާ، ހަޑިހުރު ފުރައްސާރަތަށް އެއްބަޔަކު އަނެއް ބަޔަކަށް ކުރެވޭތަނެވެ. އަބުރަށާއި މުދަލަށް އެރޭ ތަނެވެ. ﷲ އަށް ކުރެވޭ ޝިރުކަށްވުރެ ޕާޓީގެ ލީޑަރުން ނަށް ކުޑައިމީސް ބަހެއް ރައްދުކުރުމުގެ ނުބައިކަން ބޮޑުތަނެވެ. ތިމާމެންގެ ދިރި އުޅުމުގެ މައި މަޤްޞަދަކީ ޕާޓީ ވެރިކަމަށް ގެނެސް ،  އިދިކޮޅު ޕާޓީގެ އިނދަޖައްސާލުމެވެ. މުސްލިމުންގެ މެދުގައި ކުރުން މާތް ﷲ ޙަރާމްކުރައްވާފައިވާ ކަންކަމަށް އެއްވެސް ފަރުވާލެއް ނެތްތަނެވެ. ދަންނައެ، މާތް ﷲ ތިޔަބައިމީހުން ގެ ތިޔަ ޢަމަލްތަކުން ޣާފިލްވެ ވޮޑިގެން ނުމެވޭމެއެވެ.ހިތާމަޔަކީ މިއޮއިވަރުގައި ދީނަށް ލޯބިކުރާ ބައެއް އަޚުންނާއި އުޚްތުންވެސް ޖެހިފައިވާއިރު ބައެއް ޢިލްމުވެރީންވެސް މިކަމާމެދު އިހްމާލުވަމުންދާ ކަމެވެ. ހަނދާން ކޮށްލަން ޖެހޭ ކަމަކީ އުއްމަތުގެ ކުރީ ޖީލުތަކުން ފެށިގެން މިއަދާ ހަމަޔަށް ވެސް ދީނުގެ ބޮޑެތި ބައެއް ކަންކަމުން ފެށިގެން ކުދިކުދި މުޢާމަލާތް ތަކުގައިވެސް ޚިޔާލްތަފާތުވުންތަކާ ދެބަސްވުންތަށް ހުރެމެ، ﷲ ގެ ދީން ހޯދައި، އެދީނަށް އުޅުމަށް މަސައްކަތް ކުރާ އެއްވެސް މުސްލިމަކު އޭނާ އަނެކާއާ ޚިލާފް ވުމާހުރެ އޭނާގެ އަޚްވަންތަކަމުން ބޭރުކޮށްފައި ނުވާކަމެވެ. ކުދި ކުދި ޚިލާފް ތަކުން ފެށިގެން ވެރިކަމުގެ ތަޅާފޮޅުން ތަކާ ހަމަޔަށް ވެސް އުއްމަތުގައި ނަމޫނާ ފެންނަން ހުރި އިރު އެބޭކަލުން އިޚްތިޔާރު ކުރައްވާފައިވާ ރިވެތި މަގު ހިފޭތޯ އަޅުގަނޑުމެން ނޫޅޭ ނަމަ އަޅުގަނޑުމެންނާއި މުސްލިމް އުއްމަތަކާ ގުޅުމެއް އޮތްކަމަކަށް ނުބެލެވޭނެއެވެ. ކިތަންމެ ބޮޑު އަރާރުމަކާ ޖަދަލެއް ހިނގައިދިޔަޔަސް ދެމުސްލިމުން ދޭތެރޭ އޮންނަން ޖެހޭ ޙައްޤުތަކަކާ ދުރެއް ނުވެވޭނެއެވެ. އަދި ދުރުވާނަމަ ދުރުވެގަންނަ މީހާއީ ޛާތީގޮތުން ނުވަތަ އަމިއްލަ އެދުމެއްގެ ދަށުން ނުވަތަ ޝަރަފުވެރިކަމުގެ މައްޗަށް ބޮޑާވެފައިވާ މީހެއްކަމުގައި ނޫނީ ނުބެލެވޭ ހުއްޓެވެ. ނިކަން ހުސްހިތަކާއި ސީދާ ސިނކުޑިއަކުން ވިސްނާލާ ބަލާށެވެ. އަޅުގަނޑުމެންގެ ތެރޭގައި މިހާރަކަށް އައިސް އުފެދިފައި މިވާ ދެބަސްވުންތަކާ ވާދަ ކިއުން ތަކަކީ ޙައްޤުގައި ހުރީ ކޮންފަރާތެއްކަން އަދި ކަނޑައެޅިފައިނެތް ޙާލަތެއްގައިވެސް އިޖްތިހާދުގެ ދާއިރާގެ ތެރެއިން ހިމެނިފައިވާ ކަންކަން ކަން ހަމަޔަޤީނުންވެސް އެނގޭން އެބަ އޮތެވެ. އެހެންކަމުން ރާއްޖޭގައި ތިއްބެވި ޢިލްމުގެ އަހުލުވެރީންވެސް އެބޭފުޅެއްގެ އިޖްތިހާދު ނިޔާކުރާ ގޮތެއްގެ މައްޗަށް ކަމެއް ޤަބޫލުކުރައްވައިގެން ހުންނަވާއިރު އެކަމާ ޚިލާފު ގޮތަކަށް އިޖްތިހާދުކުރައްވައި ޤަބޫލު ކުރައްވައިގެން ހުންނެވި އަނެއް ބޭފުޅާ އަކީ އަބަދީ ދުޝްމަނެއްގެ ގޮތުގައި ބެއްލެވުމީ ޝައިޠާނާ އެދެމެދަށް މެދުވެރިކޮށްފައިވާ ކަމެއްކަމުގައި ނޫނީ ނުވާހުއްޓެވެ. އަދި އަޞްލު މަޤްޞަދަކީ ތިމާމެންގެ އަމިއްލަ ޛާތީ އިޖްތިހާދާއި މަޞްލަޙަތު ތަކަކަށް ވުރެ އުއްމަދުގެ ކިޔާނާއި ދީނުގެ ތަނބުތައް ބަދަހި ވެފައި އޮތުން މުހިއްމުކަން ބޮޑުކަން ހަނދާން ކުރުން ހުއްޓެވެ. ހަމަ އެއާއި އެކު ބައެއް ފަހަރު ދުނިޔޭގައި ތިމާގެ ޙައްޤު ގެއްލުވާލައިގެންވެސް ހެޔޮމަގުގައި ސަލާމަތުން ހުރުން އިސްކަން ދޭންޖެހޭ ތަން އާދޭމެއެވެ. ފަހެ ޙުދައިބިއްޔާ ގެ ޞުލްޙައިގެ ދުވަހު  رسول الله صلى الله عليه وسلم  އާއި މައްކާގެ މުޝްރިކުންނާ ދެމެދު ޞުލްޙައިގެ އެގްރީމެންޓް ކުރުމުގެ ހުރަހެއްކަމުގައި އެކަލޭގެފާނުގެ ރަސޫލުކަމުގެ ލަޤަބު ޤުރައިޝުން ހެދި ހިނދު އެކަންވެސް ދޫކޮށްލައްވައި ޞުލްޙަވުމަށް އިސްކަން ދެއްވެވީއެވެ. އާދެ! ޞުލްޙައިގެ ފަތް ލިޔާއިރު މިއީ ﷲ ގެ ރަސޫލާ ގެ ފަރާތުން ލިޔެފައިވާ އެއްޗެއްގެ ބަދަލުގައި މިއީ މުޙައްމަދު ބުނު ޢަބްދިﷲ ގެ ފަރާތުން ކޮށްފައިވާ ޞުލްޙައެއް ކަމުގައި ލިޔުމަށް އެކަލޭގެފާނު ތަނާޒުލް ވެވަޑައިގެންނެވީ އަޞްޙާބުން އެކަމާ ކަންބޮޑުވެ އިންކާރު ކުރައްވަކުރައްވާ ތިއްބަވައެވެ. އަދި  ހިތުގެ އަޑީން ތެދުކޮށް ޤަބޫލުކުރުމާއި އެކު މާތް ﷲ އީ އެއްކައުވަންތަފަރާތް ކަމަށް ހެކިވުމާއި މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް ހެކިވާ މީހާ ނަރަކައިގެ މައްޗަށް މާތް ﷲ ޙަރާމްކުރައްވާނެކަން معاذ بن جبل رضي الله عنه އަށް ރަސޫލާ صلى الله عليه وسلم އަންގަވައި ދެއްވުމަށްފަހު އެކަލޭގެފާނު އެވާހަކަ މީސްތަކުންނަށް އިޢުލާންކުރެއްވުން މަނާކުރައްވާފައިވަނީ ވެސް މީސްތަކުންގެ ޙާލަތުނިޔާކުރާގޮތުން އެމީހުންނަށް އެކަން ނަގައިގަނެވޭ ގޮތެއްގެ ސަބަބުން އެމީހުންގެ އަމިއްލަ ނަފްސުތަކަށް ގެއްލުން ވެދާނެ ޢާއްމު މަޞްލަޙަތަށްޓަކައި ކަމުގައިވާ އިރު ޙައްޤުގެ ތެރެއިން ބައެއް ކަންކަން ބަޔާން ކުރުން ފަސްކޮށްލެވިދާނެ ކަމުގެ ނަމޫނާ ވެސް މި މިޙާދިޘާއިން އަޅުގަނޑުމެނަށް ފެނިގެން އެބަ ދެއެވެ.

ބަޣާވާތަކީ ކޮބައިކަމާ މެދު ޢިލްމުވެރީން ލިއުއްވާފައިވާ ގިނަ ބަޙުޘްތައް މުޠާލިޢާކުރުމަށްފަހު އިޖްމާލީގޮތެއްގައި ބަޣާވާތުގެ ޝަރުޢީ އިޞްތިލާޙް ދެނެގަނެވޭނެ މިންގަނޑު އަޅުގަނޑު ހުށައަޅައި މިލަނީ ކޮންމެ ބޭފުޅަކަށްވެސް މައްސަލައިގެ އެކޮޅުމިކޮޅު ވިސްނައިގަނެވޭނޭ އުޞޫލްތައް ބަޔާންކޮށްދިނުމުގެ މައްޗަށެވެ. އަދި މި މައްސަލާގައި އުއްމަތުގެ ފިޤްހުވެރީން ގެ ފުން ވިސްނެވުމާއި، އިސްލާމީ ފިޤްހުގެ ތަނަވަސްކަން ތަޞައްޥުރު ކޮށްލެވޭނޭ މިންވަރަށެވެ. މިއާއެކު ހަނދާންކުރަންޖެހޭނޭ މުހިއްމު ކަމަކީ މިހާރު އެންމެ ހޫނުކޮށް ސިޔާސީ މައިދާނުގައި ހިންގަމުންގެންދާ ބަޣާވާތުގެ ބަޙުޘް ކޮންމެގޮތަކަށް އެބޭފުޅަކަށް ނިންމުނު ކަމުގައި ވިޔަސް އޭގެ ސަބަބުން ތިމާގެ މުސްލިމް އަނެއް އަޚާއަށް ވަކި ލަޤަބަކުން ގޮވައި ނުބައި ނަންނަމުން ކިޔައި މުޚާޠަބު ކުރުމަކީ މާތް ﷲ އެކަލާނގެ ފޮތުގައި ކަނޑައެޅިގެން ޞަރީޙަ ޢިބާރާތުން ނަހީ ކުރައްވާފައިވާ ކަމެއް ކަމުގައި ހަނދާންކުރަން ޖެހެއެވެ. މީހަކު ދެކެ ކިތަންމެ ރުޅި އަޔަސް ﷲ އަންގަވާފައިވާ ގޮތާއި ޚިލާފު މަގަކުން އެމީހަކާ ކުރިމައްޗެއް ނުލެވޭ ހުއްޓެވެ. އެކަލާނގެ ވަޙީކުރައްވާފައިވަނީ ” وَلَا تَلْمِزُوا أَنْفُسَكُمْ وَلَا تَنَابَزُوا بِالْأَلْقَابِ بِئْسَ الِاسْمُ الْفُسُوقُ بَعْدَ الْإِيمَانِ وَمَنْ لَمْ يَتُبْ فَأُولَئِكَ هُمُ الظَّالِمُونَ (11) سورة الحجرات ” އަދި ތިޔަބައިމީހުން އަމިއްލަ ނަފްސުތަކަށް (އަޚުން އެއްބަޔަކު އަނެއްބަޔަކަށް) ޢައިބު ކިޔާ ނަހަދާށެވެ. އަދި ނުރުހޭ ވަނަންތަކުން އެއްބަޔަކު އަނެއްބަޔަކަށް ގޮވާ ނަހަދާށެވެ. އީމާންކަމުގެ ނަމުގެމައްޗަށް ފާސިޤު ނަމުގެ ނުބައިކަމާއެ! ފަހެ އެކަންކަމުން ތަޥުބާ ނުވެއްޖެމީހާއީ އެއީ އަނިޔާވެރިއެކެވެ.”

ޙަޤީޤީ އަނިޔާވެރިޔަކީ ﷲ އެމީހަކީ އަނިޔާވެރިއެއްކަމުގައި ކަނޑައަޅުއްވާ މީހާއެވެ. ވީމާ މުސްލިމް އަޚާއާ ދިމާލަށް އޭނާ ނުރުހޭ ނަމަކުން ގޮވާމީހާއީ ޙަޤީޤީ އަނިޔާވެރިއެއްކަމުގައި ނޫނީ ނުވާހުއްޓެވެ.

أَمْ يَحْسَبُونَ أَنَّا لَا نَسْمَعُ سِرَّهُمْ وَنَجْوَاهُمْ بَلَى وَرُسُلُنَا لَدَيْهِمْ يَكْتُبُونَ (80) الزخرف ” ނުވަތަ އެއުރެންގެ ސިއްރު ވާހަކަތަކާއި، އެއުރެންގެ ސިއްރު ސައްލާތައް ތިމަންރަސްކަލާނގެ އައްސަވާވޮޑިގެން ނުވާކަމަށް އެއުރެން އެހީކުރަނީ ހެއްޔެވެ؟ އެހެންނަކުން ނުވާނެއެވެ. (އައްސަވާވޮޑިގެންވަމެވެ.) އަދި ތިމަންރަސްކަލާނގެ ފޮނުއްވާފައިވާ ملائكة ން އެއުރެންގެ ކައިރީތިބެ އެކަންތައްތަައް ލިޔުއްވަތެވެ.

ކަންމިހެންއޮތްއިރު ފާހަގަކޮށްލަންޖެހޭ އަނެއްކަމަކީ ބަޣާޥާތް ކުރުމަކީ ފާފައެއް ކަމަށް ވާހިނދު ފާފަތަކުގެ ތެރޭގައިވެސް ތަފާތު ދަރަޖަ ތައް އިސްލާމްދީނުގައި ވާކަން ޤަބޫލުކުރަންޖެހޭ ކަމެވެ. އެހެން ކަމުން ކޮންމެ ފާފައަކަށް އެފާފަ އެއްގެ ދަރަޖަ ދިނުމީ އޭގެ ޢަދުލުވެރި ހަމަ ކަމުގައި ހަނދަން ޖެހެއެވެ. ވައްކަން ކުރުމަކީ ބޮޑު ފާފައެކެވެ. ރާބުއިމަކީ ވެސް ބޮޑުފާފަ އެކެވެ. މުޙްޞަނުންގެ މައްޗަށް ޒިނޭގެ ތުހުމަތު އެޅުވުމަކީ ވެސް ބޮޑުވެގެންވާ ފާފައެވެ. އަދި މިފާފަތަކަށްވުރެ މާތް ﷲ އަށް ޝިރުކު ކުރުމުގެ ފާފަ މާބޮޑުވެގެން ވެއެވެ. އަދި އެކަލާނގެ ޙަރާމް ކުރެއްވިކަމެއް ހުއްދަ ކަމުގައި ބުނެ ހަދައިގަންނަ މީހާގެ ފާފަ އެއަށްވުރެ ބޮޑުވެގެން ވެއެވެ. ބޮޑު ފާފަ އަކުން ސަލާމަތްވެވޭން ހަމައެކަނިއޮތީ އެއަށްވުރެ ކުޑަ އެހެންފާފަ އަކަށް އަރައިގަތުން ކަމުގައިވާ ޙާލަތެއްގައި ކުޑަފާފައަކަށް އަރައިގަނެ ބޮޑުފާފަ އިން އެއްކިބާވުމަކީ އީމާންކަމާއި މުސްލިމެއްގެ އުޚްރަވީ މަޞްލަޙަތު ނިޔާކުރާގޮތް ކަމުގައި ވާއިރު ފާފައެއްގެ ބަދަލު ހިފުމަށްޓަކައި އެއަށްވުރެ ބޮޑުފާފައަކަށް އަރައިގަތުމީވެސް އެއަށްވުރެ ބޮޑު އަނިޔާއެއްކަން ހަނދާންކުރަންޖެހެއެވެ. މި އެއްވެސް ކަމަކީ ތިމާ ހިތައް ފެނުނު އެންމެ ރަނގަޅުގޮތަކަށް ނިންމަން ހުއްދަ އޮތް ކަންކަމެއް ނޫނެވެ. އަދި ދުނިޔޭގެ ބޮޑުބައިގަނޑު ދެކޭ ގޮތަށް ޤަބޫލުކުރަން އޮތް ކަމެއްވެސް ނުމެ ނޫންމެއެވެ. ހަމަމިއާއެކު ބަޣާވާތަކީ އިސްލާމީ ޝަރީޢާ ގެ ނިޒާމުގެ މައްޗަށް ނިކުމެގެން އައި އިޞްޠިލާޙެއް ކަމުން ޑިމޮކްރަސީ ނިޒާމު ޤަބޫލުކުރާ ބައެއްގެ ތެރޭގައި ބަޣާވާތުގެ އިޞްޠިލާޙް ބޭނުންކުރުމުގައި ދެކޮޅުނުޖެހޭ ކަންކަން ހުންނާނެކަމީ ޤަބޫލުކުރަންޖެހޭ ކަމެކެވެ. ސަބަބަކީ ޕާޓީސިސްޓަމް ހެދުމުގެ މަޤްޞަދަކީ ކޮންމެ ޕާޓީއެއްވެސް އަނެއްޕާޓީ ވާދަޔަށް އެޕާޓީއެއް ވެރިކަމަށް އައުމަށްޓަކައި ކުރާމަސައްކަތުގެ ތެރޭގައި ހަޅުތާލުކުރުމާ، މަދަނީ ބަސްނޭހުމާއި، ވެރިކަން ބަދަލުކުރުމަށް މުޒާހަރާކޮށްހެދުން ކަމަށްވާއިރު މިފަދަ ކަންކަމަކީ ޑިމޮކްރަސީ ނިޒާމެއްގެ އަސާސީ ޙައްޤު އަދި ރުކުން ތަކެއްކަމުގައި ޤާނޫނީގޮތުން ހުއްދަކޮށްދެވިފައި ވީހިނދު އެކަންކަން ބަލައިގަނެ އެއަށްރުހިގެން އެނިޒާމާ އެއްގޮތަށް މަސައްކަތްކުރަމުން އެކަންކަމަކީ އިސްލާމީ ޝަރީޢަތުގެ ނިޒާމެއްގައި ބަޣާވާތެއްގެ ޞިފަޖެހިގެންދާނޭ ކަންކަންކަމަށް ވާހިނދު މި ދެ ނިޒާމްގެ ފުށުއެރުން އެއް ވަޤުތެއްގައި އެއް މީޒާނަކުން ކިރޭނީ ކޮން ޢަދުލުވެރި ހަމަޔަކުން ހެއްޔެވެ؟! މާތް ﷲ އަހަރެމެންނަށް ހެޔޮ ވިސްނުން ދެއްވާށި! (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.