
ދިވެހި ޕްރިމިއާ ލީގްގައި މިއަދު ހަވީރު ކުޅުނު މެޗްގައި މާޅޮހުން ދެލަނޑު ޖަހާފައިވަނިކޮށް އޭދަފުށްޓަށް އުފަން އިޝާން އިބްރާހިމް (ސައްޓް) ދެ ލަނޑު ޖަހައި މިލަންދޫ ސަލާމަތްކޮށްދީފި އެވެ.
ގައުމީ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ސައްޓު ދެ ގޯލުވެސް ޖަހާފައިވަނީ ފަހު ހާފުގައި ކުޅެން އަރަ އެވެ. އަދި މެޗުގެ އެންމެ ތިން ބައިކުޅަ އެއްބައި ވަގުތު ކުޅެ އޭނާ ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހާސިލްކޮށްފަ އެވެ. އެހާ ކުޑަވަގުތު ކޮޅެއްގައި ކުޅެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދުމަކީ ވަރަށް މަދުން ނޫނީ ކުޅުންތެރިންނަށް ނުލިބޭ ޝަރަފެކެވެ.
ރަސްމީ ދުވަހެއްގައި މެޗު އޮތުމުގެ ސަބަބުން މިލަންދޫން ކުޅުނު ފުރަތަމަ މެޗުގައި ސައްޓުއަށް ބައިވެރިނުވެވުނުއިރު، މިއަދުގެ މެޗަށް ޓީމާ އޭނާ ގުޅުނީ އިއްޔެ އެވެ. އަދި މިލަންދޫ ޓީމުގެ ފަރިތަކުރުންތަކުގައި މިހާތަނަށް އޭނާ ބައިވެރިވެފައިވަނީ ވެސް އިއްޔެ އެކަންޏެވެ.
މީގެ ކުރިން ސައްޓު ގައުމީ ފުޓްބޯޅަ ސްޓޭޑިއަމްގައި މެޗެއްވެސް ކުޅުނީ އެންމެ ފަހަރަކުއެވެ. އެއީ މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލްގައި ތިމަރަފުށްޓާއި ވާދަކޮށް އޭދަފުށިން ތަށި ހޯދި މެޗުގައެވެ. އެ މެޗުގައި މާ އެދެވޭ ކުޅުމެއް ސައްޓުގެ ފަރާތުން ފެނިފައިނުވިއަސް މިއަދުގެ މެޗުގައި އޭނާގެ ކުޅުން އެއާ މުޅިން ތަފާތެވެ. މެޗް ނިމެން ތިރީހަކަށް މިނިޓަށް ވެފައިވަނިކޮށް ކުޅެންއަރައި މާޅޮހުގެ މުޅި ޑިފެންސް ލައިން އޭނާ ޕްރެޝަރަށް ވައްޓާލިއެވެ. އަދި ދިވެހި ޕްރިމިއާ ލީގްގެ ފުރަތަމަ މޮޅު މާޅޮހަށް އަތުވާން ގާތްގަނޑަކަށް ފަސް މިނިޓަށް ވެފައިވަނިކޮށް ގެ ގޯލް ސައްޓު ފޫއަޅުވާލީ ކީޕަރުގެ ބޯމަތިން އޮއްސާލި ރީތި ބޯޅައަކުންނެވެ. އަދި ދެވަނަ ގޯލް މެޗު ނިމިނިމި އޮއްވާ ސައްޓު ކާމިޔާބުކުރީ ބޯޅަ ދިފާއުކުރެވޭނެ މާބޮޑު ފުރުސަތެއް މާޅޮހުގެ ކީޕަރަށް ނުދީއެވެ.
މެޗަށްފަހު މިލަންދޫގެ ކުޅުންތެރިންނާ ދަނޑަށް ވަދެ ތިބި މިލަންދޫގެ ސަޕޯޓަރުން ސައްޓުއަށްވަނީ ހޫނު މަރުހަބާއެއް ކިޔާފަ އެވެ.