ދަރިވަރުންނާއެކު ބެލެނިވެރިން ވެސް ގުރުއާން ހިތުދަސްކުރަނީ

ބޮޑެތި މީހުންނަށް ފެށީ ގުރުއާން ހިތުދަސް ކްލާހުގައި މިރޭ ކިޔަވއިދެނީ. ފޮޓޯ / ކައުންސިލް

ދަރިވަރުންނާއެކު ބެލެނިވެރިންނަށް ވެސް ރީތިކޮށް ގުރުއާން ކިޔަވަން ދަސްކޮށްދީ، ގުރުއާން ހިތުދަސްކުރުމަށް އޭދަފުށީގައި ގުރުއާން ކްލާސްތަކެއް ފަށައިފި އެވެ.

ގުރުއާނާބެހޭ މަރުކަޒުގެ އޭދަފުށީ ގޮފިގައި 122 ކުދިން ގުރުއާން ހިތުދަސްކުރުމުގެ ކްލާހުގައި ބައިވެރިވެފައިވާއިރު އެތަނުން ބޮޑެތި މީހުންނަށް ހާއްސަކޮށްގެން ވެސް ގުރުއާން ގާރީ ކްލާސްތައް ކްލާސްތައް ހިންގަ އެވެ. އެކަމަކު ދަރިވަރުންނަށް ރީތިކޮށް ގުރުއާން ދަސްކޮށްދެވޭނީ ބެލެނިވެރިން ވެސް ގުރުއާނަށް އަހުލުވެރިކޮށްގެން ކަމަށް ވާތީ އެމަރުކަޒުން މިރޭ ވަނީ މިރަށުގެ ބެލެނިވެރިންނަށް ވެސް ގުރުއާން ހިތުދަސްކޮށްދޭ ކްލާސްތަކެއް ފަށައިފަ އެވެ.

ގުރުއާނާ ބެހޭ މަރުކަޒާ ގުޅިގެން ހިންގި ގާރީ ކޯހުގެ ފުރަތަމަ ލެވެލް އެ ސްކޫލުގެ 40 ބެލެނިވެރިއަކު މިހާރު ވަނީ ފުރިހަމަކޮށް، ސެޓްފިކެޓް ހާސިލްކޮށްފަ އެވެ.

އޭދަފުށީ ކައުންސިލުގެ ރައީސް ތޮލާލް އަބްދުއްރަހްމާން ވިދާޅުވީ ބައިވެރިން އަތުން މަހަކު 100 ރުފިޔާ ނަގައިގެން ކުރިއަށްގެންދާ މި ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އަދި ބެލެނިވެރިންނަށް ހާއްސަ ކްލާސްތަކެއް ހުޅުވާލުމުން އެއީ ރީތިކޮށް ގުރުއާން ކިޔަވަން ދަސްކުރުމަށް، ބެލެނިވެރިންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރަކަށް ވާނެ ކަަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި ކްލާސްތަކުގައި ކިޔަވައިދެނީ ކީރިތި ގުރުއާނާ ބެހޭ މަރުކަޒުން އޭދަފުއްޓަށް ފޮނުއްވާފައިވާ ސޫދާންގެ ހާފިޒެކެވެ.

ތޮލާލު ވިދާޅުވި ގޮތުގައި އޭދަފުށީގައި މިއަދު މި ފެށުނީ ދީނީ ތައުލީމުގެ މުޅިން އާ ސަފްހާއެއް ކަމަށާއި، އަމާޒަކީ އެ މަރުކަޒުން ގުރުއާން ހިތުދަސް ދަރިވަރުންތަކެއް މުޖުތަމައަށް ނެރުމެވެ.

މިދިޔަ އަހަރު އޭދަފުށީގައި ހުޅުވުނު ކީރިތި ގުރުއާނާބެހޭ މަރުކަޒުގެ އޭދަފުށީ ގޮފީގައި ބޮޑެތި މީހުންނަށް ގާރީ ކޯސްތަކެއް ހިންގައިފަ އެވެ. އެ ކޯހުގެ ބައިވެރިން ފުރަތަމަ ލެވެލްގެ ސެޓްފިކެޓް ހޯދުމަށް ފަހު މިހާރު އަންނަނީ އެ ކޯހުގެ ދެ ވަނަ ލެވެލްއަށް ކިޔަވަން ތައްޔާރުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.