
ޗުއްޓީ ހޭދަކޮށްލަން މާގިނައިން އޭދަފުއްޓަށް އަންނަން އުޅޭ ރައްޓެއްސެކެވެ. އޭނާގެ އާދޭހާއެކު އެއް ފަހަރަކު މިރަށަށް ގެނެސްފީމެވެ. އެކަމަކު އެތައް އުންމީދަކާ އެކު ރަށުގެ ފަސްގަނޑުގައި ފައިބީއްސާލުމާ އެކު އޭނާ ބުނި އެއްޗަކުން އަހަރެން ކުއްލިއަކަށް ސިއްސައިގެން ހިނގައްޖެ އެވެ!
“މިއީ ނަރަކަތަ؟ މިރަށް ހާދަ ހޫނުގަދައޭ ދޯ” އޭނާ ބުންޏެވެ.
އެހެން ބުނަން ޖެހޭ ސަބަބު އަހަންނަށް ވިސްނެ އެވެ. އެއީ އެންމެ ހޫނުގަދަ ވަގުތެވެ. ހިޔާވެލާނެ ގަހެއް ކައިރީގައި ނެތުމުން ހިތްފުރޭވަރުގެ ވައިކޮޅެއް ވެސް ގަޔަކު ނުބީއްސާލަ އެވެ.
އެއީ މީގެ އަހަރުތަކެއް ކުރި އެވެ. އޭރުވެސް މިހާރުވެސް އޭދަފުށި ފާހަގަ ކުރެވިފައިވަނީ މާ ބޮޑު ފެހިކަމެއް ނެތް ރަށެއްގެ ގޮތުގަ އެވެ. ރަށުގެ އާބާދީ އާ އެންމެ އެކަށީގެންވާ ވަރުގެ ބިމެއް ނެތުމުގެ ސަބަބުން އެކިއެކި އިމާރާތްތައް ހެދުމަށްޓަކައި ގޯތިތެރޭގައި ހުރި ބިޔަ ގަސްތައް ވަނީ ކަނޑައި، ބިމާ ހަމަކޮށްފަ އެވެ. ތާރު އަޅައިގެން މަގުތައް ހެދުމަށް ދާދިފަހުން ވަނީ ރަށުގެ ބޮޑެތި މަގުތަކުގައި ހެދިފައި ހުރި ހިޔާދޭ ބޮޑެތި ގަސްތައްވެސް ކަނޑާ ބިމާ ހަމަކޮށްފަ އެވެ. ގަސްތައް ކެނޑެމުން ދިޔަވަރާ ގާތަށް ވެސް ގަސް އިންދުމުގެ ޕްރޮގްރާމް ކުރިއަށް ނުގެންދެވުމުން ރަށް ވަރަށް ބޮޑަށް ހަނަފަސްވެފައިވާ ކަމީ އެންމެންވެސް ގަބޫލުކުރާ ހަގީގަތެކެވެ. އަދި ރަށުގެ ބިން ހިއްކިތާ ފަސް އަހަރުވީ އިރުވެސް ރަށް ފެހި ކުރުމަށްޓަކައި ގަސް އިންދުމަށްވުރެ ފެނުނީ ގަސްތައް ކެނޑި މަންޒަރެވެ. ނަތީޖާއަކަށް ވެފައިވަނީ މިރަށް އިންތިހާ އަށް ހޫނު ގަދަވެފައިވުމެވެ.
ސައިންސްވެރިން ބުނާ ގޮތުގައި ތަނެއްގައި ގަސްގަހާގެހި ގިނަވި ވަރަކަށް އެތަނުގެ ހޫނުމިން ދަށަށް ދާނެ އެވެ. ސަބަބެއް ކަމަށް އެ ފަރާތްތަކުން ބުނަނީ ގަހުގެ ފަތްތަކުން ނުކުންނަ ފިނި އާވީގެ ސަބަބުން މާހައުލު ފިނިވާތީ ފިނިހޫނުމިން ދަށަށް ދަނީ ކަމަށެވެ. މާހައުލު ފިނިކުރުމުގެ އިތުރަށް ގަސްގަހާ ގެއްސަކީ ރާއްޖެ ފަދަ ތިރި ޖަޒީރާ ގައުމުތަކުގެ މުސްތަގުބަލު އޭގެ މައްޗަށް ބިނާވެފައިވާ އެއްކަމެވެ.
ތާރުއަޅައިގެ އޭދަފުށީ މަގުތައް ހަދައި ނިމޭއިރު އިންތިހާއަށް ހޫނު ގަދަވާނެ ވާހަކަވެސް ދެކެވެމުންދާ މިފަދަ ވަގުތެއްގައި ވެސް ގަސް އިންދުމަށް އޭދަފުށިން ދޭ ސަމާލުކަން ހިތާމަކުރާހާ ދަށެވެ. ރަށުން ނެތެމުންދާ ފެހިކަން އަލުން އާލާ ކޮށް މި މައްސަލަ ހައްލުކުރުމަކީ ކޮން ފަރާތެއްގެ މަސްއޫލިއްޔަތެއް ހެއްޔެވެ؟
“ތިކަމަކީ ރަށުގެ ކޮންމެ ރައްޔިތެއްގެވެސް ޒިންމާއެއް،” އޭދަފުށީގައި އިޖުތިމާއީ ކަންތަކުން އެންމެ އިސްކޮށް އަބަދުވެސް ފެންނަ އަހުމަދު ނާސިރު ބުންޏެވެ.
“އަޅުގަނޑު ހުންނާނެ ރަށް ފެހިކުރަން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައި. އޭގެ ހެކި އެހެރީ ފެންނަން ހޮސްޕިޓަލުންނާއި ގަބުރުސްތާނު އަދި މީޑީއާ ސެންޓަރުން ވެސް.”
ތިމާވެއްޓަށް ކުރާ ހިދުމަތުގެ އަގު ވަޒަންކޮށް ރަށުގެ ޖަމިއްޔާއަކުން އެވޯޑެއް ހޯދައިފައިވާ އަހުމަދު ނާސިރު ބުނީ ފަރުދީ ފެންވަރުގައި ވެސް އޭނާ ރަށް ފެހިކުރުމަށް ގިނަގުނަ ގުރުބާނީތަކެއް ވެފައި ވާ ކަމަށެވެ.
“މިލިއަން ގަސް ޕްރޮގްރާމާ ގުޅިގެން އަޅުގަނޑު ހުންނާނެ ތިން ފަހަރެއްގެ މަތިން ރަށުގެ އެކި ހިސާބުގައި ގަސްތައް ޖަހާފައި، އަދި ފޭލި ޖަމިއްޔާއިން ހިންގި ގަސް އިންދުމުގެ ޕްރޮގްރާމުތަކުގައިވެސް އަޅުގަނޑު ހުންނާނެ އެންމެ އިސްކޮށް އަމަލީ ގޮތުން އެކަމުގައި އުޅެފައި. އެކަމަކު ގަސްތަކަށް ފެންދޭނެ ގޮތެއް ނެތިގެން ބައެއް ގަސްތައް ވަނީ މަރުވެފައި،” އޭނާ ބުންޏެވެ.
“އޭރު ދަނޑު ކައިރީގައި އިންދި ގަސްތަކަށް ފެންދޭން ސްކޫލުން ފެން ގެންނަން ފެށީތާ ތިންވަނަ އަށް ވީދުވަހު އެތަނުން ފެން ކަނޑާލައިފި. ދެން ގެންނަން ފެށީ މިސްކިތުން. މާ ގިނަ ދުވަހެއް ނުވެ އެތަނުންވެސް ފެން ލިބުމުގެ މަގު ބަންދުވެއްޖެ. ދެން ގެއިން ބަރޯގައި ފެން ގެންނަން މިޖެހެނީ.”
ނާސިރުގެ އިތުރުންވެސް ރަށުގައި ގަސް އިންދުމުގެ ޝައުގުވެރިކަން ހުރި އެހެން ފަރާތްތައް އުޅެ އެވެ. އޭގެ ހެއްކަކީ މީގެ އަހަރުތަކެއް ކުރިން ސޮނެވާފުށީ ރިސޯޓުން މިރަށުގެ ބަނދަރުމަތީގައި ގަސް އިންދާފައި ވުމެވެ. ނަމަވެސް ރަށުގެ ކަމާބެހޭ އިދާރާތަކުން އެންމެ ފުރިހަމަ އެހީތެރިކަން ނުލިބިގެން އެފަރާތަށް އެ ޕްރޮގްރާމް އެންމެ އެކަށިގެންވާ ގޮތުގައި ވަނީ ހިންގޭގޮތް ނުވެފައެވެ
ނާސިރު ބުނިހެން ރަށް ފެހި ކުރުމަކީ ހަމަ ކޮންމެ މީހެއްގެވެސް މަސްއޫލިއްޔަތެކެވެ.
އަހަރެންގެ ރައްޓެހި މީހާ އަށް އެ ފަހަރު ޖަވާބު ދޭނެ ހިތްވަރެއް އަހަރެންގެ ނެތެވެ. އޭނާ ފަދައިން އެހެން މީހަކު ރަށަށް އަރައިފައި “މިއީ ނަރަކައޭ” ނުބުނާނެ ގޮތަކަށް ކަންތައްތައް ކުރެވޭތޯ އެންމެން ވެސް ބަލަންވީ އެވެ. އެއީ މާ އުނދަގޫ ކަމެއް ނޫނެވެ. ކޮންމެ މީހަކަށް ވެސް ގަސް އިންދިދާނެ އެވެ. ރަށަށް އަރާ މެހުމާނުން “މިއީ ބަގީޗާއެއްހޭ” ބުނާ ވަރަށް ވެސް ރަށް ފެހިކުރެވިދާނެ އެވެ.
އޭދަފުށި ފެހިވާނީ އޭދަފުށީ ރައްޔިތުން ފެހިވެގެން،،