އަތޮޅުތަކުގެ ތަރައްޤީ އަށް މަސައްކަތް ކުރާ ޕާޓީގެ ނަމުގައި ކެންދޫ ކަތީބު ސައީދު އިސްވެ ހުންނަވައިގެން ސިޔާސީ ޕާޓީއެއް ހަދަނީ

ކެންދޫ ކަތީބު މުހައްމަދު ސައީދު އިބްރާހީމް (ވ) އޭދަފުށީގައި އޮތް ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ: އަތޮޅުތަކުގެ ތަރައްޤީ އަށް ޕާޓީއެއް އުފައްދަވަން ގަސްދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި. — ފޮޓޯ / އަބްދުލްޤައްޔޫމް

އަތޮޅު ތަރައްޤީ އަށް މަސައްކަތް ކުރާ ޕާޓީގެ ނަމުގައި ބ. އަތޮޅު ކެންދޫ ކަތީބު މުހައްމަދު ސައީދު އިބްރާހީމް އިސްވެ ހުންނަވައިގެން ސިޔާސީ ޕާޓީއެއް އުފައްދަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ސައީދު ވިދާޅުވީ އެޓޯލްސް ޑިވެލޮޕްމެންޓް ޕާޓީ “އޭޑީޕީ”ގެ ނަމުގައި އުފައްދަން ގަސްދު ކުރާ މި ޕާޓީ އަށް ތާއީދު ހޯދުމަށާއި ވަންނާނެ މީހުން ހޯދުމަށްޓަކައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވަރަށް އަވަހަށް ދަތުރެއް ފައްޓަވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މިއީ ރާއްޖޭގައި މިހާރު އުފެދިފައިވާ ޕާޓިތަކާ ހިލާފަށް ރާއްޖޭގެ ހުރިހާ އަތޮޅުތަކުގެ އަޑު އުފުލައި ތަރައްޤީ އަށް ގޮވާލުމުގެ މަގްސަދުގައި އުފައްދަން ވިސްނަވާ ޕާޓީއެއް ކަމަށެވެ.

“ހަގީގަތުގައި އަތޮޅުތަކުގެ ތަރައްޤީ އަށް ނުވަތަ އަތޮޅުތަކުގެ އަޑު އުފުލައިދިނުމަށް ޕާޓީއެއް އޮތުމަކީ ވަރަށް ބޭނުންތެރި ކަމެއް. އެ ކަން މުހިއްމު ވާކަން ހަމައެކަނި އެނގޭނީ ވެސް މާލެއިން ބޭރުގައި އަތޮޅުތަކުގައި ވަޒަންވެރިވެފައި ތިބި މީހުންނަށް. އެހެންވީމާ މެމްބަރުން ހޯދުމަށް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވަރަށް އަވަހަށް ދަތުރެއް ފަށާނަން،” އިއްޔެ މެންދުރު އީޓީ އަށް ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ދަތުރަށް ފަހު ޕާޓީ އުފައްދަން ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަ އަށް އެދޭނެ ކަމަށާއި މި ކަމުގައި އަތޮޅުތަކުގައި އެއްވެސް ޕާޓީއެއް ހިޔާރު ނުކޮށް ތިބި އާންމުންގެ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

މި ޕާޓީގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތްތަކުން 7931831 އާ ގުޅުއްވުމަށް ސައީދު އެދިވަޑައިގަންނަވަ އެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީގެ ގޮތުގައި 11 ޕާޓީއެއް ރަޖިސްޓްރީކޮށް ހިންގާއިރު ރާއްޖޭގެ އަތޮޅުތަކުގެ ރައްޔިތުންގެ އަޑުގެ ނަމުގައި މި ފަދަ ގޮތަކަށް ޕާޓީއެއް އުފައްދަން ބަޔަކު މަސައްކަތް ކުރަމުން އަންނަ މިއީ ފުރަތަމަ ފަހަރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.