ޓީމާއެކު ޕްރެކްޓިސް ނުކުރިޔަސް ސައްޓު ތަފާތު ދައްކަނީ

މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި ށ.މިލަންދޫ ބައްދަލުކުރި މެޗްގެ މޭން އޮފް ދަ މެޗް ފިލާ ސައްޓުއަށް ހަވާލުކުރަނީ |

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު މިލަންދޫއާއި ޓީސީ ވާދަކުރި މެޗުގައިވެސް އޭދަފުށީގެ ހުނަރުވެރި ކުޅުންތެރިޔާ އިޝާން އިބްރާހީމް (ސައްޓު) މޮޅު ކުޅުމެއްދައްކާ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފި އެވެ.

މިއަދު ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި މިލަންދޫއާއި ޓީސީ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ މިލަންދޫ ޓީމުން ސައްޓު ގެންދިޔައީ ދިވެހި ޕްރިމިއާ ލީގުން އޭދަފުއްޓަށް ފުރުސަތު ގެއްލުމުންނެވެ.

މިލަންދޫ ޓީމުން ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ސައްޓު ފެނިފައެއް ނުވެ އެވެ. އެ މެޗު ކުޅެން ސައްޓުއަށް ރިލީޒް ނުލިބުނު ނަމަވެސް، މާޅޮހާ ދެކޮޅަށް ކުޅުނު މެޗުގައި ދެވަނަ ހާފުގައި ކުޅެން ނިކުމެ އޭނާވަނީ މެޗުގެ ފަހު ވަގުތުގައި ދެގޯލް ޖަހާ އެ މެޗުގެވެސް މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ. އެއްވަނަ ޑިވިޝަން ޓީމުތަކުންވެސް މީގެކުރިން ގިނަ ފުރުސަތުތަކެއް ލިބިފައިވާ ސައްޓު ވަނީ ލީގުގައި މިހާތަނަށް ކުޅުނު ތިންމެޗުގެ ތެރެއިން ދެމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ.

މިއަދުގެ މެޗު ފެށިގެންވެސް ސައްޓުއަށް ލިބުނު ބޯޅަތަކުގައި ޓީސީގެ ޑިފެންޑަރުންނަށް ވަނީ ބާރުބޮޑުކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފުގެ 26 ވަނަ މިނިޓުގައި ޓީސީގެ މުރުތަލާ އަދުނާން ކައިރިން ދެފަހަރަށް ނައްޓާލުމަށްފަހު ސައްޓު ފޮނުވާލި ބޯޅަ ދިޔައީ ގޯލް ކުރިމަތިން ހުރަސްވެގެންނެވެ. އަދި މެޗުގެ 38 ވަނަ މިނިޓުގައި ޓީސީގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ސައްޓު ހުރަސްކުރި ބޯޅަ މިލަންދޫގެ ކުޅުންތެރިޔާ ޖެހުމުން އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މެޗުގެ ދެވަނަ ހާފުގައިވެސް މިލަންދޫން އުފެއްދި ހަމަލާތަކުގައި ސައްޓު ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. މިގޮތުން މެޗުގެ 83 ވަނަ މިނިޓުގައި ތިން ކުޅުންތެރިން ނައްޓާލުމަށްފަހު ސައްޓު ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

އޭދަފުށީ ބޭންކް އޮފް މޯލްޑިވްސް ބްރާންޗުގައި ވަޒީފާ އަދާކުރާ ސައްޓު މިއަދުގެ މެޗަށް ޓީމާއި ގުޅިފައިވަނީ މެޗު ފެށުމުގެ ގަޑިއެއްހާއިރު ކުރިންނެވެ. މެޗަށްފަހު މިލަންދޫ ޓީމުގެ ކޯޗު މުޙައްމަދު ނާސިރު ބުނީ ސައްޓު ޓީމާއެކު ޕްރެކްޓިސް ކުރާނަމަ އިދިކޮޅު ޓީމުތަކަށް އިތުރަށް ޕްރެޝަރ ބޮޑުވާނެކަމަށެވެ. ވަޒީފާއިން ރިލީޒް ނުލިބޭތީ ފަރިތަކުރުންތަކުގައި ސައްޓު މިހާތަނަށް ޓީމާއެކު ބައިވެރިވެފައިވަނީ އެންމެ ތިން ދުވަހުއެވެ.

މިއަދު ލިބުނު ޕޮއިންޓާއެކު މިލަންދޫއަށް ވަނީ ކުޅުނު ހަތަރު މެޗުން ދެ ޕޮއިންޓް ލިބިފައެވެ. ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރާ އެއްވަނަ ޑިވިޝަނުގެ ވަރުގަދަ ޓީމުތަކާ ދެކޮޅަށް މިލަންދޫން އަންނަނީ ރަގަޅު ވާދައެއް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.