ބ. ފަރެހުގައި މަތީ ފެންވަރުގެ ރިސޯޓެއް ހަދަނީ

ތައިލެންޑްގެ މައިނާ ހޮޓެލްސް އާއި ސީޕްރިއާ ގުޅިގެން ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބ. ފަރެސް: އެ ރަށް އަންނަ އަހަރު ހުޅުވާނެ.

ތައިލެންޑްގެ މައިނާ ހޮޓެލްސް އާއި ސީޕްރިއާ ގްރޫޕް ގުޅިގެން 70 މިލިއަން ޑޮލަރު (ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ) ހަރަދުކޮށްގެން ބ. ފަރެހުގައި މަތީ ފެންވަރުގެ ރިސޯޓެއް ހަދަން ނިންމައިފި އެވެ.

ޓޫރިޒަމް ހަބަރުތައް ގެނެސްދޭ ވެބްސައިޓަކާ ހަވާލާދީ “މިހާރު” ނޫހުގައި ބުނެފައި ވަނީ “އަވާނީ ފަރެސް މޯލްޑިވްސް ރިސޯޓު”ގެ ނަމުގައި އެ ރަށް ތަރައްގީކުރަން ރާއްޖޭގައި މިހާރު ވެސް ގިނަ ރިސޯޓުތަކެއް ހިންގާ މައިނާ ހޮޓެލްސްއާއި ސީޕްރިއާ އެކު ޖޮއިންޓްވެންޗާ އެއްބަސްވުމެއްގައި މިހާރު ސޮއިކޮށްފައިވާ ކަމަށެވެ.

އަވާނީ ހޮޓެލްސްގެ ގްރޫޕް ޑިރެކްޓަރު އަލެޖެންދްރޯ ބާނަބޭ ވިދާޅުވެފައި ވަނީ ގުދުރަތީ ރީތިކަން ދައްކުވައިދޭ ގޮތަށް ތަރައްގީކުރާ ރިސޯޓުގައި އެކި ފެންވަރުގެ 200 ކޮޓަރި ހުންނާނެ ކަމަށެވެ. އަދި އެ ކޮޓަރިތަކުގައި އެންމެ ޒަމާނީ ވަސީލަތްތައް ގާއިމުކުރެވިފައި ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
އެ ރިސޯޓުގައި “އަވާނީ ސްޕާ” އާއި “އަވާނީ ކިޑްސް ކްލަބް”ގެ އިތުރުން ބޮޑު ސުވިމިން ޕޫލަކާއި ޕޫލް ބާއެއް ވެސް ހުންނާނެ ކަމަށް އެ ވެބްސައިޓާ ހަވާލާދީ މިހާރު ނޫހުގައި ވެ އެވެ.

ދަރަވަންދޫ އެއާޕޯޓުން ފުރައިގެން 30 މިނެޓުން ދެވޭ ހިސާބުގައި އޮންނަ ފަރެހަކީ 12.4 ހެކްޓަރުގެ ރަށެކެވެ.

އެ ވެބްސައިޓްގައި ވާގޮތުން ފަރެސް ރަށް ހުޅުވަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފަހުކޮޅު އެވެ.

ބ. އަތޮޅުގައި މިހާރުވެސް އަންނަނީ މަތީ ފެންވަރުގެ ދިހަ ވަރަކަށް ރިސޯޓު ހިންގަމުން އަދި މި އަތޮޅުގައި މަތީ ފަސްތަރީގެ އިތުރު ރިސޯޓްތައް ހުޅުވަން ދަނީ ތައްޔާރުވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.