ފްރެންޑްލީ ޔޫތް ކަޕް: ހުޅުވައިދޭނީ ޔުނައިޓް ވީ – އެންޖޯއި ފްރެންޑްސް

މިދިޔަ އަހަރު ފްރެންޑްލީ ޔޫތް ފުޓްބޯޅަ މުބާރާތުގައި އެންޖޯއި އާއި ޔުނައިޓެޑް ވީ ބައްދަލުކުރި މެޗްގެތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ކޮންމެ އަހަރެއްގެ ވެސް އަޞްހާ އީދު ބަންދުގައި އޭދަފުށި ޒުވާނުންގެ ކްލަބުން އިންތިޒާމް ކޮށްގެން ބާއްވަމުން އަންނަ “ފްރެންޑްލީ ޔޫތް ކަޕް 2017” ފުޓްބޯޅަ މުބާރާތް ހުޅުވާ މެޗުގައި ބައްދަލުކުރާނީ ޔުނައިޓެޑް ވީ އަދި އެންޖޯއި ފްރެންޑްސްއެވެ.

މި މުބާރާތުގައި މިއަހަރު ބައިވެރިވެފައިވަނީ އެންމެ ފަހުގެ ޗެންޕިއަން އެމް.އޭ ޔުނަައިޓެޑ ، ޔުނައިޓެޑް ވީ، ސައިނޯސާ، އެންޖޯއި ފްރެންޑްސް، ހުސްސޮގުން، ވެލާ ސިޓީ އަދި މި އަހަރު މި މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ޑައުންޓައުން އެފްސީ އެވެ.

އަންނަ އަންގާރަ ދުވަހު ހަވީރު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ގްރޫޕް އޭ އަށް ގޮސްފައިވާ ޓީމްތަކަކީ ޔުނައިޓެޑް ވީ ، އެމް.އޭ ޔުނައިޓެޑް، އެންޖޯއި ފްރެންޑްސް އަދި ސައިނޯސާ އެވެ. ގްރޫޕް ބީގައި ހިމެނުނު ޓީމްތަކަކީ ހުސްސޮގުން، ވެލާ ސިޓީ އަދި ޑައުންޓައުން އެވެ.

މިދިޔަ އަހަރުގެ މި މުބާރާތުގައި އަލީ ފަސިރު (ސެންޓޭ) އެމް.އޭ ޔުނައިޓެޑަށް ކުޅެނީ . މި އަހަރު ގައުމީ ޓީމް ކުޅުންތެރިން ނުފެނުނު ކަމުގައި ވިޔަސް ފުރަތަމަ ޑިވިޝަން ކުޅޭ ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިން މި މުބާރާތުގައި ކުޅޭނެ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މި މުބާރާތާ ބެހޭ ގޮތުން އޭދަފުށި ޒުވާނުންގެ ކްލަބުގެ ސީއީއޯ މުހައްމަދު ޒާހިދު (ބައްޓޭ) ބުނީ މުބާރާތުގެ ޗެމްޕިއަން ޓީމަށް ބ. އަތޮޅުގައި މިިހާތަނަށް ބޭއްވި އެއްވެސް މުބާރާތެއްގައި ދީފައި ނުވާވަރުގެ ފައިސާގެ އިނާމެއް މިފަހަރު ދޭނެކަމަށެވެ.

އިތުރަށް މައުލޫމަތު ދެމުން ބައްޓޭ ބުނީ މިދިޔަ އަހަރުގެ ޗެންޕިއަން ޓީމަށް ދިން ފައިސާގެ އަދަދަށްވުރުއް މި އަހަރު ޗެންޕިއަން ޓީމަށް ދޭ ފައިސާ އިނާމް ބޮޑު ވާނެ ކަމަށާއި، ޗެމްޕިއަން ޓީމަށް ބޮޑު އަދަދެއްގެ ފައިސާގެ އިނާމެއް ދޭން ނިންމީ ހާއްސަކޮށް ޒުވާން ކުޅުންތެރިންނަށް ފުރުސަތު ހޯދައިދީ، މުބާރާތުގެ ފޯރިގަދަ ކުރުމުގެ ގޮތުންނެވެ.

“މިހާރު އޭދަފުށީ ސީނިއާ ޓީމުގެ ގިނަ ކުޅުންތެރިންނަކީ ރިޓަޔާ ކުރާ ކުޅުންތެރިންނަށް ވުމާއެކު މީގެ އެންމެ ބޮޑު ބޭނުމަކީ ޒުވާންކުޅުންތެރިންނަށް މި މުބާރާތުގައި ކުޅުމުގެ ފުރުސަތު ފަހިކޮށްދިނުން. އެގޮތުން މުބާރާތުގެ ގަވައިދަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ވާނީ ވިސްނާފައި،” ބައްޓޭ ބުންޏެވެ.

މިދިޔަ އަހަރުގެ މި މުބާރާތުގައި އޭދަފުށީ ޓީމުގެ ސްޓްރައިކަރ އިޝާން އިބްރާހިމް (ސައްޓު) ސައިނޯސާ ޓީމަށް ކުޅެނީ | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

މި މުބާރާތުގައި މިއަަހަރު ގައުމީ ފުޓްބޯޅަ ޓީމު ސްކޮޑަށް ނެގި އެއްވެސް ކުޅުންތެރިޔަކު ނުފެނުން ކަމުގައިވިޔަސް ފުރަތަމަ ޑިވިޝަންގައި ކުޅެމުން އަންނަ ކުޅުންތެރިންނާއި ރާއްޖެއިން ބޭރުގެ ކުޅުންތެރިންވެސް މިއަހަރުގެ މުބާާރާތުން ފެނިގެންދާނެ އެވެ.

މުބާރާތަށް ތައްޔާރުވުމަށްޓަކައި ގިނަ ޓީމުތަކުން މިހާރުވެސް އަންނަނީ އޭދަފުއްޓާއި މާލޭގައި ފަރިތަކުރުންތައް ކުރިޔަށް ގެންދަމުންނެވެ.

ގިނަބަޔަކު ގަބޫލްކުރާގޮތުގައި މި އަހަރުގެ މުބާރާތުންވެސް އާ ޒުވާން ކުޅުންތެރިން އެ ކުޅުންތެރިންގެ ހުނަރު ފެނިގެންދާނެ އެވެ. އެއީ ކޮންމެ ޓީމަކުންވެސް މެޗް ނިމެންދެން 21 އަހަރުން ދަށުގެ 1 ކުޅުންތެރިޔަކު އަބަދުވެސް ދަނޑުމަތީގައި ހުންނަންޖެހޭތީ އެވެ. މީގެ ކުރިން އޭދަފުށީގައި ބޭއްވި މުބާރާތްތަކުގައި ވެސް ޒުވާން ކުޅުންތެރިން އަންނަނީ އެ ކުޅުންތެރިންގެ ތަފާތު ދައްކަމުންނެވެ. އޭގެ އެއް ހެއްކަކީ ކޮންމެ އަހަރެއް ކަހަލަ ގޮތަކަށް އޭދަފުއްޓަށް ނިސްބަތްވާ ކުޅުންތެރިޔަކު ގަލޮޅު ދަނޑަށް ނެރެދޭތީ އެވެ. މިހާރުވެސް ފުރަތަމަ ޑިވިޝަންގައި އޭދަފުއްޓަށް ނިސްބަތް ގިނަ ކުޅުންތެރިތަކެއް ކުޅެމުން އަންނަކަން ފާގަގަކޮށްލެވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.