ފެނުގެ ޚިދުމަތަށް ރަޖިސްޓްރީވާން ހުޅުވާލަނީ

އޭދަފުށީގައި ފެނުގެ ނިޒާމް ގާއިމް ކުރުމަށް ހަދާފައިވާ ސައިޓް | އީޓީ ފޮޓޯ:ރާއިފް ޔޫސު

ސަރުކާރުން ހަރަދުކޮށްގެން އޭދަފުށީގައި ގާއިމުކުރާ ބޭނުފެނުގެ ނިޒާމުގެ ހިދުމަތަށް ރަޖިސްޓްރީވާ ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.

މިރަށުގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށީ މިމަހު ކުރީކޮޅު އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑް އާ އެވެ.

މި މަސައްކަތް ނިންމުމަށް އެ ކުންފުންޏަށް ދިނީ ހަ މަސްދުވަހެވެ. 74.3 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން މިރަށުގައި 15 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ގާއިމުކޮށް، 192 ޓަނުގެ އާރްއޯ ޕްލާންޓެއް ބަހައްޓާނެ އެވެ.

އޭދަފުށި ކައުންސިލްގެ ރައީސް ތޮލާލް ޢަބްދުއްރަޙްމާން ވިދާޅުވީ އާރްއޯ ޕްލާންޓް ގާއިމުކުރުމަށް ކުރަންޖެހޭ ކޮންކްރީޓް މަސައްކަތްތައް މިހާރު ސައިޓުގައި ކުރިއަށްދާކަމަށެވެ. އަދި ފެނުގެ ޚިދުމަތް ބޭނުންވާ ގޭބީސީތައް ރަޖިސްޓްރީކުރުމުގެ މަސައްކަތް ވެސް ކައުންސިލުން ވަރަށް އަވަހަށް ފަށާނެކަމަށް އޭނާ ވިދާޅުވި އެވެ.

ތޮލާލް ވިދާޅުވީ އޭދަފުށީ ފެން ތަޣައްޔަރުވެ އެކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުން އަންނަކަމަށެވެ. އަދި ރަށުގައި ބޯފެނުގެގޮތުގައި ކުރިން ވާރޭފެން ބޭނުންކުރަމުން އައިނަމަވެސް ފުޅީގައި ބަންދުކުރި ބޯފެން ގަނެގެން ބޯ މިންވަރު އިތުރުވަމުން އަންނަކަމަށެވެ.

“ނަމަވެސް މި ޕްރޮގްޖެކްޓުގެ މަސައްކަތް ނިމި ޚިދުމަތް ލިބެން ފެށުމާއިއެކު ރައްޔިތުންނަށް ސާފު ބޯފެން ޔަގީންވެގެންދާނެ. މި ޕްލާންޓަކީ މުޅިރަށަށް ފެން ފޯރުކޮށްދެވޭ ކެޕޭސިޓީގެ ޕްލާންޓެއް،”

މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިމޭއިރު ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ހުރިހާ ގޭބީސީތަކާއި މުއައްސަސާތަކަށް ބޯފެނުގެ ހިދުމަތް ގުޅާ ދެވޭނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.