އިންޓަ ރިސޯޓް ވޮލީބޯލް ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ފަހު ޖާގަ ސޮނެވާފުށީ ރިސޯޓުން ހޯދައިފި އެވެ.
އަންނަ ބުދަ ދުވަހު ކުޅޭ ފައިނަލުގައި ސޮނެވާ ބައްދަލުކުރާނީ ޒޯން ވޮލީ މުބާރާތުގެ ފައިނަލުގައި ވެސް ކުޅުނު އަނަންތަރާ ޓީމާ ދެކޮޅަށެވެ.
ސޮނެވާފުށި ފައިނަލުން ފުރުސަތު ހޯދީ ސެމީ ފައިނަލުގައި މިއަދު ބަނޑޮސް އާ ބައްދަލުކޮށް 3-1 ސެޓުން މޮޅުވެގެންނެވެ. ފުރަތަމަ ސެޓު 25-27 އިން ބަނޑޮސް ކާމިޔާބުކޮށްފައިވަނިކޮށް ސޮނެވާއިން ވަނީ ފަހަތުން އަރައި ތިން ސެޓު ކާމިޔާބުކޮށްފަ އެވެ. އެ ޓީމުން ސެޓުތައް ގެންދިޔައީ 25-20، 25-20 އަދި 25-15 އިންނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކީ ސޮނޭވާ އަށް މި ފަހަރުގެ މުބާރާތުގެ ޒޯން ފަހެއްގެ ޗެމްޕިއަންކަން ހޯދައިދިނުމުގައި ވެސް މޮޅު ކުޅުމެއް ދެއްކި އަލީ ހުޒާމް (ހުޒާމްޓެ) އެވެ.
މުބާރާތުގެ ފައިނަލު އޮންނާނީ އަންނަ ބުދަ ދުވަހު އެވެ.