ބ. ކެންދޫން 15 މީހުންނާ އެކު ފުރައިގެން މާލެ ދަތުރުކުރި ބޯޓެއް ބަނޑޮސް އައިލެންޑް ރިސޯޓުގެ އިރުމަތީ ފަރަށް ރޭ އަރައިފި އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި ރޭ 22:20 ހާއިރު، ހިނގި ހާދިސާގައި “ފްލާވާ” ބޯޓުގައި ތިބި މީހުންގެ ތެރޭގައި އަންހެނަކާއި ކުޑަކުއްޖަކު ވެސް ހިމެނެ އެވެ. އެކަމަކު މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ.
ބަނޑޮސް އައިލެންޑް ރިސޯޓުގެ ދޯންޏެއްގެ އެހީތެރިކަމާ އެކު އޭގެ ތެރެއިން އަށް މީހަކު، އެ ރިސޯޓަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ބޯޓު ފުން ކުރުމުގެ މަސައްކަތް އެމްއެންޑީއެފާއި ބޯޓުގެ ވެރިފަރާތުން އަންނަނީ ކުރަމުންނެވެ.
މި ސަރަހައްދުގެ ކަނޑުގައި ބާނިތައް ވަރުގަދަ ވެފައިވާއިރު، މި ދުވަސްވަރު މާލެ އާއި ބައެއް ރަށްރަށަށް ދަނީ އުދައަރައި ގެއްލުންތަކެއް ލިބެމުންނެވެ.