މިދިޔަ އަހަރު ބ. ގޮއިދޫ ސްކޫލުން ހުރިހާ ގޮތަކުން އެއް ވަނަ ސާނިޔާ އަހްމަދު ނިޒާމް ހޯދައިފި އެވެ.
ރޭ އެ ސްކޫލުގައި ބޭއްވި މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ހަފުލާގައި ސާނިޔާ، އަށް އިނާމުތައް ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރި މެހުމާން ބ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް މުހައްމަދު ނާސިހު އެވެ.
ސާނިޔާ ވަނީ އޯލެވެލް އިމްތިހާނުން އެއް އޭ ސްޓާ، އެއް އޭ، 4 ބީ އަދި އެއް ސީ ފާސް ހޯދައިފަ އެވެ.
ގޮއިދޫ ސްކޫލުން ބުނީ މިދިޔަ އަހަރުގެ އޯ ލެވެލް އިމްތިހާނުގައި އެ ސްކޫލު ދަރިވަރުން ހޯދި ނަތީޖާ ވަރަށް ރަނގަޅު ކަމަށެވެ. އަދި އެ ސްކޫލުގެ ހަ ދަރިވަރަކު ވަނީ މިދިޔަ އަހަރު ބީޓެކް ސްޕޯޓްސް އިން ޑިޕްލޮމާ ވެސް ހާސިލުކޮށްފަ އެވެ.
ގޮއިދޫ ސްކޫލުން ރޭ ވަނީ 85 ދަރިވަރަކަށް އިނާމު ދީފަ އެވެ. އޭގެ ތެރޭގައި މިދިޔަ އަހަރު އެ ސްކޫލުން އޯ ލެވެލް ހެދި ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނާއި އެކި ކުޅިވަރު މުބާރާތްތަކުން ރަން ވަނަތައް ހޯދި ދަރިވަރުން ހިމެނެ އެވެ.