އޮޅުގިރީގެ މެނޭޖްމެންޓް ޕްލޭން ތަންފީޒުކުރަން ފަށަނީ

ބ. އޮޅުގިރި.

ބަޔޮސްފިއާ ރިޒާވުގެ ދަށުން ބ. އަތޮޅުގައި ހިމާޔަތްކޮށްފައިވާ އޮޅުގިރީގެ މެނޭޖްމަންޓް ޕްލޭންގެ ޑްރާފްޓުގެ މަސައްކަތްނިމި، މިއަހަރުތެރޭ އަމަލުކުރަން ފަށާނެ ކަމަށް ބަޔޮސްފިއާ ރިޒާވް އޮފީހުން ބުނެފި އެވެ.

ބަޔޮސްފިއާ ރިޒާވް އޮފީހުގެ އައުޓްރީޗް އޮފިސަރު ޝާފީ އަލީ ވިދާޅުވީ އެ ސަރަހައްދުތަކުގެ މެނޭޖްމަންޓް ޕްލޭންގެ ޑްރާފުޓްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި މިއަހަރު ނިމުމުގެ ކުރިން އެ ޕްލޭން ތަންފީޒު ކުރެވިގެންދާނެ ކަމަށެވެ.

ބ. އަތޮޅުގެ ދެކުނުގައި އޮންނަ އޮޅުގިރި ހިމާޔަތް ކުރީ ކާށިދޫ ކަނޑުގެ ސަރަހައްދުގައި އުދުހޭ މާހޯރަ ނިދަން އަރާ ރަށަކަށްވުމުގެ އިތުރުން ގިނަ އަދަދަކަށް ވެލާ ވެސް އަރާތީ އާއި އަދި ޒަމާންވީ ގަސްތަކެއް ހުރެފައި އެ ރަށުގެ ދެ ފަރާތުގައި ތަފާތު ވެޖިޓޭޝަނެއް އޮތުމުގެ އިތުރުން ބަޔޯ ޑައިވާސިޓީގެ ގޮތުން ވަރަށް ތަފާތު ރަށަކަށްވާތީ އެވެ.

ޝާފީ ވިދާޅުވި ގޮތުގައި ބ. އަތޮޅުގައި ޙިމާޔަތްކުރެވިފައިވާ ސަރަޙައްދުގައި ހިމެނޭ ހަނިފަރު ފަދައިން މެނޭޖްމަންޓް ޕްލޭން ހަދައިގެން ބަލަހައްޓަމުންދާ ރަށަކަށް އޮޅުގިރި ހެދުމަށް މިހާރު ކުރަމުންދަނީ އެންމެ ފަހުގެ ތައްޔާރީތައް ކަމަށެވެ. އެހެންނަމަވެސް އޮޅުގިރީގެ މެނޭޖްމެންޓް ޕްލޭން ތަފާތުވާނެކަން އެ އޮފީހުން ބުންޏެވެ.

ބ. އޮޅުގިރި.

ޝާފީ ވިދާޅުވީ މި ޕްލޭނާ އެއްގޮތަށް އަމަލުކުރަން ފެށުމުން އޮޅުގިރިވެސް ހަރުދަނާ ގޮތެއްގައި ބެލެހެއްޓޭނެ ކަމަށެވެ.

ބަޔޮސްފިއާ ރިޒާވުގެ ދަށުން މިއަތޮޅުގައި މިހާރުވެސް 10 ސަރަހައްދެއް ކޯ އޭރިޔާގެގޮތުގައި ކަނޑައަޅާފައިވެ އެވެ. އޭގެތެރޭގައި ހިމެނެނީ އޮޅަގިރި، ދިލަލިހާ، މެންދޫ، ހަނިފަރު، އަނގަފަރު، މަތިފަރުހުރާ، ބަތަލާ، އަދި ގޮއިދޫ ކޯރު ސަރަހައްދު ހިމެނެ އެވެ. ކޯ އޭރިއާގެ ގޮތުގައި ކަނޑައަޅަނީ ގުދުރަތީ، ސަގާފީ އަދި ތިމާވެށީގެ ގޮތުން އެންމެ މުހިއްމު އަދި އަގުބޮޑު ވަސީލަތްތައް ހިމެނޭ ތަންތަނެވެ.

އެހެން ނަމަވެސް ކޯ އޭރިއާތަކުގެ ތެރެއިން ރަނގަޅަށް މެނޭޖްމެންޓް ޕްލޭނެއް ހެދިގެން ބެލެހެއްޓެމުން އަދި އަންނަނީ ހަނިފަރު ސަރަހައްދު އެކަންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.