ފްރެންޑްލީ ޔޫތް ކަޕްގެ ޗެންޕިއަންކަން ހުސްސޮގުން އަށް

މުބާރާތުގެ ޗެންޕިއަން ހޮސްސޮގުން ޓީމު ޗެންޕިއަން ޓްރޮފީއާއެކު | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

އޭދަފުށި ޒުވާނުންގެ ކްލަބުން އިންތިޒާމްކޮށްގެން އޭދަފުށީގައި ކުރިޔަށްގެންދިޔަ ފްރެންޑްލީ ޔޫތް ކަޕް 2017 ފުޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން ފުރަތަމަ ފަހަރަށް ހުސްސޮގުން ޓީމުން ހޯދައިފިއެވެ.

މިއަދު ހަވީރު އޭދަފުށި ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗްގައި ހުސްސޮގުން ޓީމު ނިކުތީ ވެލާ ސިޓީ އާއި ދެކޮޅަށެވެ. މި މެޗް 1-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ހުސްސޮގުން ޓީމުންނެވެ. ހުސްސޮގުން ޓީމުގެ ފުރަތަމަ ލަނޑު މެޗްގެ 3 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އަބްދުއްސަލާމް ހާމިދެވެ. އެހެން ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ވެލާ ސިޓީން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ހިލޭ ޖެހުމަކުން ސީދާ ގޯލްގެ ތެރެއަށް ފޮނުވާލީ ވެލާ ސިޓީގެ ޝާހީ މޫސާއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ހުސްސޮގުން ޓީމުގެ ފަހު ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ އަބޫ ޑެސްމޮންޑް މަންސާރީއެވެ. އޭގެ ފަހުން ނަތީޖާ ހަމަހަމަކުރުމަށް ވެލާ ސިޓީއަށް ވަނީ ރަނުގެ ފުރުސަތުތަކެއް ލިބި އޭގެ ބޭނުން ހިފޭގޮތް ނުވެފައެވެ.

މި މުބާރާތުގެ އެންމެ މޮޅު ކީޕަރަކަށް ހޮވިފައިވަނީ ވެލާ ސިޓީގެ ގޯލް ކީޕަރ އިބްރާހިމް ޔޫސުފްއެވެ. މުބާރާތުގެ އެންމެ މޮޅު ޑިފެންޑަރަކަށް ހުސްސޮގުން ޓީމުގެ އަހުމަދު ހުމައިދު ހޮވުނު އިރު މުބާރާތުގެ އެންމެ މޮޅު މިޑްފިލްޑަރަކަށް ހޮވިފައިވަނީ ވެލާ ސިޓީގެ އަހުމަދު ޔަމާންއެވެ. މުބާރާތުގެ އެންމެ މޮޅު ފޯވާޑްގެ މަގާމުގެ އިތުރުން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމްވެސް ހޯދީ ހުސްސޮގުން ޓީމުގެ އަބްދުއް ސަލާމް ހާމިދެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް ވެލާ ސިޓީގެ އަހުމަދު ޔަމާން ހޮވުނު އިރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހުސްސޮގުން ޓީމުގެ އަހުމަދު ހުމައިދެވެ.

މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ބެންކޮކް ދެކޮޅު ޓިކެޓް ދިން އިރު ރަނަރަޕް ޓީމަށް 10،000 އަދި ޗެންޕިއަން ޓީމަށް ވަނީ 75،0000 ރުފިޔާ ދީފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.