24 ގަޑިއިރުގެ ތެރޭގައި ދަރަވަންދޫ އަށް 127 މިލިމީޓަރުގެ ވާރޭ ވެހިއްޖެ

ބ. ދަރަވަންދޫ. 24 ގަޑިއިރުގެ ތެރޭގައި އެރަށަށް 127 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައި

އިއްޔެ ހެނދުނު އަށެއް ޖެހީއްސުރެ މިއަދު ހެނދުނު އަށެއް ޖެހުމާ ހަމައަށް ބ. ދަރަވަންދޫއަށްް 127 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފި އެވެ.

މެޓް އޮފީހުން ބުނިގޮތުގައި ރާއްޖޭގެ ސަރަހައްދުތަކުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާ ގުޅިގެން، ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރު ކުރަމުންމިދާ ވިއްސާރައިގައި ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ވެސް ދަރަވަންދޫއަށެވެ. އެގޮތުން ދަރަވަންދޫއަށް 127މިލިމީޓަރުގެ ވާރޭ ވެހުނުއިރު، އެރަށަށް 50 މޭލުގެ ބާރު މިނުގައި ވައި ޖެހިފައިވާ ކަމަށް ރެކޯޑް ކުރެވިފައިވާ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

އިއްޔެ މެންދުރުފަހުން ފެށިގެން ބ. އަތޮޅުގެ ހުރިހާ ރަށަކަށް ވަނީ ގަދަ ވަޔާއެކު ވާރޭ ވެހިފަ އެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން މެޓް އޮފީހުން ވަނީ ޔެލޯ އެލާޓެއް ވެސް ނެރެފަ އެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 50 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކުރެ އެވެ.

ބޯކޮށް ވާރޭވެހި، ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށް ލަފާކުރެވޭތީ، ދަތުރުފަތުރު ކުރާ މީހުން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.