ބ. ކެންދޫ ކައުންސިލް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ޑައިމަންޑް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް (ޑީއެސްއާރުސީ) އާއި އެފްސީ ވެންގާޑު ވާދަކުރަން ޖެހިއްޖެ އެވެ.
ޑީއެސްއާރުސީ ފައިނަލުގެ ފުރުސަތު ހޯދީ ފުރަތަމަ ސެމީ ފައިނަލުގައި ބުދަ ދުވަހު ހަވީރު ގްލޯރިއަސް ވިކްޓަރީގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކުރި ހޯދުމަށް ފަހު އެވެ.
އިއްޔެ ކުޅުނު ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބީއެލްޓީއާ ވާދަކޮށް 2-0 އިން ކާމިޔާބުކޮށް އެފްސީ ވެންގާޑް މިވަނީ ފައިނަލުގައި ޑީއެސްއާރުސީ އާ ވާދަކުރުމުގެ ފުރުސަތު ހޯދައިފަ އެވެ.
މުބާރާތުގެ ފައިނަލު މެޗު ކުޅޭނީ މާދަމާ ހަވީރު އެވެ.
މިއީ ޒުވާނުންނަށް ހާއްސަ ކޮށްގެން ކެންދޫ ކައުންސިލުން މި މުބާރާތް ބާއްވާ ތިންވަނަ އަހަރެވެ. ހަތް ޓީމު ވާދަކުރި މި މި މުބާރާތުގެ ޗެމްޕިއަން ޓީމަށް މިއަހަރު 20،000ރ. ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.