
ޓްރާންސްޕޯޓު މިނިސްޓްރީން ވިއްކަމުން ގެންދިޔަ އެއްގަމު ވެހިކަލްތަކުގެ ޑޮމެއިން ނަމްބަރު ވިއްކުންމެދުކަނޑާލަން ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.
އެއްގަމު އުޅަނދުފަހަރުގެ ރަޖިސްޓްރީގެ ނަމްބަރުގެ ބަދަލުގައި ބޭނުންކުރާ ޑޮމެއިން ނަމްބަރުތައް ވިއްކައިގެން ލިބޭ ފައިސާ ބަލައިގަތުމުގެ ކަންތައްތައް ކުރިއަށްދަނީ މާލިއްޔަތު ގަވާއިދާ އެއްގޮތަށްތޯ ބަލަން ބޭނުންވާ ކަމަށް ފިނޭންސް މިނިސްޓްރީން މިދިޔަ ހަފުތާގައި އަންގާފައިވާ ކަމަށާއި އެކަންތައްތައް ބަލައި ނިމެންދެން ޑޮމެއިން ނަމްބަރު ވިއްކުން ކުރިއަށް ނުގެންދިއުމަށް މިދިޔަ ހަފުތާގައި ފިނޭންސް މިނިސްޓްރީން އަންގާފައިވާ ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީގެ ޗެއަރމަން ޢަބްދުއްރަޝީދު ނާފިޒު ވަނީ ވިދާޅުވެފައެވެ.
ނާފިޒު އިތުރަށް ވިދާޅުވީ ‘ އެކަމާއި މެދު ފިނޭންސް މިނިސްޓްރީ އާ މަޝްވަރާ ކުރުމަށް ނިންމާފައިވާ ‘ ކަމަށާއި ‘ ޑޮމެއިން ނަމްބަރު ވިއްކަން ފެށީ އެޓަރނީ ޖެނެރަލްގެ ފަރާތުން ލަފާ ‘ ހޯދައިގެން ކަމަށެވެ. އަދި މީގެ އިތުރުން އެކަމާއި ގުޅޭގޮތުން ގަވާއިދެއްވެސް ހަދާފައިވާ އިރު، މިހާރު ދެބުރެއްގެ މަތިން ޑޮމެއިން ނަމްބަރުތައް ވަނީ ވިއްކާފަ އެވެ.
ޓްރާންސްޕޯޓު އޮތޯރިޓީން ޑޮމެއިން ނަމްބަރުތައް އޮންލައިން ސިސްޓަމެއް މެދުވެރިކޮއްގެން ނީލަން އުސޫލުން ވިއްކަމުން ދާއިރު، ސައިކަލް ޑޮމެއިން ނަމްބަރެއް ފެށޭ އަގަކީ ފަނަރަ ހާސް ރުފިޔާ އެވެ. އަދި ކާރު ޑޮމެއިން ނަމްބަރެއް ފެށޭ އަގަކީ ފަންސަވީސް ހާސް ރުފިޔާ އެވެ.