ދެކުނު ކޮރެއާގައި އޮތް ބައްދަލުވުމެއްގައި ބަޔޮސްފިއާ އޮފީހުން ބައިވެރިވެއްޖެ

ބަޔޮސްފިއާ ރިޒާވް 7 ވަނަ ބައްދަލުވުމުގައި ޝިބާއު ވާހަދައްކަވަނީ- ފޮޓޯ/ބަޔޮސްފިއާ ރިޒާވް އޮފިސް

ދެކުނު ކޮރެއާގެ ރިޒޯޓު ރަށެއްކަމަށްވާ ޖެޖޫ އައިލެންޑުގައި މިއަދު ފެށި ވޯލްޑް ނެޓްވޯކް އޮފް އައިލެންޑް އެންޑް ކޯސްޓަލް ބަޔޮސްފިއާ ރިޒާވް 7 ވަނަ ބައްދަލުވުމުގައި ބ. އަތޮޅު ބަޔޮސްފިއާ ރިޒާވް އޮފީހުން ބައިވެރި ވެއްޖެއެވެ.

މި ބައްދަލުވުމުގައި ބަޔޮސްފިއާ ރިޒާވް އޮފީހުގެ ފަރާތުން ބައިވެރިވީ ބ. އަތޮޅު ކޮންޒަވެޝަން ފަންޑްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޝިބާއު އާއި ބަޔޮސްފިއާ ރިޒާވް އޮފީހުގެ އައުޓްރީޗް އޮފިސަރު ޝާފީ އަލީ އެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމުގައި މަޝްވަރާ ކުރެވޭނީ ނެޓްވޯކް އަށް އެކަށޭނަ އެކްޝަން ޕްލޭންއަކަށެވެ. އަދި އާ ފަންޑް އިން ޓްރަސްޓް (ޖޭޖޫ، ކޮރެއާ، މެނޯކާ، ސްޕެއިން އަދި ޔުނެސްކޯ) އަންނަން އޮތް އަހަރުތަކަށް ރަސްމީ ކުރެވޭނެ އެވެ.

މީގެ އިތުރުން ލަނޑުދަނޑިތައް ހާސިލު ކުރުމަށްޓަކައި ޖަޒީރާ އާއި އައްސޭރި ފަށުގައިވާ ތަންތަނަށް ކުރިމަތިވާ މޫސުމީ ބަދަލާއި އެކަމުގެ ރައްކާތެރި ފިޔަވަޅު؛ އިއާދަ ކުރަނިވި ހަކަތަ، ތިމާވެއްޓާ ރައްޓެހި ފަތުރުވެރިކަން އަދި ތިމާވެއްޓާ ރައްޓެހި ތައުލީމީ ޕްރޮގްރާމްތައް؛ ބަޔޮސްފިއާ ރިޒާވްތަކަށް ސަރަހައްދީ މާކެޓިން؛ އަދި މެނޭޖް ކުރުމުގެ ސިޔާސަތާއި ބިން ބޭނުން ކުރެވޭ ގޮތުގެ އުސޫލުތަކާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރާނެ އެވެ.

މި ބައްދަލުވުމުގެ އަމާޒަކީ ބަޔޯސްފިއާ ރިސާޖް މެނޭޖަރުންގެ މެދުގައި ތަޖުރިބާ ހިއްސާ ކުރުމާއި، އަދި މޫސުމީ ބަދަލުތަކަށް ކެޕޭސިޓީ ތަރައްގީ ކުރުމާއި ދެމެހެއްޓެނިވި ތަރައްގީ ނެގެހެއްޓުމެވެ.

ބަޔޮސްފިއާ ރިޒާވް އޮފީހަކީ މިހާރު އައިލެންޑް އެންޑް ކޯސްޓަލް ބަޔޮސްފިއާ ރިޒާވްގެ މެންބަރެކެވެ. އެ އޮފީހުން ވަނީ މީގެ 5 ވަނަ ބައްދަލުވުމުގައި ވެސް ރާއްޖޭގެ ފަރާތުން ބައިވެރިވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.