ބ. ދަރަވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު މިއަދު އަތުލައިގެންފި އެވެ.
މި މައްސަލައިގައި މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ 28 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނި ގޮތުގައި މާލެއިން ފުރައިގެން ދަރަވަންދޫއަށް އައި ބޯޓަކުން އެރަށަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިއަދު ހިންގި އޮޕަރޭޝަނެއްގައި ދަރަވަންދޫންނެވެ.
މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އޭނާ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 3 ރަބަރު ޕެކެޓް އަދި ގިނައަދަދެއްގެ ހުސް ރަބަރު ޕެކެޓް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަޙްޤީޤު ކުރަމުން އަންނައިރު މިދިޔަ އާދީއްތަ ދުވަހު މިއަތޮޅު ރިސޯޓަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކުވެސް ވަނީ އަތުލައިގެންފަ އެވެ.