ގައުމީ ފުޓްސަލް ޓީމުގައި އޭދަފުށީގެ ކުޅުންތެރިއަކު ހިމެނިއްޖެ

ގޯލްކީޕަރ އަބްދުﷲ ނާސިހު

ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުގައި އޭދަފުއްޓަށް އުފަން ހުނަރުވެރި ގޯލްކީޕަރ އަބްދުﷲ ނާސިހު ހިމެނިއްޖެއެވެ.

މިމަހުގެ 17 ވަނަ ދުވަހު ތުރުކަމެނިސްތާނުގައި ފެށުމަށް ހަމަޖެހިފައިވާ ފަސްވަނަ އޭޝިއަން އިންޑޯރ ގޭމްސްގައި ވާދަކުރުމަށް ގައުމީ ފުޓްސަލް ޓީމު ފުރާފައިވަނީ ރޭގައެވެ.

މި ޓީމުގައި ކްލަބް މޯލްޑިވްސް ކަޕާއި މާލޭގައި ބާއްވާ ފުޓްސަލް މުބާރާތްތަކުގައި ކުޅޭ ގިނަ ކުޅުންތެރިންތަކެއް ވަނީ ހިމަނާފައެވެ.

އޭދަފުށިން ޓީމުގައި ހިމެނުނު ނާސިހު އަކީ ކްލަބް މޯލްޑިވްސް ކަޕްގައި ވާދަކުރާ އެސްޓީއޯ ޓީމުގައި ހިމެނޭ ކުޅުންތެރިއެކެވެ. މީގެ އިތުރުންވެސް ނާސިހު ވަނީ މާލޭއާއި އަތޮޅުތެރޭގެ ރަށްރަށުގައި ބާއްވާ ގިން މުބާރާތްތަކެއްގައި މޮޅު ކުޅުމެއްދައްކާފައެވެ. މިގޮތުން އައްޑޫ ސިޓީގައި ބާއްވާ ގޯދިޔާ ފުޓްސަލް މުބާރާތް ފާހަގަކޮށްލެވެއެވެ. ފުޓްބޯޅައިގައި ގޯލްކީޕަރެއްގެ ގޮތުގައި ކުޅޭ ނާސިހު ފަހަކަށް އައިސް މުޅިންހެން ފެނިފައިވަނީ ފުޓްސަލް ކީޕަރެއްގެ ގޮތުގައެވެ.

ނާސިހުއަށް އީޓީގެ ފަރާތުން މަރުހަބާ ކިޔައި ކާމިޔާބީއަށް އެދެމެވެ.

ގުޅުންހުރި ލިޔުންތައް