
އަމިއްލަ ފަރާތަކުން ބ. އޭދަފުށީ ކައުންސިލަށް އެކްސްކަވޭޓަރެއް ހަދިޔާކޮށްފި އެވެ.
އޭދަފުށީ ކައުންސިލުގެ ވެބްސައިޓްގައި ބުނެފައިވަނީ، 1.5 މިލިއަން ރުފިޔާގެ އަގުހުރި މި އެކުސްކަވޭޓަރު އޭދަފުއްޓަށް ގެނަސްފައިވަނީ ރޭ ގާތްގަނޑަކަށް 08.30 ހާކަށްހާއިރު ކަމަށެވެ. ނަމަވެސް އެކްސްކަވޭޓަރު ހަދިޔާކުރީ ކޮން ފަރާތަކުން ކަމެއް ކައުންސިލު ހާމައެއް ނުކުރެއެވެ.
ރަށު ކައުންސިލުން ބުނީ މި އެކްސްކަވޭޓަރު ކައުންސިލަށް ލިބުމުގެ ސަބަބުން ރަށުތެރޭގައި ކައުންސިލުން ކުރަމުންގެންދާ ތަފާތު މަސައްކަތްތަކުގައި ވަރަށްބޮޑު ފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މީގެ އިތުރުން ކައުންސިލުން ހިންގާ ތަރައްގީގެ ތަފާތު ޕްރޮގްރާމްތައް ހިންގުމުގައިވެސް ވަރަށްބޮޑު ފަސޭހަކަމެއް ލިބިގެންދާނެ ކަމަށް ކައުންސިލުން ބުނެއެވެ.
އަދި ރަށުގެ ޢާއްމު ރައްޔިތުން ކުރާ ތަފާތު މަސައްކަތްތަކުގައި އެކްސްކަވޭޓަރު ބޭނުންވާ ފަރާތްތަކަށް ކައުންސިލުން ކަނޑައަޅާ އުޞޫލަކުން ދޫކުރާގޮތަށް ގަސްދުކުރާކަމަށްވެސް ކައުންސިލުން ބުންނެވެ.
އީޓީ އަށް އެނގިފައިވާ ގޮތުގައި މި އެކްސްކަވޭޓަރު ކައުންސިލަށް ހަދިޔާކުރީ އޭދަފުއްޓަށް އުފަން މަހުޖަނު، ޗާނދަނީގޭ އަހްމަދު ނަޒީރެވެ.