ބ. ހިތާދޫގެ މަގެއްގައި ބަހައްޓާފައި ހުރި ޑިސްޓްރިބިއުޝަން ފޮއްޓެއް އެނދި ހާދިސާ އަށް ފަހު ކަރަންޓް ވިއުގަ ހަރުދަނާ ކުރުމުގެ ގޮތުން އެ ރަށުގައި ބަހައްޓާފައި ހުރި ހުރިހާ ޑިސްޓްރިބިއުޝަން ފޮށިތައް ބަދަލު ކުރަން ފަށައިފި އެވެ.
ކުރިން ސިމެންތިން ހަދާފައިވާ ޑިސްޓްރިބިއުޝަން ފޮށިތަކުގެ ތެރެއިން އެ ރަށު ސިއްހީ މަރުކަޒުގެ މަގުފާރުގައި ބަހައްޓާފައި ހުރި ފޮއްޓެއް ކަރަންޓް ޝޯޓެއް ވެގެން އެނދީ މިދިޔަ މާރޗް މަހު އެވެ. އެ ހާދިސާގައި 12 ގަޑި އިރަށް ވުރެ ގިނަ ވަގުތަށް ރަށުގެ 54 ގެއަކުން ކަރަންޓް ވެސް ކެނޑުނެވެ.
ހިތާދޫ އޮފީހުން ބުނީ ރަށުގެ ކަރަންޓް ވިއުގަ އަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމުގެ ގޮތުން އަމިއްލަ ފަރާތްތަކާ ހަވާލު ކޮށްގެން ރައްޔިތުންގެ ހަރަދުގައި ކުރާ މި މަސައްކަތަށް ލައްކައެއްހާ ރުފިޔާ ހަރަދު ވާނޭ ކަމަށެވެ.
ހިތާދޫ ކައުންސެލަރ އާމިރު އަބްދުއްލަތީފް ވިދާޅުވީ ހޮނިހިރު ދުވަހު ފެށި މި ޕްރޮޖެކްޓްގެ ދަށުން 32 ޑިސްޓްރިބިއުޝަން ފޮށި ބަހައްޓާނެ ކަމަށާއި ވިއުގަ ވަރުގަދަ ކުރުމަށް އަދިވެސް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށެވެ.
“އަމިއްލަ ބަޔަކާ ހަވާލު ކޮށްގެން ކުރިޔަށް މި ދާ މަސައްކަތުން 32 ފޮށި ބެހެއްޓޭނެ. ރައްޔިތުންގެ ހަރަދުން ލައްކައެއްހާ ރުފިޔާ މި ޕްރޮޖެކްޓަށް ހަރަދު ވިޔަސް ވިއުގަ އަށް ދިމާވެފައިވާ މައްސަލަތައް އަދިވެސް ހައްލެއް ނުވާނެ،” ހިތާދޫ ޔޫތް ވިންގް ޖަމްއިއްޔާގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ އާމިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ފަހަރު ބަހައްޓާ ފޮށިތަކަކީ ވެދަރ ޕްރޫފް (މޫސުމުން ރައްކާތެރި ކުރެވިފައިވާ) ފޮށިތަކެއް ކަމަށާއި ޑިސްޓްރިބިއުޝަން ފޮށިތަކުގެ ސަބަބުން ކަރަންޓް ކެނޑުމަށް ދިމާވި ހުރިހާ މައްސަލައެއް ހައްލުވާނެ ކަމަށެވެ. އެހެން ނަމަވެސް މަގުތަކުގައި ވަޅުލާފައިވާ ކޭބަލް ހިމަވެ ކަރަންޓް ލީކް ވެ، ފެން އެޅި ޝޯޓް ވަމުންދާ މައްސަލަ އަށް އަދިވެސް ހައްލެއް ނުލިބޭ ކަމަށް އާމިރު ވިދާޅުވި އެވެ.
1،200 އެއްހާ މީހުންގެ އާބާދީއެއް އޮތް ހިތާދޫގައި ވެސް މި އަތޮޅުގެ އެހެން ރަށްރަށެކޭ އެއް ގޮތަށް ކަރަންޓްގެ ހިދްމަތް ފޯރުކޮށްދެމުން ދަނީ ރައްޔިތުންގެ އިންޖީނުގެއިންނެވެ.