ފާނައަށް ގޮސް ރޮހިންޖާ ފަންޑަށް ހަތްދިހަ ހާހަށްވުރެ ގިނަ ރުފިޔާ ހޯދައިފި

ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ފުޅަދޫ ރައްޔިތުން ފާނައިގެ މަސްވެރިކަންކުރަނީ– ފޮޓޯ : އޭދަފުށީޓައިމްސް

ހާލުގައި ޖެހިފައިވާ ރޮހިންޖާ މުސްލިމުންނަށް އެހީވުމުގޮތުން ބ. ފުޅަދޫ ރައްޔިތުން ފާނަ އަށް ގޮސް 70 ހާހަށްވުރެ ގިނަ ރުފިޔާ ހޯދައިފި އެވެ.

ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ފައިސާ އެއްކުރުމަށް އެރަށު ރައްޔިތުން ހަތަރު ދޯނީގައި މިދިޔަ ހޯމަ ދުވަހު ފާނައަށް ގޮސް އައީ އިއްޔެ އެވެ.

ފާނަ އަށަ ދިޔަ ދޯނިތައް ރަށަށް އައި ވަގުތު އެރަށުގެ އަންހެން ވެރިން ވަނީ ގަދައަށް ސައިވެސް ހަދާފަ އެވެ. އެރަށު އަންހެންވެރިންނަކީ މިކަހަލަ ކޮންމެ ކަމެއްގައިވެސް ވަރަށް ފޯރީގައި ހަރަކާތްތެރިވާ ބައެއް ކަމަށް ފުޅަދޫ ކައުންސިލުން ބުންޏެވެ.

ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ފުޅަދޫ ރައްޔިތުން ފާނައިގެ މަސްވެރިކަންކުރަނީ– ފޮޓޯ : އޭދަފުށީޓައިމްސް

ފުޅަދޫ ކައުންސިލުގެ ރައީސް އަހްމަދު އާސިފް ވިދާޅުވީ ހާލުގައި ޖެހިފައިވާ ރޮހިންޖާ މުސްލިމުންނަށް އެހީވުމުގޮތުން ފައިސާ އެއްކުރުމަަށްޓަކައި އެރަށު ރައްޔިތުން ދެ ދުވަހުގެ ފާނައިގެ މަސްވެރިކަން ކޮށްގެން 73170 ރުފިޔާ ހޯދާފައިވާ ކަމަށެވެ. އޭގެ އިތުރުން އެރަށުގައި ބެހެއްޓި 3 ފަންޑް ފޮށްޓަށް 6890 ރުފިޔާ އާއި ބެލެނިވެރިންގެ ޖަމްބަލް ސޭލުން 5630 ރުފިޔާ ލިބިފައިވާ ކަމަށެވެ.

މި ހުރިހާ ފައިސާ އެއްވެސް ޖަމާކުރާނީ ސަރުކާރުން ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވައިފައިވާ އެކައުންޓަށް ކަމަށް އެރަށު ކައުންސިލުން ބުންޏެވެ.

“ރައްޔިތުންގެ ފަރާތުން މިފަދަ ރީތި ނަމޫނާއެއް ދައްކުވައިދިނީތީ ހުރިހާ ރައްޔިތުންނަށް ކައުންސިލުގެ ނަމުގަ އާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،” 200 އެއްހާ މީހުން ދިރިއުޅެމުން އަންނަ އެރަށު ކައުންސިލުގެ ރައީސް އާސިފް ވިދާޅުވި އެވެ.

ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ރޮހިންޖާ މުސްލިމުންނަށް އެހީވުމަށްޓަކައި ދަނީ ތަފާތު ހަރާކަތްތައް ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. ޢަބްދުލްމުހައިމިން / އިނގުރައިދޫ

    ފުޅަދޫ ގެ މީސްކޮޅު މަދު ރަޢިއްޔަތުން ދައްކައިދީފައި އެވަނީ، އެ މީހުންނަކީ ލާމަސީލު ހިތްވަރުގަދަ ބައެއްކަން. ތިޔަ ލޮބުވެތި ރައްޔިތު ކުދި ބޮޑު އެންމެހާ އަޚުންނާ އުޙުތުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރާއި މަރުޙަބާ އަރިސްކުރަން. ވަރަށް ބޮޑަށް ޝުކުރިއްޔާ!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.