ގޯތި ދޫކުރުން ލަސްވާތީ ތުޅާދޫގައި މިއަދު މުޒާހަރާ ކުރަނީ

ތުޅާދޫން ގޯތި ދިނުން ލަސްވާތީ، އެރަށު ބަޔަކު އެކަމާ ދެކޮޅަށް މުޒާހަރާ ކުރަނީ.– ފޮޓޯ: ކިޔުންތެރިއެއް

ބ. ތުޅާދޫ އިން ގޯތި ދޫކުރުން ލަސްވަމުންދާތީ، އެކަމާ ދެކޮޅަށް އެރަށުގެ ގިނަ އަދަދެއްގެ ބަޔަކު މުޒާހަރާ ކުރަމުން އެބަ ދެ އެވެ.

މި މައްސަލާގައި ތުޅާދޫ ރައްޔިތުންގެ ތެރެއިން ބަޔަކު އިއްޔެ ވަނީ ކައުންސިލް އިދާރާ ދޮށަށް އެއްވެ ގޯތި ދޫކުރުން ލަސްވަމުންދާތީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.

ތުޅާދޫން ވާހަކަދެއްކި މީހަކު ބުނިގޮތުގައި އެރަށު ކައުންސިލް އިދާރާ ކުރިމަތީގައި ބަޔަކު އެއްވެފައިވާ ކަމަށާއި ގޯތި ދިނުން ލަސްވަމުންދާ މައްސަލާގައި އެ މީހުން ކަންބޮޑުވުން ފާޅު ކުރަމުންދާ ކަމަށެވެ. އަދި މިހާރު އޭދަފުށީ ޕޮލިސް ސްޓޭޗަންގެ ފުލުހުން ވެސް އެރަށުގައި ހަރަކާތްތެރި ވަމުން އަންނަކަމަށް އޭނާ ބުންޏެވެ.
ތުޅާދޫގައި މުޒާހަރާ ކުރަމުން އަންނަ މީހުން ދަނީ އެރަށު ހިއްކި ބިމުން ވީހާ ވެސް އަވަހަށް ގޯތި ދިނުމަށް ގޮވާލަމުންނެވެ.

ތުޅާދޫ ކައުންސިލުން އިއްޔެ ބުނީ އެރަށުން ގޯތި ދޫކުރުމަށް ކިތަންމެ ބޭނުންވި ނަމަވެސް އެކަމަށް ހައުސިން މިނިސްޓްރީން ހުއްދަ ދީފައި ނުވާ ކަމަށެވެ.

ތުޅާދޫން ގޯތި ދިނުން ލަސްވާތީ، އެރަށު ބަޔަކު އެކަމާ ދެކޮޅަށް މުޒާހަރާ ކުރަނީ.– ފޮޓޯ: ކިޔުންތެރިއެއް

އާބާދީގައި 2970 މީހުން ދިރިއުޅޭ ތުޅާދޫގައި ބިމުގެ ދަތިކަން ކުރިމަތިވެ 2010 ވަނަ އަހަރު 17 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ. އެހެން ނަމަވެސް މި ތަނުން ގޯތި ދޫކުރުމަށް ހައުސިން މިނިސްޓްރީން ހުއްދަ ދީފައެއް ނުވެ އެވެ.
ތުޅާދޫ ކައުންސިލުން ބުނީ ހައުސިން މިނިސްޓްރީން ޖަވާބެއް ނުދިނުމުން ރައީސް އޮފީހަށްވެސް މިމައްސަލާގައި ސިޓީއެއް ފޮނުވި ކަމަށާއި މި ސިޓީގެ ޖަވާބުގައި ތުޅާދޫ އިން ގޯތި ދޫކުރުމުގެ ކަންކަން ހައުސިން މިނިސްޓްރީއާއި މަޝްވަރާކޮށްގެން ކުރިއަށް ގެންދިއުމަށް އެދިފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.