މިއަހަރުގެ އޮގަސްޓް މަހުން ފެށިގެން ސަރުކާރުގެ ފައިސާގެ މުޢާމަލާތްތަކުގައި ޗެކް ބޭނުން ނުކުރާގޮތަށް ނިންމާފައިވާ ކަމަށް މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހަމަޖައްސައިފި އެވެ.
ދައުލަތުން ކުރާ ފައިސާގެ ގިނަ މުޢާމަލާތްތަކުގައި މީގެ ކުރިން ބޭނުން ކުރަމުން އަންނަނީ ޗެކުންނެވެ. އެހެން ނަމަވެސް ޗެކުންނާއި ނަގުދު ފައިސާއިން މަކަރު ހެދުން ގިނަވަމުން ދާތީ، އެމައްސަލަ ހައްލު ކުރުމުގެ ގޮތުން އޮގަސްޓް މަހުން ފެށިގެން އެމްއެމްއޭ އިން ހަމަޖައްސާފައިވަނީ ފައިސާ ޓްރާންސްފަރ ކުރުމަށެވެ. އަދި އެ މުއްދަތުން ފެށިގެން ޗެކް ފޮތްތައް ޗާޕުކުރުންވެސް ހުއްޓާލާނެ ކަމަށްވެސް މަރުކަޒީ ބޭންކުން ވަނީ ނިންމާފައެވެ.
މިގޮތަށް އެކައުންޓް މެދުވެރިކޮށް ފައިސާ ފޮނުވަން ފެށުމުން، މީގެ ކުރިން ފައިސާ ދެއްކުމަށް ހޭދަކުރަންޖެހޭ ވަގުތު މަދުކުރެވޭނެ ކަމަށްވެސް އެމްއެމްއޭ އިން ލަފާކުރެއެވެ.