ބ. އަތޮޅަށް ހުޅުވާލައިގެން ކެއްކުމުގެ މުބާރާތެއް

ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިދިޔަ އަހަރު ބޭއްވި ކެއްކުމުގެ މުބާރާތުގެ ތެރެއިން. /ފައިލް ފޮޓޯ

ޝެފްސް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް) އިން ދުނިޔޭގެ ޝެފުންގެ ދުވަހާ ގުޅުވައިގެން ބ. އަތޮޅަށް ހުޅުވާލައިގެން ކެއްކުމުގެ މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

ސީޖީއެމް އާއި ފޭލި ޖަމިއްޔާ ގުޅިގެން ބާއްވާ މި މުބާރަތް ކުރިއަށް އޮންނާނީ މިއަހަރުގެ ބައިނަން އަގްވާމީ ޝެފުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މި މަހު ފަހުކޮޅު އޭދަފުށީގައި ބާއްވާ ހާއްސަ ހަރަކާތްތަކުގެ ތެރެއިންނެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ އާއްމުކޮށް ހުޅުވާލައިފަ އެވެ. ކޮންމެ ޓީމެއްގައި 18 އަހަރުން މަތީގެ މަދުވެގެން 3 މެމްބަރުން ތިބެން ޖެހޭނެ އެވެ.

ފޭލި ޖަމިއްޔާއިން ބުނި ގޮތުގައި މި މުބާރާތުގައި ބައިވެރިކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 40 ޓީމެވެ.

ކެއްކުމުގެ މުބާރާތުގެ ބައިވެރިވެރިން މުބާރާތަށް ތައްޔާރުވާނެ ގޮތްތައް ކިޔައިދިނުމަށް މުބާރާތް ފެށުމުގެ ކުރިން ސީޖީއެމުން ހާއްސަ ކުލާހެއް ބާއްވާނެ ކަމަށް ވެސް ފޭލިން ބުންޏެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 12 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން ފޭލި ޖަމިއްޔާގެ ފޭސްބުކް ޕޭޖުން ނުވަތަ ނިއަމި ޓްރޭޑުން ދޫކުރާ ފޯމް ފުރުމަށް ފަހު ހުށަހެޅުމުން ބައިވެރިވެވޭނެ އެވެ. ފުރުސަތު ދޭނީ އެންމެ ކުރިން ހުށަހަޅާ 40 ޓީމަށެވެ.

މިއަހަރުގެ ބައިނަލް އަގްވާމީ ޝެފުންގެ ދުވަސް ކުލަގަދަކޮށް އޭދަފުށީގައި ފާހަގަ ކުރުމަށް ސީޖީއެމް އާއި ފޭލި ގުޅިގެން އަންނަނީ ތައްޔާރުވަމުންނެވެ. ކެއްކުމުގެ މުބާރާތުގެ އިތުރުން މިދުވަސް ފާހަގަ ކުރުމަށް ބާއްވާ މައި ހަރަކާތް އޮންނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 1-5 ގެ ދަރިވަރުންނަށް ހާއްސަކޮށްގެން މިމަހުގެ 27 ވަނަ ދުވަހު ހަވީރު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.