
މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ޓީޗަރުންގެ ދުވަސް ވަރަށް ކުލަގަދަކޮށް ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ފާހަގަކޮށްފި އެވެ.
ރަތާއި ހުދު ކުލައިގެ ފުއްޕާހަން ބޭނުންކޮށްގެން ބ. އަތޮޅު ތައުލީމީ މަރުކަޒު މިއަދު ވަނީ ޒީނަތްތެރިކޮށްފަ އެވެ.

ހުރިހާ ޓީޗަރުންގެ މޫނު މަތިން ވެސް ފެނިގެން ދިޔައީ އުފާވެރި ކަމެވެ. މިއަދަކީ ޓީޗަރުންގެ ދުވަސް ކަމުގައި ވިއަސް ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިދިޔަ އާދީއްތަ ދުވަހު ޓީޗަރުންގެ ދުވަހުގެ ބައެއް ހަރަކާތްތައް ވަނީ ފަށައިފަ އެވެ.
އެގޮތުން ޓީޗަރުންނާއި ހުރިހާ މުވައްޒަފުން ބައިވެރިކޮށްގެން ބަހުސް މުބާރާތާއި ހުނަރު ދައްކާލުމުގެ ޝޯތައް ބާއްވާފައި ވެ އެވެ.

މެރޫން ކުލައިގެ ހެދުމުގައި ތައުލީމީ މަރުކަޒުގެ ޓީޗަރުން މިއަދު ސްކޫލަށް ދިޔުމުން އެ ޓީޗަރުންނަށް މާބޮނޑިއަކާއެކު އެންމެ ފުރަތަމަ މަރުހަބާ ކީ ދަރިވަރުންނެވެ. އެއަށްފަހު ދަރިވަރުންގެ ފަރާތުން ޓީޗަރުންނަށް މާފަތި ނެށުމެއް ހުށަހަޅައިދިނެވެ.

އަދި ޓީޗަރުންގެ ދުވަހާ ގުޅުވައިގެން މިއަދު ބޭއްވި ހާއްސަ އެސެމްބްލީގައި ވަނީ ޓީޗަރުންނަށް ހާއްސަކޮށްގެން ކޭކްތަކެއް ވެސް ފަޅައިފަ އެވެ. މި ހަރަކާތްތައް އިންތިޒާމުކޮށް ސްކޫލުތެރެ ޒީނަތްތެރިކޮށްފައި ވަނީ އެ ސްކޫލުގެ ޕީޓީއޭ އިންނެވެ.


ތައުލީމީ މަރުކަޒުން ބުނީ ޓީޗަރުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި މުބާރާތްތަކުން ވަނަތައް ހޯދި ޓީމުތަކަށް، މިރޭ ޕީޓީއޭ އިން ބާއްވާ ހާއްސަ ހަފްލާގައި އިނާމުތައް ހަވާލުކުރާނެ ކަމަށެވެ. އަދި މާދަމާ ޓީޗަރުންގެ ކުޅިވަރު ހަވީރެއް ބޭއްވުމަށް ވެސް އެ ސްކޫލުން ދަނީ ތައްޔާރުވަމުންނެވެ.



700 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ ޓީޗަރުންގެ ދުވަހަކީ ވަރަށް ހާއްސަ ކަމެއް ދުވަހެއް ކަމަށާއި ޓީޗަރުންނަކީ ގައުމު ބިނާކުރުމުގައި އެންމެ އިސްދައުރެއް އަދާކުރަމުން އަންނަ ބައެއް ކަމަށެވެ.


ދަރިވަރުންނާއެކު ޓީޗަރުންގެ ދުވަސް ފާހަގަކުރަން ހުރި ތައުލީމީ މަރުކަޒުގެ ޓީޗަރަކު ބުނީ މިއަދު ކުރެވޭ އިހުސާސްތައް ވަރަށް ތަފާތު ކަމަށާއި ދަރިވަރުން، އެމީހުން ދެކެ ވާ ލޯބިން ފެނުމުން ވަރަށް އުފާކުރާ ކަމަށެވެ.


ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރަކު ވެސް ބުނީ ޓީޗަރުންގެ ދުވަސް ފާހަގަކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އެއީ އެ މީހުންގެ ދެވަނަ ބެލެނިވެރިންގެ ގޮތުގައި ދެކޭ ކަމަށެވެ.



