މުސްތަފާއަށް ހާފިޒު ކަމުގެ ސަނަދު ލިބިއްޖެ

އެންމެ އެގާރަ އަހަރުގައި ކީރިތި ޤުރުއާން ހިތުދަސްކޮށް، މިދިޔަ ރޯދަމަހު އިމާމުވެ ތަރާވީޙް ނަމާދުކޮށްގެން އެތައް ބައެއްގެ ސަމާލުކަން ހޯދި، ބ. އޭދަފުއްޓަށް އުފަން އަލްހާފިޒު މުހައްމަދު މުސްތަފާ އަށް ހާފިޒުކަމުގެ ސަނަދު ލިބިއްޖެ އެވެ.

ގުރުއާނާ ބެހޭ މަރުކަޒުން މުސްތަފާއަށް ހާފިޒުކަމުގެ ސަނަދު ލިބުނުކަން އިއުލާން ކުރީ ޤުރުއާން ކިޔެވުމުގެ 32 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

މުސްތަފާގެ އިތުރުން، 6 ފަރާތަކަށް މި އެވޯޑް ދީފައިވެ އެވެ. އެއީ ސ. ހިތަދޫ އަހުމަދު ޒާހިރު އާއި ލ. މާވަށް ނާދިހް އަބްދުލް ހަމީދު އާއި ނ. މާފަރު އަހުމަދު ނަބީހު، އާއި، ސ. މީދޫ ޝަރީފާ މުހައްމަދު ދީދީ އާއި ސ. ފޭދޫ ޑިއާރެސްޓް މައިސަން ސައީދު، އަދި ލ. ގަން އަހުމަދު އަހްސަން އެވެ.

މި ފަރާތްތަކަށް ހާފިޒު ކަމުގެ ޝަރަފު ލިބުނު ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.
މި ވަގުތު މުސްތޮފާ ތައުލީމު ހާސިލުކުރަމުން ގެންދަނީ އިންޑިއާގައި ކަމަށް ވުމުން އެ ރަސްމިއްޔާތަށް އޭނާ އަށް ވަނީ ހާޒިރުވެވޭ ގޮތެއް ނުވެފައެވެ.

ވަރަށް ފަހުން އިންޑިޔާގައި ޤުރުއާން އެއްކޮށް ހިތުދަސްކުރުމަށްފަހު ރާއްޖެއައި މުސްތަފާއަކީ އެގިފައިވާގޮތުގައި މިހާތަނަށް ރާއްޖޭގައި ހިފްޒްކޮށް ތަރާވީހް ނަމާދެއް އިމާމްވެކުރި އެންމެ ހަގު ކުއްޖާއެވެ. އޭދަފުށީގެ ބައްޕައަކާއި އިންޑިޔާގެ މަންމައަކަށް ލިބިފައިހުރި މި ކުޑަކުއްޖާ މިދިޔަ ރޯދަމަހު ތަރާވީހް ނަމާދު އިމާމްވެކުރި މަންޒަރު ރާއްޖޭގެ ބައެއް މީޑިޔާތަކުން ވަގުތުން ގެނެސްދިނެވެ. މުސްތަފާގެ އެއްބަޑު އެއްބަފާ ދައްތައަކު ވެސް މިހާރު އަންނަނީ ގުރުއާން ހިތުދަސްކުރަމުންނެވެ.

ކީރިތި ގުރުއާން ކިޔެވުމާއި އުނގަންނައިދިނުމުގެ ދާއިރާއިން ދެވެން އޮތް އެންމެ މައްޗަކަށް ދިއުމުގެ އަޒުމުގައި މުސްތަފާ މިހާރު ވެސް ގެންދަނީ އިންޑިޔާގައި ތައުލީމު ހާސިލުކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.