ކަމަދޫގައި ކަރަންޓް ދިނުމަށް ބޭނުން ކުރަމުން ދިޔަ ހަމައެކަނި ޖަނަރޭޓަރު މައްސަލަ ޖެހި މުޅި ރަށް ކަނުއަނދިރިކަމުގެ ތެރެއަށް

ބ. ކަމަދޫ އިންޖީނުގޭގައި ބަހައްޓާފައިހުރި ޖަނަރޭޓަރުތައް މައްސަލަޖެހުމުގެ ކުރިން ނަގާފައިވަ ފޮޓޯއެއް. ފޮޓޯ: އަބްދުލްޤައްޔޫމް

ރަށުގެ ރައްޔިތުން މިހާރު ތިބީ ރުޅި އައިސް ރަތްވެފައި: ކައުންސެލަރ

ބ. ކަމަދޫގައި ކަރަންޓް ދިނުމަށް ބޭނުން ކުރަމުން ދިޔަ ހަމައެކަނި ޖަނަރޭޓަރު ހަލާކުވެ އެ ރަށުން ކަރަންޓްގެ ހިދްމަތް މުޅިން މެދުކެނޑިއްޖެ އެވެ.

ކަމަދޫ އޮފީހުން ބުނީ އެ ރަށަށް ކަރަންޓް ދެމުން ގެންދިޔަ 68 ކިލޯވޮޓްގެ ޖަނަރޭޓަރު މައްސަލަ ޖެހި ހުއްޓުނީ މިއަދު ހެންދުނު ކަމަށާއި މިހާރު ރަށުގައި ކަރަންޓްގެ ހިދްމަތް ފޯރުކޮށްދެވެން ނެތް ކަމަށެވެ.

އެ އޮފީހުން ބުނީ ހަލާކުވި 68 ކިލޯގެ ޖަނަރޭޓަރަކީ މިދިޔަ މަހެއްހާ ދުވަހު އެ ރަށަށް ކަރަންޓް ދިނުމުގައި މެދުކެނޑުމެއް ނެތި ހިންގާފައިވާ ޖަނަރޭޓަރެއް ކަމަށާއި އެހެން ކަންތައް ކުރަން މަޖުބޫރުވީ ކުރިން ބޭނުން ކުރި 32 ކިލޯވޮޓްގެ ޖަނަރޭޓަރު ވެސް މީގެ މަހެއްހާ ދުވަސް ކުރިން މައްސަލަ ޖެހި ނުހިންގޭވަރު ވެގެން ކަމަށެވެ.

ކަމަދޫ ކައުންސެލަރ އަހްމަދު ޝަފީގު މިއަދު ވިދާޅުވީ މި ކަން ކަމާ ބެހޭ ފަރާތްތަކުގައި ދަންނަވަމުންދާ ކަމަށާއި މި ކަމާ ގުޅިގެން ރައްޔިތުން ވަރަށް ބޮޑަށް ރުޅި އައިސްފައިވާ ކަމަށެވެ.

“މިއަދު މެންދުރު 11:30 އެހާކަންހާއިރު އިންޖީނު މުޅިން ނިވިއްޖެ. މިހާރު ސްޓާޓް ކުރެވޭ ހާލަތުގައި އެއްވެސް ޖަނަރޭޓަރެއް ނެތް. އެ ކަން ކަމާ ބެހޭ ފަރާތްތަކުގައި ދަންނަވަމުން މި ދަނީ. ރައްޔިތުން މިހާރު ތިބީ ރުޅި އައިސް ރަތްވެފައި. އަޅުގަނޑަށް ހުރިހާ ޕްރެޝަރެއް އަންނަނީ. މި ރަށަކު އިންޖިނިއަރެއް ނެތް. ދެން ކީއްތޯ ކުރާނީ.” މިދިޔަ މަހު ކަމަދޫ ކައުންސެލަރު ކަމާ ހަވާލުވެ ވަޑައިގަތް ޝަފީގް އީޓީ އަށް ވިދާޅުވި އެވެ.

ރައްޔިތުންގެ ކަރަންޓް ފޯރުކޮށްދެމުން ގެންދާ ކަމަދޫގައި މިދިޔަ އަހަރާއި މި އަހަރުގެ ކުރީކޮޅު ވެސް އިންޖީނުގޭގައި ބޭނުން ކުރަމުން ދިޔަ ޖަނަރޭޓަރުތައް މައްސަލަ ޖެހި ރަށުގެ އެކި ހިސާބުތަކުން ކަރަންޓް ކަނޑާލަން ޖެހިފައިވެ އެވެ. އެހެން ނަމަވެސް ހުރިހާ ޖަނަރޭޓަރެއް މައްސަލަ ޖެހި މުޅި ރަށުން ކަރަންޓްގެ ހިދްމަތް ކެނޑުނު މިއީ ފުރަތަމަ ފަހަރެވެ.

ކަމަދޫ ކަތީބު އަލީ ޝަރީފް އާދަމް ވިދާޅުވީ މިދިޔަ އަށެއްކަ މަސް ދުވަހުގެ ތެރޭގައި ޖަނަރޭޓަރުތައް މަރާމާތު ކުރުމަށްޓަކައި ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހަރަދު ވެފައިވާ ކަމަށާއި އެހެން ނަމަވެސް ބާ އިންޖީނުތަކެއް މަރާމާތު ކުރުމަކުން ނުފުދޭ ކަމަށެވެ.

“މިއީ ބާ އިންޖީނުތަކެއް އިނގޭތޯ. އަބަދު ވެސް މި ގެންދަނީ މަރާމާތު ކުރަމުން. 68 ކިލޯވޮޓްގެ އެތި ވެސް މަރާމާތު ކޮށްފައި މާ ގިނަ ދުވަހެއް ނުވެ އެ ހަލާކުވީ. 32 ކިލޯވޮޓަށް ވެސް ވީ ހަމަ އެހެން. ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހަރަދުވި މިދިޔަ މާޗް މަހު ކުރި މަރާމާތަށް ވެސް. އެކަމަކު އަބަދު ރައްޔިތުންނަކަށް ވެސް މި ކަމެއް ނުވާނެ،” ކައުންސެލަރ ހަވާލުވެ ވަޑައިގަތުމުގެ ކުރިން ކަމަދޫ އޮފީސް ހިންގެވި ޝަރީފް ވިދާޅުވި އެވެ.

ކަމަދޫގެ ކަރަންޓްގެ ހާލަތު މިހާ ދަށު ދަރަޖައަކަށް ވެއްޓުނު އިރު މި އަތޮޅު ކިހާދުއާއި ކެންދޫގެ ޖަނަރޭޓަރުތައް ވެސް މިދިޔަ މަހާއި މި މަހު ވަނީ މައްސަލަ ޖެހި އެ ރަށްރަށަށް ކަރަންޓް ދިނުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. އެހެން ނަމަވެސް ރައްޔިތުންގެ މާލިއްޔާއިން ހަރަދު ކޮށްގެން އެ ރަށްރަށުގެ އިންޖީނުތައް މަރާމާތުކޮށް މިހާރު ވަނީ އާދައިގެ ހާލަތަކަށް އައިސްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.