މޫދު ކުޅިވަރަށް ލޯބިކުރާ ޒުވާނުންނަށް ޚާއްސަކޮށްގެން ދިރާގުން އިންތިޒާމުކޮށްގެން ބާއްވާ “ދިރާގު ޔޫތު ފެސްޓް 2017، ވޯޓާ ސްޕޯޓްސް އެޑިޝަން” މާދަމާ ބާއްވަން ނިންމައިފި އެވެ.
މި ފެސްޓިވަލް އޮންނާނީ މާދަމާ ހެނދުނު 10:00 އިން ފެށިގެން އިރު އޮއްސި ހައެއް ޖެހުމާ ހަމައަށް ވިލިމާލޭ ވޯޓާ ސްޕޯޓްސް ސަރަހައްދުގަ އެވެ.
ދިރާގުން ބުނީ އެ ފެސްޓުގައި ބައިވެރިންނަށް މުޅިން ހިލޭ މޫދު ކުޅިވަރު ނުވަތަ ވޯޓާ ސްޕޯޓްސް ކުޅުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި އެ ފެސްޓްގައި ލައިވް މިއުޒިކާއި، ބާބެކިއު އަދި ތަފާތު ބީޗް ކުޅިވަރުތައް އޮންނާ ކަމަށްވެސް އެ ދިރާގުން ބުންޏެވެ.
ދިރާގުން ބުނި ގޮތުގައި މި ފެސްޓިވަލްގެ މަގްސަދަކީ ދިވެހިންނަކީ ޒަމާނުއްސުރެ މޫދާއި ކަނޑަށް ފަރިތަ ބަޔަކަށް ވެފައި، މޫދު ކުޅިވަރު ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ވީހާވެސް ގިނަ ޒުވާނުންނަށް ތަނަވަސް ކޮށްދިނުމެވެ.