ކޯސްޓްލައިނުން ކިހާދޫގައި ގާއިމުކުރާ ކެމްޕަހުގައި ކިޔަވައިދިނުން ހިލޭ

ކޯސްޓްލައިންގެ ކެމްޕަހުގައި ހިންގާ ކޯހެއްގެ އިޝްތިހާރެއް: އެތަނުގައި ހުރުމާއި ކެއުން އަދި ތަމްރީނުތައް ވެސް ކުރިއަށް ގެންދަން ނިންމާފައި ވަނީ ހިލޭ

ދިވެހި ޒުވާނުން މަސައްކަތްތެރިކަމުގެ ރޮނގުން ތަމްރީނު ކުރުމަށް ކޯސްޓްލައިން ފައުންޑޭޝަނުން ބ. ކިހާދޫގައި ގާއިމުކުރާ ބޮޑޫ ކެމްޕަހުގައި ކިޔަވައިދޭނީ ހިލޭ ކަމަށް ކޯސްޓްލައިނުން ބުންފި އެވެ.

އްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުނި، ކޯސްޓްލައިނުން ބުނީ ކިހާދޫގައި ގާއިމުކުރާ 200 ކުދިންގެ ޖާގައިގެ ބޮޑު ކެމްޕަހުގައި ކިޔަވައިދެނީ ހިލޭ ކިޔަވައިދިނުމުގެ އިތުރުން އަދި ދަރިވަރުން ހިލޭ ތިބުމަށް އެތަނުގައި ދަނާލެއް އަޅާފައިވާއިރު ކެއުން ވެސް ހަމަޖައްސައިދެނީ ކެމްޕަހުން ކަމަށެވެ.

މި ކެމްޕަހުގައި އަންނަ ޖެނުއަރީ މަހު ފަށާ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، އެންމެ ފުރަތަމަ ޖާގަ ދެނީ 50 ދަރިވަރުންނަށް ކަމަށް ކޯސްޓްލައިނުން ބުންޏެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި ކޯސްތައް އިތުރުވާ ވަރަކަށް ޖާގަ ވެސް އިތުރު ކުރާނެ ކަމަށް އެތަނުން ބުންޏެވެ.

“މިތަނުގައި ހުރިހާ ކަމެއް ވެސް ހަމަ އޮންނާނީ ހިލޭ. ކެއުމާއި ހުރުމުގެ އިތުރުން ކުދިން މުނިފޫހިފިލުވުމަށް ވެސް ގިނަ ކަންތައްތަކެއް އޮންނާނެ،” ކޯސްޓްލައިންގެ ޕްރޮޖެކްޓު ކޯޑިނޭޓަރު ވިޝާމް ވިދާޅުވި އެވެ.
ވިޝާމު ވިދާލުވީ ދަނާލުގައި ތިބެން ބޭނުން ނުވާ ކުދިންނަށް އެ ރަށުގެ ގޭގޭގައި ވެސް ތިބެވޭނެ ކަމަށެވެ.

ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރުގެ ނަމުގައި މި ކެމްޕަސް ޖެނުއަރީ މަހު ހުޅުވަނީ ތިން ކޯހަކާއެކު އެވެ. އެއީ ޑީސަލް އަދި ޕެޓްރޯލް އިންޖީން މަރާމާތުކޮށް ބެލެހެއްޓުމާއި އިލެކްޓްރީޝަން އަދި އެއާކޮންޑިޝަނާ އާއި ރެފްރިޖަރޭޓާ މަރާމާތު ކުރުމުގެ ކޯހެކެވެ.

ކޯސްޓްލައިންގެ ކެމްޕަހުގައި ހިންގާ ކޯހެއްގެ އިޝްތިހާރެއް: އެތަނުގައި ހުރުމާއި ކެއުން އަދި ތަމްރީނުތައް ވެސް ކުރިއަށް ގެންދަން ނިންމާފައި ވަނީ ހިލޭ

މިއީ ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލު ކުރާ ކޯސްތަކެއް ކަމަށް ވިޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 15 ހަފުތާގެ މުއްދަތަށް މި ކޯސްތައް ހިންގަނީ އެކި ސެޓްފިކެޓް ލެވެލްތަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ދެ ހަފުތާ ކިޔެވުމުން ސެޓްފިކެޓް އެކެއް އަދި ކޯސް އެއްކޮށް ފުރިހަމަ ކުރުމުން ސެޓްފިކެޓް ތިނެއް ލިބޭނެ ކަމަށް ވިދާާޅުވި އެވެ.

ކޯސްޓްލައިނުން ކިހާދޫގައި ގާއިމުރާ ކެމްޕަސް

ރާއްޖޭގައި ޒުވާނުން ތަމްރީނު ކުރަން ބޭނުންވާ ދާއިރާތައް ބަލައިގެން ކޯސްޓްލައިނުގެ ކެމްޕަހުގައި ފަށާ މި ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. އަދި މި ފުރުސަތު ތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބ. އަތޮޅުގެ ރަށްތަކުގައި މި މަހު 21 ގައި އަދި ރ. އަތޮޅުގައި 28 ގައި އޯޕަންޑޭ އެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

ކޯސްޓްލައިނުން މި ކެމްޕަސް ގާއިމުކޮށްފައިވަނީ ކިހާދޫގެ 240،000 ވުރެ ބޮޑު ބިމެއް ނަގައިގެންނެވެ.

ކޯސްތަކުގައި ބައިވެރިވުމަށް އެތަނުގެ ވެބްސައިޓް ޓީވީއީސީޑޮޓްއެމްވީ އިން ފޯމު ޑައުންލޯޑް ކުރެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.