ކަލިނަރީ ޗެލެންޖުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ތައުލީމީ މަރުކަޒުގައި ބޭއްވި ކެއްކުމުގެ މުބާރާތެއްގެ ތެރެއިން–

ޝެފްސް ގިލްޑް އޮފް މޯލްޑިވްސް (ސީޖީއެމް) އިން ދުނިޔޭގެ ޝެފުންގެ ދުވަހާ ގުޅުވައިގެން ބ. އަތޮޅަށް ހުޅުވާލައިގެން ބާއްވާ ކަލިނަރީ ޗެލެންޖުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

ސީޖީއެމް އާއި އޭދަފުށީ ކައުންސިލާއި އަތޮޅު ކައުންސިލް އަދި ފޭލި ޖަމިއްޔާ ގުޅިގެން ބާއްވާ މި މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް މިހާރު ވަނީ އިތުރުކޮށްފަ އެވެ.

އޭދަފުށީ ކައުންސިލުން ބުނިގޮތުގައި މި މުބާރާތް އޮންނާނީ މިއަހަރުގެ ބައިނަލް އަގްވާމީ ޝެފުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މި މަހު 28 ވަނަ ދުވަހު އެވެ.

ޖުމްލަ 40 ޓީމު ބައިވެރިކުރުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ކޮންމެ ޓީމެއްގައި 18 އަހަރުން މަތީގެ މަދުވެގެން 3 މެމްބަރުން ތިބެން ޖެހޭނެ އެވެ.

ކަލިނަރީ ޗެލެންޖުގައި ބައިވެރިވާ ޓީމުތައް މުބާރާތަށް ތައްޔާރުވާނެ ގޮތްތައް ކިޔައިދިނުމަށް މުބާރާތް ފެށުމުގެ ކުރިން ސީޖީއެމުން ހާއްސަ ކުލާހެއް ބާއްވާނެ އެވެ. މި ކްލާސް މެދުވެރިކޮށް ބައިވެރިންނަށް އެކި ކަހަލަ ކެއުންތައް ތައްޔާރު ކުރާނެ ގޮތާއި މުބާރާތްތަކުގައި ކައްކާއިރު ގެންގުޅޭނެ އުކުޅުތައް ކިޔައިދޭނެ އެވެ.

މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް އޭދަފުށީ ކައުންސިލުން ލިބެން ހުންނާނެ އެވެ.

މި މުބާރާތުން އެކި ކެޓަގަރީތަކުން ވަނަތައް ހޯދާ ޓީމުތަކަށް މެޑަލް އާއި ސެޓްފިކެޓް ދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެކި ވަނަވަނަ އަށް ދާ ބައިވެރިންނަށް މެޑަލް އަދި ސެޓްފިކެޓްގެ އިތުރުން އިނާމުތައް ހިމެނެ އެވެ.

މިއަހަރުގެ ބައިނަލް އަގްވާމީ ޝެފުންގެ ދުވަސް ކުލަގަދަކޮށް އޭދަފުށީގައި ފާހަގަ ކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ. ކަލިނަރީ ޗެލެންޖުގައި މުބާރާތުގެ އިތުރުން މިދުވަސް ފާހަގަ ކުރުމަށް ބާއްވާ މައި ހަރަކާތް އޮންނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 1-5 ގެ ދަރިވަރުންނަށް ހާއްސަކޮށްގެން މިމަހުގެ 27 ވަނަ ދުވަހު ހަވީރު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.