ހިލަ ބާޖެއް ތުޅާދޫ ނެރަށް އަރައި ދަތުރުތައް ހުއްޓިފައި

ބ. ތުޅާދޫގެ ބޭރު ތޮށި ހެދުމުގެ މަސައްކަތަށް ދިޔަ އެމްޓީސީސީގެ ބާޖެއް، އެ ރަށަށް ވަންނަން އުޅުމުގެ ތެރޭގައި ނެރުމައްޗަށް އަރައި، އެހެން އުޅަނދުތަކަށް ރަށަށް ވަދެވޭނެ ގޮތެއް ނެތުމުން ދަތުރުފަތުރުތައް ހުއްޓިއްޖެ އެވެ.

ތުޅާދޫ ކައުންސިލުގެ ރައީސް ވިދާޅުވި ގޮތުގައި މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އެ ބާޖު ނެރުމައްޗަށް ބީހިފައި އޮތުމުން ރަށުގެ ބަނދަރުގައި އޮތް އެއްވެސް އުޅަނދަކަށް ބޭރަކަށް ނުނިކުމެވެ އެވެ. އެހެންވެ، ބަނދަރުގައި މިހާރު އޮތް ދެ މަސް ދޯންޏާއި މާލެ ދަތުރު ކުރާ ދެ ބޯޓާއި އެހެން ދޯނިތައް ވެސް މިހާރު އޮތީ ދަތުރު ނުކުރެވި ފަޅުތެރޭގައި ބަންދުވެފައި ކަމަށް އެތަނުން ބުންޏެވެ.

“ހަމައެކަނި ޑިންގީ ތަކުގައި ނެރުން މިވަގުތު ވަދެ ނުކުމެވެނީ،”

ނެރުގެ އެއް އަރިމައްޗަށް ވެލި ފައިބައި، ތިލަވެފައި އޮތުމުން ބީހިފައި އޮތް ބާޖު ކައިރިން ކުރިން، ކުދި ދޯނި ފަހަރަށް ނިކުމެވެ އެވެ. އެކަމަކު ބާޖު ފުންކުރަން ކުރި މަސައްކަތުގެ ތެރޭގައި އަނެއްކާ ވެސް އިތުރަށް ބީހި، ޑިންގީ ނުވަތަ ބޮއްކުރައަކަށް ނޫނީ މިހާރު އެ ދޭތެރެއިން ވަދެ ނިކުމެ ނުހެދޭ ކަމަށް ކައުންސިލުން ބުންޏެވެ.

“އަތޮޅު ފެރީއަށް ވެސް ރަށަށް ނުވަދެވޭތީ ބޭރުގައި އޮންނަނީ. ދެން މީހުން ޑިންގީ އަށް އަރައިގެން ފެރީއަށް ދަނީ. ހަމައެގޮތަށް ބާޖު ބީހުމުގެ ކުރިން މަހަށް ފުރާފައި އޮތް ދެ ދޯންޏަށް ވެސް ރަށަށް ނުވަދެވިގެން، މަސްވެރިން ވެސް ރަށަށް ފައިބަނީ ކުޑަ ބޮއްކުރައެއްގައި ކަނބާފައި،” ކައުންސިލް މެމްބަރު އަހުމަދު ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ލަފާފުރުމަށް އައި މި އުނދަގޫ ރައްޔިތުން ދަނީ ވަރަށް ބޮޑަށް ތަހައްމަލު ކުރަމުންނެވެ. ހާއްސަކޮށް މާލެ ދަތުރުކުރާ ބޯޓުތަކަށް ނުފުރޭތީ ގިނަ ބަޔަކަށް ދަތިވެފައިވާ ކަމަށް ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ ފިހާރަތަކަށް މުދާ ނުގެނެވޭތީ، ކާޑާއި ކެއިންބުއިމުގެ ބާވަތްތައް ރަށުގައި ހުރި މިންވަރު ބެލުމަށް މިއަދު މަސައްކަތް ފަށާނެ ކަމަށެވެ.

ތުޅާދޫ ބޭރު ތޮށިލުމުގެ މަސައްކަތުގެ 70 ޕަސެންޓް ނިމިފައި ވަނިކޮށް، ބާޖު ބީހުމުން އެ މަސައްކަތް ވަނީ ހުއްޓާލާފަ އެވެ. އަދި އެ ބާޖު ފުންކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރަމުން އަންނަ ކަމަށް ކައުންސިލުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.