ބ. އަތޮޅު ދިގުފަރު ފަރަށް ލެއްގި ސަފާރީ، ދެ ހަފްތާއެއްހާ ދުވަސް ފަހުން ފުންކޮށްފި އެވެ.
“ސޮލެއިން” ނަމަކަށް ކިޔާ މި ސަފާރީ ފުންކުރީ، އެ ސަފާރީގެ ވެރިފަރާތުން ކަމަށްވެ އެވެ.
ސަފާރީ ފަރަށް ލެއްވީ، ނަގިލި ލައިގެން ތިއްބައި، އައި ކޮޅިގަނޑެއްގައި ނަގިލި ކަހާލައިގެން މިމަހުގެ 4 ވަނަ ދުވަހު އެވެ. ސަފާރީ އެރިއިރު އޭގައި ޓޫރިސްޓުންވެސް ތިއްބެވެ. ނަމަވެސް ސަފާރީގައި ތިބި ޓޫރިސްޓުން ވަނީ ހަމަ އެދުވަހު ސަފާރީގެ ވެރިފަރާތުން ރޯޔަލް އައިލެންޑް ރިސޯޓަށް ގެންގޮސްފަ އެވެ.
ސަފާރީ ފަރަށް ލެއްގުމުގެ ސަބަބުން އޭގެ ބަނޑުފިލާ ފަޅައިގެން ގޮސްފައިވާ ދިޔަވުމުގެ ސަބަބުން އިންޖީނާއި ޖަނަރޭޓަރު އޮތީ ފެނު އަޑީގައި ކަމަށްވެ އެވެ. މި ސަފާރީއަކީ އިންޝުއަރެންސް ކޮށްފައިވާ އުޅަނދެއްކަމަށް ވެރިފަރާތުން ބުނެ އެވެ.
ރާއްޖޭގައި ގިނަ އަދަދެއްގެ ސަފާރީތައް ދުއްވާއިރު ސަފާރީތަކަށް ބަނދަރެއް ނެތުމުން ގިނަ ހާދިސާތައް ހިނގާފައިވެ އެވެ.