ކޮންމެ ހާލަތެއްގައިވެސް ސައްޓު ބޭނުންކުރަނީ އެފެންވަރުގެ ކުޅުންތެރިން ނެތީމަ: ނާސިރު

ސައްޓު ބޯޅަ ހިފައިގެން ކުރިޔަށް ދާން މަސައްކަތް ކުރަނީ. ފޮޓޯ/ރާއްޖެއެމްވީ

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މިލަންދޫ ޓީމަށްކުޅޭ އޭދަފުއްޓަށް އުފަން އިޝާން އިބްރާހީމް (ސައްޓު) އަށް ފަރިތަކުރުންތަކުގައި ބައިވެރިނުވެވޭތީ ކޯޗު މުހައްމަދު ނާސިރު އަނެއްކާވެސް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ދިވެހި ޕްރިމިއަރ ލީގުގައި މިއަދު އއ. މާޅޮހާ ދެކޮޅަށް ނިކުތުމުގެ ކުރިން ބޭއްވި ޕްރެސްގައި ނާސިރު ބުނީ މިލަންދޫ ޓީމުގައި ހުރި އެންމެ ހުނަރުވެރި ކުޅުންތެރިއަކީ ސައްޓު ކަމަށާއި، އޭނާއަށް ޓީމާއެކު ޕްރެކްޓިސް ކޮށްލަން ފުރުސަތު ނުލިބުމަކީ ނާސިރަށް އޮތް ޗެލެންޖެއް ކަމަށެވެ.

މިލަންދޫ ކޯޗު މުހައްމަދު ނާސިރު.– ފޮޓޯ: ނިޝާން އަލީ/ މިހާރު

” އަދިވެސް ސައްޓު ބޭނުމެއް ނުކުރެވޭ ޕްރެކްޓިހުގައި. އަބަދުވެސް މި އަންނަނީ މެޗު އޮންނަ ދުވަހު ނޫނީ އޭގެ ކުރީ ދުވަހު. އެ ހާލަތުގައި ވެސް ސައްޓު މި ބޭނުންކުރަނީ އެ ފެންވަރުގެ ކުޅުންތެރިން ނެތީމަ ” ނާސިރު ބުންޏެވެ.

މީގެ އިތުރުން ނާސިރު ބުނީ، ޓީމަށް ދެން ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ސްކޮޑުގައި ގިނަ ކުޅުންތެރިންގެ ނަން ހިމެނުނު ނަމަވެސް އެކަށީގެންވާވަރަށް ޕްރެކްޓިހުގައި ކުޅުންތެރިން ބައިވެރިނުވާ މައްސަލައެވެ. ނާސިރު ބުނީ ތިރީސް ކުޅުންތެރިން ޓީމުގައި ހިމެނުނު ނަމަވެސް ކޮޅަކަށް އެގާރަ ކުޅުންތެރިން އަރުވައިގެން ޕްރެކްޓިސް ނުކުރެވޭކަމަށެވެ. ކުޅުންތެރިން ހަމަ ނުވާތީ ޕްރެކްޓިސްގައި އޮފިޝަލުންވެސް ބައިވެރިކުރާކަމަށް ނާސިރު ވަނީ ބުނެފައެވެ.

މާޅޮސް މެޗަށް ސައްޓު ޓީމާއި ގުޅިފައިވަނީ ރޭގައެވެ. ބޭންކް އޮފް މޯލްޑިވްސް އޭދަފުށީ ބްރާންޗުގައި ވަޒީފާ އަދާކުރާ ސައްޓު ލީގުގެ ދެވަނަ ބުރުގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައިވަނީ އެންމެ ދުވަހަކުއެވެ. ވަޒީފާއިން ރިލީޒް ނުލިބޭތީ ސައްޓު މާލެ އަންނަނީ ކޮންމެ މެޗެއް އޮންނަ ދުވަހު ނޫނީ އޭގެ ކުރީ ދުވަހުއެވެ. މިފަހަރުގެ ލީގުގައި މިލަންދޫ ޓީމުގައި ސައްޓު މޮޅު ކުޅުމެއްދައްކާއިރު ލީގުގައި މިހާތަނަށް އޭނާ ވަނީ ތިން ގޯލު ޖަހާ ދެމެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމްވެސް ހޯދާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.