ފިހުނު ބިދޭސީ މީހާގެ ހާލު ސީރިއަސް، މާލެ ފޮނުވާލަނީ

ކެންދޫ ފަޅުގައި އޮތް ތެޔޮ ބޯޓުގައި ރޯވުމުން އެ ބޯޓު ފަޅުން ނެރިފައި — ފޮޓޯ/ އެމްއެންޑީއެފް

މިއަދު ހެނދުނު ބ. ކެންދޫ ފަޅު ތެރޭގައި އޮތް ތެޔޮ ބޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ބަންގްލަދޭޝް މީހާގެ ހާލު ސީރިއަސްކަމުން، މާލެ ފޮނުވާލަން މަސައްކަތް ކުރާ ކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުނެފި އެވެ.

ބ. އަތޮޅު ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ ފިހުނު މީހާ އަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ކަރުން ތިރީގެ ބޮޑު ބައެއް ފިހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ މީހާ އަށް އެންމެ ފުރަތަމަ ފަރުވާ ދިނީ ކެންދޫ ސިއްހީ މަރުކަޒުގަ އެވެ.

ތެޔޮ ހިފައިގެން ކެންދޫ އަށް ދިޔަ ޔޫ ފިލް ކުންފުނީގެ “ގަލްފް” ނަމަކަށް ކިޔާ ބޯޓުގައި މިއަދު ހެނދުނު ރޯވީ ތެޔޮ އެޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ގަލްފް ބޯޓުގައި ރޯވިއިރު، ދެ ދިވެހިންނާއި ބިދޭސީއަކު އޭގައި ތިއްބެވެ. އެކަމަކު، ދެ ދިވެހިންނަށް އަނިޔާއެއް ނުލިބި ވަނީ ސަލާމަތްވެފަ އެވެ.

ކެންދޫ ފަޅުތެރޭގައި އޮތް ބޯޓުގައި ރޯވެ އަނދަނީ. – ފޮޓޯ: ފޭސްބުކް

“ނަޔަމް ފިހާރަ” އަށް ޕެޓްރޯލާއި ޑީސަލް ހިފައިގެން ދިޔަ ބޯޓުގައި ރޯވި އަލިފާންގަނޑު ނިއްވާލިއިރު، ބޭނުން ނުކުރެވޭ ވަރަށް ބޯޓު ވަނީ އަނދައިފަ އެވެ.

އެމްއެންޑީއެފުން ބުނީ ބޯޓު ކެންދު އަށް ދިޔައީ 25،000 ލީޓަރު ޕެޓްރޯލާއި 6000 ލީޓަރު ޑީސަލް ހިފައިގެން ކަމަށާއި ސަލާމަތް ކުރެވުނީ 14،000 ލީޓަރު ޕެޓްރޯލް އެކަނި ކަމަށެވެ.

ރޯވި ތެޔޮ ބޯޓް އަޑިއަށް ގޮސްފައި.

މަންޒަރު ދުށް މީހަކު “މިހާރު” ނޫހާ ވާހަކަ ދައްކަމުން ބުނި ގޮތުގައި މި ހާދިސާ ހިނގީ ޕަމްޕެއް ބޭނުންކޮށްގެން ޕެޓްރޯލް އަޅަނިކޮށެވެ. ޕަމްޕު ކުއްލިއަކަށް ބޯޓު ތެރެއަށް ވެއްޓި، މުޅި ބޯޓު ތެރެއަށް ޕެޓްރޯލް ފޭބި ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނި ގޮތުގައި ބޯޓުގައި ރޯވީ، ސައިލެންސަރުގައި ހުޅު ހިފައިގެން ކަމަށް ބެލެވެ އެވެ.

އެ ބޯޓުގައި، އަލިފާން ރޯވުމުން ފަޅުތެރެއިން ނެރެ، ގިރިއެއް ކައިރިއަށް ބޯޓު ގެންދިޔަ ތަނާ ވަނީ އަޑިއަށް ގޮސްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.