އޭދަފުށީގެ ބިންހިއްކުމާއި ފުޓްބޯޅަ ދަނޑު ހެދުން އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިފި

ދައުލަތުން އަންނަ އަހަރަށް ކަނޑައަޅާ 2013 ވަނައަހަރުގެ ބަޖެޓްގައި އޭދަފުށީގެ ބިންހިއްކުމާއި ބޯޅަދަނޑު ހެދުމަށް ފައިސާ ހިމަނާފައިވާކަމަށް އޭދަފުށި ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.

ސަލީމް މިހެންވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރިޔަށްދިޔަ 2013ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ދިރާސާކުރެއްވި ކޮމެޓީން ހުށައެޅުއްވި ރިޕޯޓަށް ބަހުސްކުރުމަށް އެމަނިކުފާނަށް ލިބިވަޑައިގަތް ފުރުސަތުގައެވެ.

ސަރުކާރުން މަޖިލީހަށް ހުށައެޅި 16.9 ބިލިޔަން ރުފިޔާގެ ބަޖެޓްގައި އޭދަފުށީގެ ބިންހިއްކުމުގެ މަސްރޫއާއި ބޯޅަ ދަނޑު ހެދުން ކުރިން ހިމެނިފައެއް ނުވެއެވެ. ބަޖެޓް ދިރާސާކުރި ކޮމެޓީން އެކުލަވާލި 15.3 ބިލިޔަން ރުފިޔާގެ ބަޖެޓްގައި އޭދަފުށީގެ ބިންހިއްކުމާއި، ބޯޅަ ދަނޑުހެދުމުގެ މަޝްރޫއު ހިމެނުނު ނަމަވެސް މިކަން ސަރުކާރުން އަންނައަހަރު ތަންފީޒުކުރާނެކަމާމެދު ސަލީމްވަނީ ސުވާލު އުފައްދަވާފަ އެވެ.

“މި އިއްޒަތްތެރި މަޖިލީހުގެ ހިތްވަރުގަދަ މެމްބަރުން ކުރިމަސައްކަތުން މިކަން ކުރެވިގެން މިދިޔައީ. މިއީ ފަހަރެއްގައިވެސް މިސަރުކާރުން….. އަދި ނޭނގޭ އަންނައަހަރުގައި މިކަންކަން ތަންފީޒުކުރާނެކަމެއްވެސް. އެހެންނަމަވެސް ބަޖެޓްގައި މިއޮތީ ލެވިފައި. ދެންއޮތީ ރައްޔިތުންގެ މަސައްކަތް.”

ސަލީމް ވިދާޅުވީ ދާއިރާގެ ތަރައްޤީއަށް ހިމެނިފައިވާ މަޝްރޫއުތައް ތަންފީޒުކުރުމަށް ރައްޔިތުން މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާކަމަށެވެ. އަދި ހައުސިން މިނިސްޓަރުގެ ގެއާ، މިނިސްޓްރީ ކައިރީގައި ދާއިރާގެ ރައްޔިތުން ކިއު ހަދައިގެންނަމަވެސް މިކަންކަން ޖެނުއަރީ މަހު ފެށުމަށް ބާރުއެޅުމަށް ދާއިރާގެ ރައްޔިތުންނަށް ސަލީމު ގޮވާލެއްވި އެވެ.

“ކޮންމެދުވަހަކު ކިއުހަދައިގެންނަމަވެސް، އިންޑިއަން ހައިކޮމިޝަނުގައި ތިބޭގޮތަށް، ހައުސިން މިނިސްޓަރ ގޭދޮށުގައި ނުވަތަ މިނިސްޓްރީ ދޮށުގައި ކިއުހަދައިގެން މީހުން ތިބެގެންވެސް ޖަނަވަރީ މަސްތެރޭގައި މިމަސްރޫއުގެ މަސައްކަތްތައް ފެށުމަށް އަޅުގަނޑުގެ ދާއިރާގެ ރައްޔިތުންނަށް ގޮވާލަން. އަޅުގަނޑު ހުންނާނީ ކިއުގެ އެންމެކުރީގައި.”

އޭދަފުށީގެ ބިންހިއްކުމުގެ މަޝްރޫއު ބަޖެޓްގައި ހިމެނޭތޯ މިދިޔަ ސަރުކާރާ، މިސަރުކާރުގެ ތެރޭގައި ސަލީމް މީގެކުރިން ބުރަމަސައްކަތްތަކެއް ކުރައްވާފައިވެއެވެ. އަދި ސަރުކާރުން މިއަހަރު ބަޖެޓް ހުށައެޅިއިރު އެމަސްރޫއު ހިމެނިފައި ނެތުމުން ސަލީމްވަނީ އެކަމާ ހައުސިން މިނިސްޓަރަށް މިމަހުކުރީކޮޅު ވަރަށްބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ބިންފުރި ތޮއްޖެހިފައިވާ އޭދަފުށީގެ ފަޅުން ގާތްގަޑަކަށް 24 ހެކްޓަރުގެ ބިން ހިއްކޭނެކަމަށް ބައެއް ފަރާތްތަކުން ލަފާކޮށްފައިވެއެވެ. މިމަސްރޫއުގައި ހިއްކުމަށް ހަމަޖެހިފައިވަނީ ކިހާވަރެއްކަމެއް އަދި ނޭގެއެވެ. މިހާރު ގާތްގަޑަކަށް 30 ހެކްޓަރުގެ ބޮޑު އޭދަފުށިން، ޖާގަނެތުމުގެ ސަބަބުން ގޯތިދޫނުކުރާތާ 23 އަހަރުވަނީ ވެފައެވެ. ބިންހިއްކުމުގެ އިތުރުން ބޯޅަ ދަނޑު ހެދުމަށް ބަޖެޓްގައި ހިމެނިނަމަވެސް އެކަންކަމަށް ކަނޑައެޅި ބަޖެޓް އަދި އެކަން ކުރަންނިންމާފައިވާ ފެންވަރެއްވެސް ބަޖެޓުން އަދި ސާފެއްނުވެއެވެ.

ސަލީމް ވިދާޅުވީ ކޮމެޓީގައި ކުރެވުނު މަސައްކަތުން މިދާއިރާގެ ހިތާދޫގައި ނަރުދަމާއެއް އެޅުމާއި، ބޭރުތޮށި މަރާމާތުކުރުން އަދި މާޅޮހު ތޮށިގަނޑު މަރާމާތުކުރުމުގެ މަސައްކަތްވެސް ހިމެނިފައިވާކަމަށެވެ. އަންނަ އަހަރުގެ ބަޖެޓް ފާސްކުރަން ވޯޓަށް އެހުން މާދަމާ އޮންނާނެކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.