ރޯވި ތެޔޮ ބޯޓް ކަމަދޫ ފަރުމަތީގައި، މުޅި ރަށު ތެރޭގައި ޕެޓްރޯލް ވަސް

ބ. ކެންދޫ ފަޅު ތެރޭގައި މިދިޔަ ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ފެތުނު ތެޔޮ ބޯޓް ކަމަދޫ ދެކުނު ފަރާތު ނެރު ފަރުމައްޗަށް އަރުވާލުމުގެ ސަބަބުން މުޅި ރަށޫ ތެރެއަށް ޕެޓްރޯލް ވަސް ފެތުރި އާއްމުންނަށް ދަތިތަކެއް ކުރިމަތި ވެއްޖެ އެވެ.

މިދިޔަ ހުކުރު ދުވަހު ރޯވުމާ އެކު ކެންދޫ މީހުން ވަނީ އެ ބޯޓުގައި ވާ ޖަހައި ރަށުގެ ފަޅުން ބޭރުކޮށްފަ އެވެ. އަދި އެ ހާދިސާގައި ބޯޓުގެ ކޮޅުފަސްކޮޅު އަޑިއަށް ގޮސް ބޯޓު ކޮޅަށް ޖެހިފައި ހުރި އިރު، އޮޔާ ހިނގައިދާނެތީ އޮތީ ބޮއެފަރު ގިރި އަށް ނަގިލި ލައި އަޅައިފަ އެވެ.

ބޯޓު އެ ތާނގައި އަޅާފައި އޮތް އިރު ބޯޓުން ގިނަ އަދަދެއްގެ ތެޔޮ ވަނީ ކަނޑަށް ލީކްވެފަ އެވެ. ނަމަވެސް މިދިޔަ އާދީއްތަ ދުވަހު ހެނދުނު ބޯޓުގެ ވާ ކަނޑައިގެން ގޮސް ބޯޓު އޮޔާ ދާން ފެށުމުން، ބޯޓުގެ ވެރިފަރާތުން ވަނީ ބޯޓު ފަރަކަށް އެރިޔަނުދީ ހިފެހެއްޓުމުގެ މަސައްކަތް ފަށައިފަ އެވެ.

ނަމަވެސް އެކަން ކާމިޔާބު ނުވެ، މީގެ ތިން ދުވަސް ކުރިން އެ ބޯޓު ވަނީ ކަމަދޫ ދެނުކު ފަރާތު ފަރު މައްޗަށް އަރައިފަ އެވެ.

ބ. ކަމަދޫ ކައުންސިލް ނައިބް ރައީސް އަހްމަދު ސާޖިދު ވިދާޅުވި ގޮތުގައި އެ ބޯޓު މީގެ ތިން ދުވަސް ކުރިން އެރަށު ފަރަށް ގަސްތުގައި އަރުވާލީ އެވެ.

މިދިޔަ އާދީއްތަ ދުވަހު ތެޔޮ ބޯޓު ދެފެން ދޭތެރޭން އޮޔާ ދަނިކޮށް، ފަރަކަށް އެރިޔަ ނުދީ ހިފަހައްޓާފައި

“މިއީ ބެލެވެނީ ގަސްތުގައި ކޮށްފައި އޮތް ކަމެއް ކަމަށް. ކެންދޫ ކައިރީގައި ރޯވި ބޯޓެއް ކަމަދޫގެ އުތުރުފަޅިން އެއް މޭލު ބޭރުން ފުލުހުންވެސް ވިދާޅުވި ކަމަށް ވަނީ ގެންދަން. ނަމަވެސް މިހާރު އެއޮތީ މިރަށު ދެކުނު ފަޅިން މިލައިދޫ ރިސޯޓް ދިމާލުން ނެރާ ދިމާޅުން ކަމަދޫ ނެރު މައްޗަށް ފަރަށް އަރުވާލާފައި،”

ސާޖިދު ވިދާޅުވި ގޮތުގައި ބޮޑަށް ބެލެވެނީ ބޯޓު ފުންކުރަން ފަސޭހައަކަށް ކަމަށް އެމީހުންނަށް ފެންނާތީ އަރުވާލާފައި އޮތްކަމަށެވެ.

“މި ބޯޓު ފުން ކުރަން ފަސޭހައަކަށް އަރުވާލާފަިއ އޮތް ކަމަށް ބެލެވެނީ. ވާވެސް އަލާފައި އޮތީ،”

އެރަށޫ ކައުންސިލުން ބުނީ ބޯޓުން އެރަށޫ ފަޅތެރއަށް ޕެޓްރޯލު ލީކުވެ، މުޅި ރަށު ތެރެއަށް އޭގެ ވަސް ފެތުރުމުގެ ސަބަބުން އެރަށު ސްކޫލުގެ ކިޔެވުންވެސް މެދު ކަނޑާލައި ދަރިވަރުން ގެއަށް ފޮނުވާލަފައިވާ ކަމަށެވެ.

“ރަށު ތެރޭގައި ވަރަށް ވަސް ގަދަ، ހުރިހާ ބޮޑެތި މީހުންވެސް ބޯ އަބުރާގަނެ ގެއިން ނުނުކުމެ ވަރުވެފައި ތިބީ، ތިބީ. ވަރަށް ޑެންޖަރަސް،”

ބޯޓު ފުންކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.